އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
\ޤާނޫނުއަސާސީއަށް ގެނެވުނު މައިގަނޑު 5 އިސްލާޙަކީ ރައްޔިތުންނަށް ބާރު ލިބިދޭ އިސްލާޙުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މި އިސްލާޙުތައް ތަފްސީލުކޮށްދެއްވަމުން ވިދާޅުވީ، މީގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދާ ގުޅޭ، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ޝަރުޠުތަކާ ގުޅޭ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ، އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ގުޅޭ އިސްލާޙުތައް ހިމެނޭ ކަމަށެވެ.
ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމަށް މިހާރު ރައްޔިތުންގެ ވޯޓާއި މަޖިލީހުގެ 3/4ގެ އަޣުލަބިއްޔަތު ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޭރު ސިފައިންނަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން. މިއޮތް ހުރިހާ ދުވަހު ރާއްޖޭގެ ސަރަހައްދަށް ބަދަލަށް ގެންނަންޏާ ނުޖެހޭ ރައްޔިތުންގެ ބަހެއް ހޯދާކަށް. ރައްޔިތުންގެ މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ ވޯޓަކުން ރާއްޖޭގެ ސަރަހައްދު ބަދަލުކޮށްލެވޭނެ. ނަމަވެސް އަޅުގަނޑުމެން މި ގެނައި ބަދަލުގައި އެންމެ އަކަ އިންޗިއެއްވެސް ބަދަލުކުރެވޭނީ 4 ބައިކުޅަ 3 ބައިގެ އަޤްލަބިއްޔަތުން" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލިސް މެންބަރުންގެ ސިޔާސީ ފިކުރު ބަދަލުކުރުމަކީ ރައްޔިތުންގެ ވޯޓާ ޚިލާފުވުމެއް ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުނަގަން މަޖިލީހުން ނިންމާނަމަ، ރައްޔިތުންގެ ވޯޓެއް ބޭނުންވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ސިޔާސީ ތަޢައްސުބުން އެއްކިބާވެވަޑައިގެން، ވިސްނާވަޑައިގެންފި ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ބޭފުޅަކަށްވެސް ވަރަށް ފަސޭހައިން ފަހުމުވެވަޑައިގަންނަވާނެ ޤާނޫނުއަސާސީ މިހާރުކަން މިއޮތީ ކުރިއަށްވުރެ ރަނގަޅަށް ރައްޔިތުންގެ ބާރުވެރިކަން ޔަގީންކުރެވިފައި. ރައްޔިތުންގެ ޙައްގުތައް ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުން ބޭނުންވާގޮތަށް ކޮންޓްރޯލް ލިބިފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި އިސްލާޙުތަކަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެނެވުނު ބަދަލުތަކެއް ކަމަށެވެ. މި އިސްލާޙުތަކުން ރައްޔިތުންނަށް އިތުރު ބާރުތަކެއް ލިބިދޭކަން ރައީސް ފާހަގަކުރެއްވިއެވެ.
Advertisement
8 ޑިސެމްބަރ 2024