އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު
ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު ޢަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ގއ. ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ. ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫޢުތައް ހިންގެވުމުގެ އިތުރަށް، ޢުމްރާނީ ގޮތުން އިތުރު ތަރައްޤީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ތަޢުލީމީ ދާއިރާއާއެކު ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގއ. ކަނޑުހުޅުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ ޢަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޞިއްޙީ އިތުރު ފަރުވާއަށް ބޭނުންވާ ބަލި މީހުން އުފުލުމަށް ބޭނުންކުރާ ސީ-އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގއ. ކަނޑުހުޅުދޫ ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވުމަށް، މާލެ ވަޑައިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށްޓަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކުޅިވަރުގެ ދާއިރާއަކީ ގއ. ކަނޑުހުޅުދޫއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ފުޓްސަލް ދަނޑަށް ގެންނަންޖެހޭ ތަރައްޤީ ގެނެސްދެއްވައި، ފުޓުބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށް، އެތުލެޓިކްސްއަށް ބޭނުންކުރެވޭ ގޮތަށް ތަން ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
Advertisement
8 ޖެނުއަރީ 2025