އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
މީހަކު ދީނާ ދުރިހެލިވާނަމަވެސް އަދި މީހަކު ލައްވައި ދީނަށް ޢަމަލުކުރުވަން ޢަމަލުކުރަންވެސް އެންމެ ކާމިޔާބު ގޮތަކީ އެމީހަކާއި ގާތް ގުޅުން އުފައްދައި އެމީހަކަށް ހެޔޮކޮށް ހިތުމެވެ. ވެވެން އޮތް މިންވަރަކުން އެހީތެރިވެސްވުމެވެ.
ގެއަށްވެސް ގެންދާށެވެ! ގޮވައިގެން ކެފޭތަކަށްވެސް ދާށެވެ. އެމީހަކާއިމެދު ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ! އޭނާގެ ހިތް ތިބާގެ މައްޗަށް ލަންބުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ތިބާއަކީ ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ޢަމަލުކުރާ މީހަކުކަން އޭނާއަށް ދައްކައިދޭށެވެ.
ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް މުސްލިމުން ތިބި އިންޑޮނޭސިޔާއަށް ބަލާށެވެ! އެމީހުން އިސްލާމްވީ ބޮޑު ޢިލްމުވެރިއަކު ގޮސް ޝަހާދަތް ލައިދީ ދީނަށް ގޮވާލައިގެނެއް ނޫނެވެ. ޔަމަނުން ދިއަ މުސްލިމުން އެމީހުންނަށް ދެއްކި ރިވެތި އަޚްލާޤުންނެވެ. ކުރިން މިބުނި މަގުން ކަންކަންކުރީތީއެވެ.
އަމިއްލަ ދަރިންނަށް ނަޞޭޙަތް ދިނުމުގައިވެސް ހަމަ މިގޮތްތައް ބޭނުންކުރާށެވެ! ދަރިންނަށް ހެޔޮކޮށް ހިތާށެވެ! އިސްލާމް ދީނަށް ޢަމަލުކުރުމުގައި ނަމޫނާ ދައްކާށެވެ! ލޯބިދޭށެވެ. އެއިރުން އެކަންކަމުގެ ބާރުގައި ކަންކަން ދާނީ ރަނގަޅުވަމުންނެވެ.
ކޮންމެހެން އަމުރުކުރަންޖެހޭ ޙާލަތެއްގައި ނޫނީ އަމުރުނުކުރާށެވެ! އަމުރުކުރުން ވީހައި މަދުކޮށް އޯގާތެރިކަން އިސްކުރާށެވެ! ދަރިން ކަމަސްވެސް އެކުދިން ހިތް މައިންބަފައިންގެ މައްޗަށް ލެނބި ބަސްޤަބޫލުކުރަން އެއިރުން ބޮޑުތަނުން ފަސޭހަވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
8 ޖެނުއަރީ 2025