އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު
މަރާއި ބައްދަލުކުރަން ނުޖެހި ނުދާނެކަމަށްވުރެ ޔަޤީންކަންބޮޑު ކަމެއް ނެތެވެ. ނަމަވެސް ގިނަބައަކަށް މިތިބެވެނީ އެކަމަށް ޣާފިލުވެގެންނެވެ. ހަމަ އެއާއިއެކު ތިމާއަށް ސުވަރުގެ ލިބުމަށާއި އެކަކު އަނެކަކު ދެކެ އިޚްލާޞްތެރިކަމާއިއެކު ލޯބިވުމުގައިވެސް ގިނަ ބައަކު މިވަނީ ފޭލްވެފައެވެ. އަދި ހަމަ އެހެންމެ ފިރިމީހާގެ ހިތް ޙަލާލު ހޯދަން މަސައްކަތްކުރެވޭ އަނބިންވެސް އަންނަނީ މަދުވަމުންނެވެ.
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! އަސަރުން ފުރިގެންވާ ލޯބީގެ ވާހަކައެކެވެ. އީމާންކަމުން ހިތްފުރިގެންވާ އަންތބެއްގެ ވާހަކައެވެ.
ދަތުރުކުރަމުން ދިއަ ބޮޑު ފަސިންޖަރު ލައިނަރެކެވެ. މާސިންގާކަނޑެއްގެ މެދުތެރެއިން ކޮޅިގަނޑެއްގައި ޖެހުނީއެވެ. ކަނޑުގަދަވެ ރާޅުއަރަންފެށީއެވެ. އުޅަނދު ފެންމަތީގައި ނުހުރެދާނެކަން ޤަބޫލުކުރެވުމުން ޑިންގީތަކަށް ފައިބަން ތައްޔާރުވެގެން އަވަހަށް ޑެކްމައްޗަށް ނުކުތުމަށް އިންޒާރުދިނެވެ.
އިންޒާރަށް އެންމެން އަވަސް ޖަވާބު ދިނެވެ. ތެޅެމުން ފޮޅެމުން އަވަސްއަވަހަށް ޑެކް މައްޗަށް ނުކުންނަން ފެށިއެވެ. އަންހެނުންވެސް ލައިގެން ތިބީ ވީހައި ފަސޭހައިން ފަތައި ހެދޭނެ ހެދުމެވެ. ސްވިމްސޫޓެވެ. ކުދިކުދި ސޯޓުކޮޅުތަކާއި ޓީޝާޓްކޮޅުތަކެވެ.
އަހަރެންގެ އަންހެނުން މުޅިން ތަފާތެވެ. އޭނާ ފުރަތަމަވެސް ވުޟޫކޮށްގެން 2 ރަކްޢަތް ނަމާދެއްކުރީއެވެ. ބުރުގާއަޅައި އަޢުރަ ނިވާކުރިއެވެ. އެއަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ޑެކްމައްޗަށް ދިއައެވެ. އެއިރު އެންމެން ލައިފްޖެކެޓް އަވަސްއަވަހަށް ޑިންގީތަކަށް ފައިބަނީއެވެ. އެވަޤުތުގެ ޙާލަތު ހުރިގޮތުން ދެމަފިރިން ކިތަންމެ ބޭނުންވި ނަމަވެސް އެއް ޑިންގީއަކަށް އެރޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އެވަޤުތު އެއްވެސް މީހަކު އެކަމަށް ނުވެސް ވިސްނައެވެ.
މީހުން ކަންބޮޑުވެ ރޯއަޑު ގަދަކަމުން ހީވަނީ އެހެންކަމެއްހެންނެވެ. ނަމަވެސް އަހަރެންގެ އަންހެނުން ރޯކަށް ނުއުޅެއެވެ. އޭނާ އަހަރެންނާއި ކުރީ އެންމެ ސުވާލެކެވެ. "ލޯބިވާ ފިރިމީހާއެވެ. އިންސާނަކަށްވީތީ އަހަރެންނަށް ވެސް ބައިވަރު ކުށްތައް ކުރެވިފައިވާނެއެވެ. އަހަރެންނަށް ހިތް ޙަލާލުހެއްޔެވެ؟ ޤިޔާމަތް ދުވަހު އަހަރެންވާނީ ފިރިމީހާގެ ހިތްޙަލާލުލިބިގެންވާ ކިޔަމަންތެރި އަންތބަކަށް ހެއްޔެވެ؟"
އަހަރެން ހަމަ ޙައިރާންވީމެވެ. އޭނާގެ ފުރާނައާއިމެދު އެއްވެސް ކަންބޮޑުވުމެއް ނެތެވެ! މަރުވެދާނެތީ ޖެހިލުންވުމެއް ނެތެވެ. ކޮންމެއަކަސް ވަރަށް ލޯބިން ބައްދާލާފައި ބުނީމެވެ. "ތިއައަށްވުރެ ހެޔޮލަފާ އަންތބަކު ދުނިޔޭގައިވެސް ނުވާނެއެވެ. ހިތް ހަމަ މުޅިންސާފެވެ. އިރާދަކުރެއްވިއްޔާ ސުވަރުގޭގައި ވާނީ އެކުގައެވެ."
އެވަޤުތަކީ އުޅަނދު ކަނޑަށް ފެތުނު ވަޤުތެވެ. ދެމީހުން ވަކިވީއެވެ. އަނެކަކު ކޮބައިކަމެއް ނުވެސް އެނގުނެވެ. އެހިސާބުން މަސައްކަތްކުރަން ޖެހުނީ އަމިއްލަ ފުރާނަ ސަލާމަތްވޭތޯއެވެ!
އަހަރެން ހޭއެރީ ހަވާއީގެ ހޮސްޕިޓަލެއްގައި އޮއްވައެވެ. ހޭވެރިކަންވުމުން ފުރަތަމަވެސް ސުވާލުކޮށްލެވުނީ އަނބިމީހާ ކޮބައިތޯއެވެ. ޖަވާބެއް ނުލިބެއެވެ. އިންޖެކްޝަނެއް ޖަހައި ނިންދަވައިލީއެވެ. ހަމައަކަށް އެޅުނީ 4 ދުވަސްފަހުންނެވެ. އަނބިމީހާގެ އެއްވެސް ޚަބަރެއް ނުލިބުނެވެ. އެތައް ބައަކު ކަނޑުވެ މަރުވިއެވެ. ވީމާ ދެމީހުން ދެން ބައްދަލުވާނީ ސުވަރުގެއިންކަމަށް އުންމީދުކޮށް ހިތްހަމަޖައްސައިލީއެވެ.
އެނބުރި ޤައުމަށް އައިސް 2 ދަރިންނާއިއެކު ދިރިއުޅެމުން ދިއައީ އަނބިމީހާގެ ހަނދާންތައް ކުރަމުންނެވެ. 2 އަހަރުވީއިރުވެސް އަނބިމީހާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަފްސާނީ ގޮތުން ބަލިކަށިވެފައިހުރިވަރުން ދެވަނަ ކައިވެންޏެއްކުރަން ޢާއިލާއިން ވަރަށް ބާރުއެޅިއެވެ. ނަމަވެސް ދެވަނަ ކައިވެންޏެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. އެފަދަ ކަމަކަށް ވިސްނައިލިނަމަވެސް ހަނދާނަށް އަންނަނީ އެންމެ ފަހު ވަޤުތު އަނބިމީހާ ދެއްކި ވާހަކަތަކެވެ. ހިތްޙަލާލުހޯދިކަމެވެ.
އެއްދުވަހަކު މެންދުރު މީހަކު ދޮރުގެ ބެލްޖެހުމުން ހުޅުވީމެވެ. އަހަރެންގެ ލޯބިވާ އަނބިމީހާ އެނބުރިއައީއެވެ. އޭނާއަށް ދެވުނީ އެފްރިކާގެ ޤައުމަކަށެވެ. އެއީ އޭނާ ނެގީ އެޤައުމުގެ ބޯޓަކުން ކަމަށްވުމުންނެވެ. ޚަބަރެއް ނުކޮށް ހުރީ ގެއަށް ގުޅުމުން އަހަރެން މަރުވެއްޖެ ކަމަށް ބުނެފާނެތީ އެއަޑު އަހަން ބޭނުންނުވާތީއެވެ. ދުވަސްނެގީ އެޤައުމުގެ ކަންކަން ހުންނަގޮތުން ޓްރެވަލް ޑޮކިޔުމަންޓެއް ހަދަން ގިނަދުވަސްތަކެއް ހޭދަކުރަންޖެހުމުންނެވެ. ލިބުނު އުފާވެރިކަން ބޮޑުކަމުން ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ.
މިއީ މިޞުރުގެ ނޫހަކުން ކިޔާފައިވާ ވާހަކައެކެވެ. އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް އަސަރުކުރާނެ ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށެވެ.
- ނާޒްލީ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
12 ޖެނުއަރީ 2025