އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާއާ ކުރިމަތިލި މުވައްޒަފަށް ސްޓެލްކޯއިން މެޑަލް އޮފް ބްރޭވަރީ އަރުވައިފި

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާއާ ކުރިމަތިލި މުވައްޒަފަށް ސްޓެލްކޯއިން މެޑަލް އޮފް ބްރޭވަރީ އަރުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހުންނާ ކުރިމަތިލި މުވައްޒަފަށް ސްޓެލްކޯއިން މިއަދު މެޑަލް އޮފް ބްރޭވަރީ އަރުވައިފިއެވެ.

މިކަމަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެޑަލް އޮފް ބްރޭވަރީ އާއި އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން އަރުވާފައިވަނީ، 14 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު ދެމީހުން ހުއްޓުވައި، އެމީހުން ކަމާބެހޭ ފަރާތްތަކާ ޙަވާލުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި، އަދި ވަގުން ދިން ހަމަލާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު، އަޙުމަދު ވިޝާންއަށެވެ.

މީގެ އިތުރުން، ވިޝާންއާއެކު ޙާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވި ސްޓެލްކޯގެ އިތުރު މުވައްޒަފެއް ކަމަށްވާ ސަރުވާން މުޙައްމަދަށްވެސް ކުންފުނީގެ ފަރާތުން ވަނީ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން އަރުވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ ވިދާޅުވީ "މި ކުންފުންޏަކީ މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި އަޅާލާ، އޯގާތެރި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއް އަބަދުވެސް. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކަން މި އަރުވަނީ މިއަދުވެސް ކުންފުނީގެ މެނޭޖްމަންޓް އޮތީ ހަމަ އެގޮތަށޭ. ތިބޭފުޅުންނަށް ދިމާވާ ކޮންމެ ކަމެއްގަ އަޅުގަނޑުމެން ފަހަތުގަ ތިބޭނަން. އެކަމަކީ އަނިޔާއެއް ލިބުންކަމުގައިވިޔަސް، އުފަލެއް ލިބުންކަމުގައިވިޔަސް އަދި ހިތާމައެއް ލިބުންކަމުގައިވިޔަސް ކުންފުނީގެ މެނޭޖްމަންޓް އެކަމުގަ (މުވައްޒަފުންގެ) ފަހަތުގަ ތިބޭނެ. އެކަމުގަ (މުވައްޒަފުން ބޭނުންވާ) އެއްބާރުލުން އަޅުގަނޑުމެން ތިބޭފުޅުންނަށް ދޭނަން. އަޅުގަނޑު ޔަޤީންކަން މި އަރުވަނީ، ތިބޭފުޅުން ރެއާ ދުވާލު ތި ކުރާ މަސައްކަތުގަ ލިބޭ ގެއްލުންތަކުގަ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސްކަހަލަ އިހުމާލުވުމެއް ނޯންނާނެ. ތިބޭފުޅުންގެ ފަހަތުގަ އަޅުގަނޑުމެން ތިބޭފުޅުންނަށް ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދޭނަން"، ކަމަށެވެ.

ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު ވިދާޅުވީ، ކުންފުންޏަށް މިހާތަނަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައިވަނީ މުވައްޒަފުންނަށް ވަޒީފާގެ މާޙައުލުގައި ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަމާއި އިތުބާރާއި ހިތްހަމަޖެހުން ހޯދައިދެވިފައި އޮތުން ކަމަށެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހުން އަތުލައިގަނެވިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުމާ ގުޅިގެން، ޓްރާންސްފޯމަރުތައް ޗެކުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. މި ޙާދިސާގައި ވަގުން މަސައްކަތްކޮށްފައިވަނީ ޓްރާންސްފޯމަރުތަކުގެ އެތެރޭގައި ލޮއިން ހަދާފައިވާ ބައިތައް ވަގަށްނެގުމަށެވެ.

މި ޙާދިސާއާ ގުޅިގެން ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ސްޓެލްކޯގެ ލާޒިމް ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަމަށް އިތުރު މަސައްކަތް ކުރުމަށް ނިންމާފައެވެ.

ވަގުން ސްޓެލްކޯގެ މުވައްޒަފު އަޙުމަދު ވިޝާންއަށް ޙަމަލާދީފައިވަނީ އެމީހުން ބޭނުންކުރަމުންދިޔަ ރެންޗަކުންނެވެ. މި ޙަމަލާގައި ވިޝާންގެ މޫނުމަތިން ދެތަނެއް ފަޅައިގެންގޮސްފައިވެއެވެ. ހަމަލާ ދިން މީހާ ފިލާފައިވީނަމަވެސް ވައްކަންކުރުމުގައި ޙަރަކާތްތެރިވި ދެވަނަ މީހާ ހިފަހައްޓައި އޭނާ ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

މި ޙާދިސާއަށްފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓު ދެވިފައިވަނީ އެރޭ 21:45 ހާއިރުއެވެ.

ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މުވައްޒަފުންގެ ޚިދުމަތުގެ އަގު މިފަދައިން އަދާކުރަން ފެށުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި މުވައްޒަފުން މިފަދަ ނުރައްކާތެރި ޙާލަތްތަކަށް ކުރިމަތިލަނީ މިކަންކަން ހިނގާފާނެކަން ދެނެގެން ތިބެގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މުވައްޒަފުންގެ ހިތްވަރާއި ޤުރުބާނީއަށް ޝުކުރު އަދާކުރެއްވިއެވެ. މި ޙާދިސާއިން ދައްކައިދެނީ ސްޓެލްކޯގެ މުވައްޒަފުން ކުންފުނީގެ މުދަލާއި ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ މުހިންމުކަމެވެ. އަދި ކުންފުނިން މުވައްޒަފުންގެ އަގުވަޒަންކުރާކަމުގެ ހެއްކެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު