އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 46 ސިކުންތު
ސަޣީރު އާއި ޖާން އަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. ސަޣީރަކީ ޖާނުގެ މުވައްޒިފެކެވެ. ލިބޭ މުސާރައިން ސަޣީރުގެ ދެމަފިރިންނަށް އުފަލުގައި ދިރިއުޅެވޭވަރުވެއެވެ. މުސާރައިގެ އިތުރުންވެސް ޖާން އެދެމަފރިންނަށް އެހީތެރިވެއެވެ.
ޖާން ބޭނުންއިރަކު ސަޣީރުގެ ގެއަށްގޮސް ވަޤުތު ހޭދަކުރެއެވެ. އެގެއިން ކައިބޮއިވެސް ހަދައެވެ. އެއިގެ އިތުރުން އެދެމަފިރިން ގޮވައިގެން ބޭރަށްގޮސް އުފާވެސް ކުރެއެވެ. އެހެންކަމުން ސަޣީރު އަބަދުވެސް ހުންނަނީ ޖާންއަށް ޝުކުރުވެރިވުންމަތީގައެވެ. އޭނާގެ ވަޒީފާގެ އިތުރުންވެސް ވަރަށް ގިނަ ކަންކަމުގައި ޖާންއަށް އެހީތެރިވެއެވެ. އެކަމުން ޖާންއަށް ވަރަށް ފައިދާވެސް ކުރެއެވެ.
އެގޮތުގައި ދުވަސްތަކެއް ފާއިއތުވިފަހުން އެއް ދުވަހު ހަވީރު ސަޣީރު ބޮލުގައި ރިއްސާތީ އަރާމުކޮށްލަން ބޭނުންވެގެން އޮފީހުން ތަންކޮޅެއް އަވަހަށް ގެއަށް އައިސް ދޮރުހުޅުވައިލުމުން ފެނުނީ ކަޅިހުއްޓޭފަދަ މަންޒަރެކެވެ. އޭނާގެ ބޮސް އަދި އެންމެ ގާތް އެކުވެރިޔާ ޖާން އޭނާގެ އަނބިމީހާއާއިއެކު ގުޅުންހިންގަނީއެވެ. ކޮޓަރިއަކުވެސް ނޫނެވެ. އެއްވެސް ބިރެއް ނެތި ސިޓިންގ ރޫމްގެ ސޯފާގައެވެ.
ސަޣީރު މަޑުމަޑުން ހިނގާފައި ގޮސް ކުރިމަތީގައި ހުރި ސޯފާގައި އިށީނދެއިންއިރު އެކަންވެސް އެދެމީހުންނަކަށް ނުއެނގުނެވެ. އެދެމީހުން ކުރަންބޭނުންވާވަރަށް ކަންކަން ކޮށްފައި ތެދުވެ ބަލައިލިއިރު ސަޣީރު އެތަނުގައި އިންތަން ފެނުމުން ދެމީހުންވެސް ދިއައީ ސިއްސައިގެންނެވެ.
ޖާން އަވަސްއަވަހަށް އެއްޗެތި ލައިގެން ނުކުމެގެން ދިއައިރުވެސް ސަޣީރު އަނގައަކުން ނުބުނެއެވެ. ޖާން ދިއުމުން އަނބިމީހާގެ ގާތުގައި ބުނީ ފެނުނު ކަންކަމުން ފުދިއްޖެ ކަމަށާއި ތިއައިނީ ވަރިކޮށްފައިކަމަށެވެ. އަދި އަވަހަށް ގެއިން ނުކުމެގެންދިއުމަށެވެ.
އަނބިމީހާ މާފަށް އެދި އާދޭސްކުރިއެވެ. އެއީ ޖާން އާދޭސްކުރާވަރުން ކުރެވުނު ކަމެއްކަމަށާއި އެއީ އެފަދަ ކަމެއް ކުރެވުނު ފުރަތަމަ ފަހަރުކަމަށްވެސް ބުންޏެވެ. ނަމަވެސް ސަޣީރު އެއިން އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުމެއް ނުވިއެވެ. ކޮށްޕައި ގެއިން ނެރެލީއެވެ.
އަނބިމީހާއަށް ކުރެވުނު ކުށް އިޙްޞާޞްކުރެވުމުން ވަރަށް ދެރަވިއެވެ. އެރޭ ޖާން އަށް ގުޅައި އޭނާ ވަރިކޮށްފި ކަމަށާއި ވަޢުދުވީފަދައިން އޭނާ އާއި ކައިވެނިކުރަން އެދުނެވެ. ނަމަވެސް ޖާން ދިން ޖަވާބަކީ ލޯބިން ކައިވެނިކޮށްގެން އުޅުނު ފިރިމީހާއަށް ތެދުވެރިނުވެ އެތައް ދުވަހެއް ވަންދެން އޭނާއާއިއެކު އަންތބެއް ފަދައިން ގުޅުން ހިންގި އަންހެނަކު އޭނާއަށް ތެދުވެރިވާނެ ކަމަށް ޤަބޫލުކުރުމަކީވެސް މޮޔަކަމެއް ކަމަށެވެ.
އެހެންވެ އައި ރުޅީގައި ޖާންގެ ގެއަށް ގޮސް ދެމަފިރިން އެކުގައި ތިއްބައި ޖާންގެ ޝަކުވާކުރިއެވެ. އޭނާއަށް ދިން ބޮޑު ދެރައިގެ ވާހަކަ ދައްކައި ޖާންއަށް ޖެހޭނީ ދެވަނަ އަންތބެއްގެ ގޮތުގައި އޭނާ އާއި ކައިވެނިކުރަން ކަމަށްވެސް ބުންޏެވެ. އަދި އެއިރުން ޖާންގެ އަނބިމީހާ އަށް ވަރަށް ހެޔޮކޮށް ކަންކަން ކުރާނެ ކަމަށްވެސް ބުންޏެވެ.
ޖާން އަށް ބަހެއް ބުނާނެ ފުރުޞަތުވެސް ނުދީ ހުރިހާ ވާހަކަތަކެއް ދައްކައިލުމުން ޖާންގެ އަނބިމީހާ ތެދުވެގެން ދިއައީއެވެ. ދިއުމުން ދެމީހުން ހީކުރީ ދެމީހުން ވާހަކަދައްކައިގެން ކަންކަން ޙައްލުކުރަން ފުރުޞަތުދީފައި ދިއައީ ކަމަށެވެ.
ޖާން އިނީ މޮޔަވާވަރުވެފައެވެ. އަނބިމީހާ ނުބައި ގޮތަކަށް ވިސްނައި ފިޔަވަޅެއް އަޅައިފިނަމަ އޭނާއަށް ލިބޭނެ ބޮޑުދެރައާއިމެދު ވިސްނައި ރޯށެވެ. ސަބަބަކީ ޖާން ދިރިއުޅެމުން އަންނަނީ އޭނާގެ އަމިއްލަ ތަނަވަސްކަމަކު ނޫނެވެ. އަނބިމީހާގެ ތަނަވަސްކަމުގައެވެ. އިންތިހާއަށް ކަންބޮޑުވެފައި އެހެން އިންދައި އަނބިމީހާ އައިސް ބުނީ ކައިވެނި ކުރެވެންދެންވެސް ދެމީހުން އެކުގައި އުޅުމަށެވެ. އަދި އެރެއަކީ ހަނީމޫން ރޭކަމަށް ބަލައި ދެމީހުން އެކުގައި ހޮޓަލެއްގައި ހޭދަކުރުމަށެވެ.
އެހެންބުނެފައި ގަދަކަމުން ކަހަލަ ގޮތަކަށް ދެމީހުން އެކުގައި ގެއިން ބޭރުކޮށްލިއެވެ. ދެމީހުން ދިއުމުން ސަޣީރަށް ގުޅައި ވެގެން މިއުޅޭ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވާފައި ބުނީ ވަޒީފާއިން ވަކިނުވުމަށާއި މާދަމާވެސް އޮފީހަށް ދިއުމަށެވެ.
އަނެއް ދުވަހު ހެނދުނެވެ. އޮފީސް ހުޅުވައި މަސައްކަތް ފެށިތަނާ ޖާންގެ އަނބިމީހާ އޮފީހަށް އައެވެ. ޖާންގެ ކޮޓަރިއަށްވަނުމަށްފަހު ސަޣީރަށް ގުޅައި ގެނުވިއެވެ. ބުންޏެވެ. "ކުންފުނީގެ ހުރިހާ އެކައުންޓްތަކެއް ރެއިން ފެށިގެން ހުންނާނީ ފްރީޒްކޮށްފައެވެ. ވީމާ ކަންކަން ހަމަޖައްސައި ނުނިމެނީސް ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކުރާށެވެ. އަދި ހަނީމޫނަށް ފޮނުވި ފިރިމީހާ ހަނީ މޫނުގައި އުޅުމަށާއި އޮފީހަށް ނައުމަށެވެ. އަދި މިހާރުން މިހާރަށް އޮފީހުން ނުކުމެގެން ހަނީމޫނުގައި ވަޤުތު ހޭދަކުރަން ދިއުމަށެވެ."
އަނބިމީހާގެ ދެފައިމައްޗަށް ވެއްޓި ޖާން ވަރަށް އާދޭސްކުރިއެވެ. އެދެއްކި އެއްވެސް ވާހަކައެއްގެ އަޑުއަހަންވެސް އަނބިމީހާ ބޭނުމެއް ނުވިއެވެ. ބުނީ މިވަޤުތުން ފެށިގެން ކުންފުނި ހިންގާނީ އޭނާ ކަމަށެވެ. އޭނާގެ އެންމެ އިސް އެހީތެރިއަކަށް މަސައްކަތްކުރާނީ ސަޣީރު ކަމަށެވެ.
ސަޣީރުގެ ވިސްނުމަށް ނުވެސް އަންނަފަދަ ގޮތަކަށް ކުންފުނި ހިންގުން އޭނާ އާއި ޙަވާލުކުރެވުނީއެވެ. އެހިސާބުން ފެށިގެން ސަޣީރު މަސައްކަތްކުރީ އޭނާއަކީ ތެދުވެރިއެއްކަމާއި ހިންގުންތެރިއެއްކަން ސާބިތުކޮށްދޭށެވެ. ނަތީޖާއަކަށްވީ 4 ވަނަ މަހު ޖާންގެ އަނބިމީހާ ޖާންގެ ގާތުން ވަރިވެ ސަޣީރު އާއި ކައިވެނިކޮށް ދެމީހުން އެކުގައި ދިރިއުޅެން ފެށުމެވެ.
އެއިރު އެންމެ ކުންފުންޏެކެވެ. ކައިވެންޏަށް 8 އަހަރުވީއިރު 3 ދަރިން ވަނީ ލިބިފައެވެ. ދެމަފިރިންގެ އަމިއްލަ 4 ކުންފުނިވެސް ހިންގައެވެ. ދެމަފިރިން ދިރިއުޅެމުން ގެންދަނީވެސް ވަރަށް އުފަލުގައެވެ.
މިއީ ޢިބްރަތްތެރި ވާހަކަތައް ގެނެސްދޭ ޗެނެލަކުން އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ. މިއީ ފިލްމެއް ނަމަވެސް ފިލްމުގެ ވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވީމާ ކަންކަން ހިނގާނެ ގޮތެވެ. ޖާން އެބުނި ފަދައިން ފިރިމީހާއަށް ޚިޔާނާތްތެރިވީ އަންތބަކު ލޯބިވެރިޔާޢަށް ތެދުވެރިވެދާނެ ކަމަށް ޤަބޫލުކުރާނީ މޮޔައިންނެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ދެއިރަށް ހެދުން ބަދަލުކުރާހެން ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ތެދުވެރިވިޔަސް އެކަން ޤަބޫލުކުރަންވެސް އުނދަގޫވާނެއެވެ.
މިވާހަކައަކީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފިލާވަޅުތަކެއް ލިބިގެންދާނެ ވާހަކައަކަސްވާނެ ކަމަށް ހީކުރަމެވެ.
- ނިސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
5 ފެބްރުއަރީ 2025