އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ދަނޑުވެރިކަމުގެ ސިނާއަތް އެދި ގޮވަނީ ޒުވާނުންނަށް!

ދިވެހި ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ދަނޑުވެރިކަމުގެ ސިނާއަތް އެދި ގޮވަނީ ޒުވާނުންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

މުޅި ދުނިޔޭގެ އާބާދީ އަންނަނީ ދުަވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ވެސް ފަސްލައްކަ، އެކާވީސްހާހަށް ވުރެ އާބާދީ އިތުރުވެފައިވެއެވެ.

މިއާއިއެކު ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ނުވުމެވެ. މިކަމަށް އެކަށީގެންވާ ހައްލެއް އަންނާނީ އަހަރެމެންގެ ކެއިން ބުއިމަށް ރާއްޖެ އެތެރެކުރާ ބާވަތްތައް މަދުކޮށް، ރާއްޖޭގެ އުފެއްދުންތައް އިތުރުކުވެވިގެންނެވެ. އުފެއްދުންތައް އިތުރުކުރުމަށް އައު ހިތްވަރަކާއި ބުންވެރެއް ނެރެވޭނީ އަދުގެ ނޫކަށި ޒުވާނުން އިސްވެ ތެދުވެގެންނެވެ. މި ސިނާއަތް އެދި ގޮވަނީ އެފަދަ ޒުވާނުންނަށެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދަނޑުވެރިކަމުގެ ދާއިރާއަށްވެސް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ އާ ގޮތްތައް ތަޢާރަފުކުރުމުގައި ޒުވާނުންގެ އުފެއްދުންތެރި ޚިޔާލުތަކާއި ހުނަރު ވަރަށް މުހިންމެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މިހާރު ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތަކަކީ ހަމައެކަނި ޢަމަލީ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އެކަނި ހުދޫދުވެފައިވާ ފުރުސަތުތަކެއް ނޫނެވެ. އެގްރިޓެކް ސްޕެޝަލިސްޓުން، ދަނޑުވެރިކަމުގެ ދިރާސާވެރިން، އަދި ސަޕްލައި ޗެއިން މެނޭޖަރުން ފަދަ މަޤާމުތަކަށް ޒުވާނުންނަށް ކުރިމަތިލުމުގެ ފުރުސަތުތައް އެބައޮތެވެ.

މިހާރުގެ ދަނޑުވެރިކަމަކީ ކުރީގެ ދަނޑުވެރިކަމާ ވަރަށް ތަފާތު ދާއިރާއެކެވެ. ޑްރޯން ޓެކްނޮލޮޖީ މެދުވެރިކޮށް ދަނޑުތައް މޮނިޓަރކޮށް، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދަނޑުތަކުގެ ބިމުގެ ފެންވަރު ދެނެގަނެ، އައިއޯޓީ ޓެކްނޮލޮޖީ މެދުވެރިކޮށް ފެންދިނުމާއި ގަސްތަކުގެ ދުޅަހެޔޮކަން ބެލެހެއްޓުން ފަދަ ކަންކަން މިހާރު ކުރެވެއެވެ.

އޯގަނިކް ފާމިންގ، ވަރޓިކަލް ފާމިންގ، އަދި އެގްރި-ޓޫރިޒަމް ފަދަ ދާއިރާތަކަކީ މިހާރު ދުނިޔޭގެ ފެންވަރުގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ވިޔަފާރީގެ ދާއިރާތަކެވެ. މި ދާއިރާތަކުން ޒުވާން ވިޔަފާރިވެރިންނަށް އައު މާރކެޓްތަކަށް ވަދެ، އައު އުފެއްދުންތައް ތަޢާރަފުކޮށް، ވިޔަފާރީގެ ފުރުސަތުތައް ހޯދިދާނެއެވެ.

ދަނޑުވެރިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެ، ރަށްރަށުގެ ވަސީލަތްތައް އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އާމްދަނީ އިތުރުވެގެންދާނެއެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނުކުތުމަކީ ހަމައެކަނި އެ ޒުވާނުންނަށް ލިބޭނެ ފައިދާއެއް ނޫނެވެ. މުޅި ޤައުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި ކާބަފައިންގެ ތަޖުރިބާގެ އަލީގައި ދިވެހި ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދެވިދާނެއެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު އެއް ސިނާއަތަކަށް ހެދިދާނެއެވެ. އެކަންކުރެވޭނީ ޒަމާނީ ވިސްނުންތަކާއި އައުއީޖާދުތަކުގެ އަލީގައެވެ. އެހެންކަމުން، ދަނޑުވެރިކަމުގެ ސިނާއަތް އެދި ގޮވަނީ ދިވެހި ޒުވާނުންނަށެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު