އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭ: ޚާރިޖީ ވަޒީރު

ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭ: ޚާރިޖީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ފެބްރުއަރީ 16 އިން 17 އަށް އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލް ފާހަގަކުރައްވައިފިއެވެ.

މިކޮންފަރެންސްގެ "އެމްޕްލިފައިންގ ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވާފައިވާ ބައިނަލްއަޤްވާމީ ނިޒާމު އިސްލާހުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަ ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަކީ މުހިންމުކަމެކެވެ. އަދި ވީޓޯ ކުރުމުގެ ބާރު އުވާލައި، ޒަމާނީ ސަލާމަތީ ގޮންޖެހުންތަކަށް އިސްކަންދޭ މަޖިލީހަކަށް ސަލާމަތީ މަޖިލިސް ބަދަލުކުރަން ޖެހެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި ގާނޫނާ ޚިލާފު ކަނޑުމަތީގެ އަމަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސައުތު-ސައުތު ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވައި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.  

އެ މަނިކުފާނާއެކު މި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވީ ނޭޕާލްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަރްޒޫ ރަނާ ޑިއުބާ، ސީޝެލްސްގެ މިނިސްޓަރ އޮފް އިންޓަރނަލް އެފެއާޒް އެރޯލް ފޮންސެކާ، ބްރުނައި ދާރުއްސަލަމްގެ ސެކަންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދަތޯ އެރުވަން ޕެން ޔޫސުފް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު އަލީ އަލް ޞާޔިގް އެވެ. އަދި، މި ޕެނަލް މޮޑަރޭޓް ކޮށްދެއްވީ އިންޑިއާގެ ކުރީގެ ޔޫނިއަން މިނިސްޓަރ ސުރޭޝް ޕްރަބޫ އެވެ. 

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މިހާރު ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝިޢާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު