އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު
އޭނާގެ ބޭބެއަކީ ތަނަވަސްކަން ހުރި މީހެކެވެ. ރީތި ގެއއެއް ގަނެގެން އުޚުތާވެސް ގެންގުޅެނީ އެގޭގައެވެ. އުޚުތާގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދައިދެއެވެ. ބައްޕައެއްގެ މަސްއޫލިއްޔަތު އުޚުތާ އަދާކުރެއެވެ.
ބޭބެ ކައިވެނިކުރަން ބޭނުންވި އަންހެނަކީ ތަމަވަސްކަމަށް ވަރަށް ދަހިވެތި އަންހެނެކެވެ. އެކަން ފާހަގަކުރެވުމުން އުޚުތާ ދިއައީ އެކަން ބޭބެއަށް އަންގައިދެވޭނެ ރަނގަޅު އުކުޅަކަށް ވިސްނަމުންނެވެ.
އޭނާ ގެއަށް ގެނެސްގެން އުޅުނު ދުވަހަކު އެކަނިވެވުމުން އުޚުތާ ބުންޏެވެ. "އަހުރެންގެ ބޭބެއަކީ ވަރަށް ރަނގަޅު މީހެކެވެ. އެކުވެރިންނަށާއި ޢާއިލާގެ އެންމެންނަށްވެސް ވަރަށް ހެޔޮ ބޭބެއެކެވެ. ދެރައީ މީހުންނަށް ހެޔޮވާން އުޅެންހަދައިގެން ދަރަނިވެރިވެ ގެއާއި މުދައު ބޭންކަށް ނަގާ ޙާލަތަށް ކަންކަން ގޮސްފައިވުމެވެ. މާދަމާވެސް ގެއިން ނުކުންނަޖެހިދާނެތީއެވެ."
މިވާހަކަ އަޑުއިވުމާއިއެކު އޭނާ އިންތިހާއަށް ރުޅިގަދަވިއެވެ. ލޯބިވެރިޔާ ފެނުމާއިއެކު ރުޅި އައިސް އެއްޗެތި ގޮވަން ފެށިއެވެ. ކަލޭ ފަދަ ބަނގުރޫޓުވެފައި ހުރި މީހަކާއި ގުޅެން ބޭނުން ނޫންކަމަށާއި މިހިސާބުން ގުޅުން ނިމުނީ ކަމަށްވެސް ބުންޏެވެ.
މިވާހަކަތައް އަޑުއިވުމުން އޭނާ ހިނިތުންވެލިއެވެ. އެކަން ވެގެންދިއައީ ލޯބިވެރިޔާ އިތުރަށް ރުޅިގަދަވި ސަބަބަކަށެވެ. އެހެންވެ ތިއަހެނީ ތަނަވަސް މީހަކު ކަމަށް ހެދިގެން މަށަށް އޮޅުވާލެވުނީތީތޯ ސުވާލުކޮށް ހަޑި ހުތުރު ބަހުން އެއްޗެތި ގޮވަމުން ނުކުންނަން ހިނގައިގަތުމުން އޭނާ ބުންޏެވެ.
"ކޮއްކޮއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! ތިއަކޮށްދެވުނީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އޭނާގެ ޚަރަދުތައް ބޮޑުކަމުން މިއަންނަނީ ވިސްނަމުންނެވެ. އޭނާގެ ޙަޤީޤަތް މިހައި ފަސޭހައިން ހާމަވެެގެންމިދިއައީ ކޮއްކޮގެ ސަބަބުންކަން ފުރަތަމަވެސް ވިސްނުނެވެ. އުޚުތެއްގެ ޒިންމާ ތިއަ އަދާކުރީ ވަރަށް ރަނގަޅަށެވެ."
މިއަޑު އިވުމުން އަންހެން މީހާއަށް ވަރަށް އަސަރުކުރިއެވެ. މިއީ އޭނާގެ ހަޤީޤަތް އޮޅުންފިލުވަން އުޚުތާ ޖެހި މަޅިއެއްކަން ވިސްނުނެވެ. އެހެންވެ އެނބުރިފައި ބުނެވުނު ބަސްތަކަށް މާފަށް އެދުމުން ލޯބިވެރިޔާ ބުންޏެވެ. "މާފުކޮށްފީމެވެ. ނަމަވެސް އިތުރު ފުރުޞަތެއް ދެވޭކަށް ނެތެވެ. އެކަމަށް އަހުރެންނަށް މާފުކުރާށެވެ!"
މިއީ އަޅުގަނޑު ބަލާފައިވާ ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ފާހަގަކުރަން ބޭނުންވަނީ އަޚަކަށް ނުވަތަ އުޚުތަކަށް ނުރަނގަޅު ކަމެއް ކުރަން އުޅެވޭނަމަ އެއީ ނުރަނގަޅުކަމެއްކަމަށް ބުނުމުގެ ބަދަލުގައި އެކަން އަނެކާއަށް ވިސްނޭނެ މިފަދަ އުކުޅުތައް ބޭނުންކުރުން މުހިންމުކަން ފާހަގަކުރުމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 ފެބްރުއަރީ 2025