އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މަޖިލީހުގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޒާހިދު އައްޔަންކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ. އަދި ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރެއްވުމަށް 69 މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިޞްލާހާ އެއްގޮތަށް ކުރެވުނު އައްޔަންކުރުމެކެވެ. އިޞްލާހު ގެނެވުނު ގޮތުން، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެ ދެ މަޤާމަށް ބޭފުޅުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލާ ޚިލާފަށް، މިހާރު ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ހޮވުމުގައި ކޮމިޝަނުގެ މެންބަރުންގެ މެދުގައި ވޯޓު ނެގުމުގެ ބަދަލުގައި ޢަމަލުކުރެވެނީ މި އައު އުސޫލަށެވެ.
މި ދެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅުތައް ދިރާސާކުރެއްވުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ އެ ދެ މަޤާމަށް އެ ބޭފުޅުން އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ނިންމަވާފައެވެ.
Advertisement
17 ފެބްރުއަރީ 2025