އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 13 ސިކުންތު
މިއަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވައިފިއެވެ.
ހުޅުމާލެ އިންޖީނުގެ އެނެކްސް- 2 ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވިގެން ދިޔައީ ސްޓެލްކޯއާއި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކު. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ، އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާ އެވެ.
މީގެ އިތުރުން އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ސްޓާޓްކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.
"48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ރައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް" ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި، މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައްނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިލެއްވި ކަމަށާއި، އެ ހުރިހާ ކަމަކަށްޓަކައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ރޯދަ މަހުގައިވެއް އައްވާއި، ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެކަމަށްޓަކައި މުވައްޒަފުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް އެމްޑީ ފަހުމީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުންކޮށްފައިވާކަން ފަހުމީ ވަނީ ފާހަގަކޮށް އެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފައެވެ.
މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށާއި އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށާއި އެކަމަށްޓަކައި އެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒް ވިދާޅުވީ، ރޯދަ މަހު މި މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށާއި، ރޯދައަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން، މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް ކަމަށާއި މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށާއި، ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ކޮމިޝަން ކުރެވިފައިވާއިރު އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެއެވެ.
މިރަސްމިއްޔާތުގައި ގްރޭޓާމާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
Advertisement
16 މާޗް 2025