އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ބައެއް ކުޅިވަރު މަޝްރޫޢުތައް ނިންމުމަށްޓަކައި ސަރުކާރު ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ފެނަކައާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބ. ކަމަދޫ އަދި ދ. މާއެނބޫދޫގައި ފުޓްބޯޅަ ދަނޑު ގާއިމުކުރުމާއި، ބ. ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ޓާފް އިންސްޓޯލްކުރުމަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހޯދުމުގެ މަސައްކަތްވެސް ފެނަކައާ ހަވާލުކޮށްފައިވެއެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކ. ކާށިދޫ، އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑުތައް ނިންމުމާއި، އއ. ތޮއްޑޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ނިންމުން ހިމެނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކ. ދިއްފުށި އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން، އަދި މި ދަނޑުތަކަށް ބޭނުންވާ ބްރަޝް މެޝިން ހޯދުން ހިމެނެއެވެ. މީގެ އިތުރުން، ށ. ބިލެއްފަހީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މި މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އަހަރު ފަށާފައެވެ.
މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހު، އާރްޑީސީގެ ފަރާތުން މާތުން މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު، އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ވަނީ މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތު އިތުރުވެ، ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި ޒުވާނުންނަށް ހުސްވަގުތު ހޭދަކުރުމަށް އިތުރު ފުރުސަތުތަކެއް ލިބި، އެކި ރަށްރަށުގައި ކުޅިވަރުގެ ރޫހު އާލާވެގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ސަރުކާރުން ބާރުއަޅައެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ މިންވަރު ގަވާއިދުން ބަލަމުންދާނެ ކަމަށްވެސް ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރާއި ޒުވާނުންގެ ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.
Advertisement
16 މާޗް 2025