އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުންމީދަކީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިޔުން: ފަޞީޙް

އުންމީދަކީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިޔުން: ފަޞީޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިޔުމަކީ ކުރައްވާ އުންމީދެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިހެން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މެސެޖުގައި ވަނީ އިމިގްރޭޝަނަށް ޚިދުމަތްކޮށްދެއްވި އަދި މިހާރުވެސް ހީވާގިކަމާއެކު ޚިދުމަތް ކޮށްދެއްވަމުން އަންނަ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވާފައެވެ.

އަދި އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީޚުގައި، ޤައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގަޔާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޒަމާނުއްސުރެ ފޯރުކޮށްދެމުންދާކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ފާހަގަކުރައްވާފައެެވެ.

މެސެޖު ނިންމަވާލައްވާފައި ވަނީ އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތައް ލިބިގެންދިޔުމަކީ އެމަނިކުފާނު ކުރައްވާ އުންމީދުގައި ވިދާޅުވަމުންނެވެ.

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 1950ވަނަ އަހަރުއެވެ. އެގޮތުން، މޯލްޑިވިއަން ޕާސްގެ ނަމުގައި ދަތުރުކުރުމަށް ޚާއްސަ ލިޔުމެއް ދޭން ފަށައި އެ ލިޔުން ބޭނުންކުރަން ފެށީ ރާއްޖެއާއި ސިލޯނާ ދެމެދުއެެވެ. މި ލިޔުން ތައްޔާރުކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް ކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.

އެއަށްފަހު ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކޮށް 1964ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތަޢާރަފުކުރެވުނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަކީ 2016ވަނަ އަހަރު ތަޢާރަފުކުރެވުނު ސެކަންޑް ޖެނެރޭޝަން އީ- ޕާސްޕޯޓެވެ.

 

ހަބަރު: ސަރުކާޜު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު