އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވާން ފިރިހެނުން ދައްކާ ވާހަކައިގެ ޙަޤީޤަތް ހޯދާނަމަ ގިނަ އަންހެނުންތަކަކަށް ކަރުނަޅަންޖެހުމުން ސަލާމަތްވެވޭނެކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް-

ލޯބިވާން ފިރިހެނުން ދައްކާ ވާހަކައިގެ ޙަޤީޤަތް ހޯދާނަމަ ގިނަ އަންހެނުންތަކަކަށް ކަރުނަޅަންޖެހުމުން ސަލާމަތްވެވޭނެކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

އަޅުގަނޑުވެސް ކައިވެނިކުރީ މީހަކު ދެކެ ލޯބިވެގެން ވަރަށް ގިނަ ދުވަހު އުޅެފައެވެ. ވަރަށް ގިނަ ދުވަސްކަމަށް މިބުނީ 2 އަހަރަށްވުރެވެސް ގިނަ ދުވަހު އެކުގައި އުޅެވުނީމައެވެ. ކައިވެނި ކުރީ އެއިރު އޭނާގެ ކިބައިން ފެނުނު ރަނގަޅު ސިފަތަކާއި އަޅުގަނޑަށް ދިން ސަމށާލުކަން ބޮޑުކަމުންނެވެ. 

ކައިވެނިކޮށްގެން ދިރިއުޅުނީ އަޅުގަނޑަށް މައިންބަފައިންގެ ކިބައިން ލިބިފައިވާ ފްލެޓެއްގައެވެ. ކައިވެންޏަށް 5 ވަނަ އަހަރު ބަލިވެއިނުމުން އަޅުގަނޑުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ފަލަވީއެއް ނޫނެވެ. ދުޅަވީއެވެ. އެހެންވެ ޖެހުނީ ވަޒީފާއަށް ނުގޮސް ގޭގައި އިންނާށެވެ. 

ބަނޑަށް 7 މަހަށް އެޅުމުން އަޅުގަނޑަށް ނިދަންޖެހުނީ ތަޅުން ގަނޑުގައެވެ. އެއީ ނިދަން އޮންނައިރު އަޅުގަނޑުގެ ޙާލަށް ނުބަލައި އަނިޔާފަދަ ކަންކަން ކުރާތީއެވެ. އަޅުގަނޑުގެ ބަނޑުގައި ދެމީހުންގެ ދަރިއަކު އޮތްކަމާއި އަޅުގަނޑަށް އުޅެންޖެހިފައިވާ ބަލިޙާލާއިމެދު އެއްވެސް ވަރަކަށް އޭނާ ވިސްނައިނުލާތީއެވެ. 

އެވަރުންވެސް އަޅުގަނޑު މަސައްކަތްކުރީ ދަރިފުޅުގެ ބައްޕަގެ ލޯބި ދަރިފުޅަށް ހޯދައިދެވޭތޯއެވެ. އެހެންވެ ކޮންމެ ޙާލެއްގައިވެސް ކެތްތެރިވާން މަސައްކަތްކުރީ ވިހައި ގަދަވެ އަޅުގަނޑަށް ކުރީގެ ސިފަ ލިބުމުން މައްސަލަ ޙައްލުވާނެ ކަމަށް ބަލައިގެންނެވެ. 

ބަލިވެ އިނީންސުރެ ފިރިމީހާ އަޅުގަނޑާއިމެދު ކަންކަން ކުރަމުން އައީ ވަރަށް ގޯސްކޮށެވެ. ބަލިވެއިނީތީ އަޅުގަނޑު ކުށްވެރިކުރުމުގެ އިތުރުން ސިފަހުތުރުވެ މަލާމާތް ކުރެއެވެ. އަޅުގަނޑަށް ބޭރަށް ނުދެވޭތީ އޭނާގެ އަތަށް ފައިސާދީފައި އެއްޗެއް ގަނެދޭން ބުނި ނަމަވެސް އަޅައިވެސް ނުލައެވެ. ހުރިހާ ގޮތަކުން އިނީ އަޅުގަނޑު ވަރަށް ބޮޑަށް ނިކަމެތިކޮށްލައިފައެވެ. އެހުރިހާ ކަމަކަށްވެސް އައީ ކެތްކުރަމުންނެވެ. 

ބަނޑަށް 8 މަހުގައި އެއްރެއަކު ފިރިމީހާގެ ރައްޓެހިންތަކެއް ގެއަށް ގެނައެވެ. އެމީހުންނަށް މަރުޙަބާކިޔައި ކާންދީ ހެދީމެވެ. ކައި ނިމުނުތަނާ ބަދިގޭގައި އަޅުގަނޑު ހުއްޓައި އެތަނުގައި އިން އަންހެނަކު ތެދުވެގެން އައިސް ވަރަށް ސިއްރުން ސުވާލުކުރިއެވެ. "ކަލެއަކީ އޭނާގެ އަނބިމީހާ ހެއްޔެވެ؟" ޖަވާބުގައި އާނއެކެވެ ބުނުމުން ހިނިތުންވެ ހުރެ ބައްދާލާފައި ގޮސް އިށީނެވެ.

 

ކައި ނިމިގެން ދާން އުޅެމުން އެއަންހެން މީހާ އަޅުގަނޑުގެ ފިރިމީހާއަށް އަޅުގަނޑު ދައްކާފައި އަޅުގަނޑަކީ ކާކުތޯ ސުވާލުކުރުމުން ޖަވާބުނުދީ ފެށީ އެހެން ވާހަކައެއް ދައްކާށެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ކަންތައް ކުރީ އެގޮތަށެވެ. އޭނާ ބުންޏެވެ. "ކުރި ސުވާލަށް ޖަވާބު ނުދޭނެކަންވެސް އެނގެއެވެ. ސުވާލުކުރީވެސް އެކަން އެނގިހުރެއެވެ. ބުނަން ހެއްޔެވެ؟ އެމީހާގެ އަނބިމީހާ ބަލިވެ އިނދެ އެޙާލުގައި އިންއިރު އަންތބަކު ނެތްކަމަށް ބުނެ އޮޅުވާލި މީހެއްގެ ޤަބޫލުކުރުމަށްވުރެ މޮޔަކަމެއް އެއްވެސް އަންހެނަކަށް ނުކުރެވޭނެއެވެ. އަހަރެން މިހާރުވެސް ކަލޭގެ ނަންބަރު ބްލޮކްކޮށްފީމެވެ. ދެން ހޯދަން ނުއުޅޭށެވެ."

 

އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. ފިރިމީހާ އަޅުގަނޑާއިމެދު އެގޮތަށް ކަންކަންކުރި ސަބަބު މިއެނގުނީއެވެ. ބުނެވުނެވެ. "ވަރަށް ރަނގަޅެވެ. އަޅުގަނޑަކީ އަންތބަކަށް ނނުވާއިރު މިއީ ހިލޭ ދެމީހުންތާއެވެ. ހިލޭ ދެމީހުން އެއްގެއެއްގައި އުޅޭކަށް ނުވާނެއެވެ. އަވަހަށް މިގެއިން ނުކުންނާށެވެ."

 

ފިރިމީހާ ކަރުއެލުވާލާފައި މާފަށް އެދެން ފެށުމުން ބުނީމެވެ. "މާފުކޮށްފީމެވެ. އެކަމަކު މިގެއިން ނުކުންނާށެވެ. އެކުގައި ދިރިއުޅޭކަށް ދެން ބޭނުމެއް ނޫނެވެ." އެހެން ބުނެފައި އަޅުގަނޑު ބަލިވެއިނީންސުރެ ފިރިމީހާ އަޅުގަނޑާއިމެދު ކަންކަން ކުރަމުން އައި ގޮތް އެންމެންނަށް ކިޔައިދިނުމުން އަންހެންމީހާ ބުންޏެވެ. "އިންސާނިއްޔަތުކަމެއްވެސް ނެތް ތިއަފަދަ ނުބައި ނުލަފާ މީހުން މަދުވާނެއެވެ. ތިއަވަރުގެ ބޮޑު އަނިޔާވެރިއެއްގެ ކިބައިން ސަލާމަތް ކޮށްދެއްވެވިކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން ކުރިއަށް 3 ދުވަހު ރޯދަވެސް ހިފާނަމެވެ."

 

އެމީހުން ދިއުމުން ފިރިމީހާ ބަހަނާތައް ދައްކައި ލިބެން އުޅޭ ދަރިފުޅަށްޓަކައިވެސް އޭނާ ނެރެނުލުމަށް އެދުނެވެ. ގެއިން ނެރެންޖެހުނީ ދޮށީ ބޭބެ ގެނެސްގެންނެވެ.

 

އަޅުގަނޑު އެއަންހެން މީހާ ހޯދައިގެން ބެލިއިރު އޭނާވީ އަޅައިލާނެ މީހަކު ނެތް ނިކަމެތި އަންހެނަކަށެވެ. އަޅުގަނޑު އޭނާ ގެއަށް ގެނެސް އުޚުތެއްފަދައިން ގޭގައި ގެންގުޅެންފެށީމެވެ.

 

ވިހައި ގަދަވުމުން ވަޒީފާއަށް ނުކުންނަން ފެށީމެވެ. 2 ވަނަ ކައިވެނިވެސް ކުރީމެވެ. ކައިވެނިކުރީ 2 އަންހެނުން އެކުގައެވެ. ދެމީހުން މިހާރުވެސް މިއުޅެނީ އެކުގައެވެ. އޭނާގެ ފިރިމީހާގެ ގެދޮރު އެބަހުއްޓެވެ. އޭނާ އަޅުގަނޑު ދޫކޮށްލާފައި ދާން ބޭނުން ނުވަނީއެވެ.

 

އަޅުގަނޑު ބުނެލަން ބޭނުންވަނީ ނިކަމެތި އަނހެންކުދިން މަޅީގައި ޖައްސައި ވާވައްދުވައިގެން އެކުދިންގެ ނާޖާއިޒު ފައިދާ ނަގަމުންދާ ފިރިހެނުންނަށް ފުރުޞަތު ނުދޭށެވެ. ކޮންމެ އަންހެނަކީވެސް އަޅުގަނޑަށް ލިބުނު އުޚުތު ފަދަ އަންހެނަކަށްވާށެވެ. އަނބިމީހާއަށް އަނިޔާވެރިވި މީހަކު ތިމާއަށް ހެޔޮކޮށް ކަންކަންކުރާނެކަމަށް ޤަބޫލުނުކުރާށެވެ. މިފަދަ އަނިޔާވެރި ފިރިހެނުންގެ ކިބައިން ސަލާމަތްވެވޭނީ އުޚުތު ފަދައިން އަންހެނުން އަންހެނުންނަށް އެހީތެރިވެދީގެންނެވެ.

 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކައަކަށް ވާނެ ކަމަށް އުންމީދުކުރަމެވެ.

 

--ޒީނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް