އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު
އަޅުގަނޑުގެ އެންމެ ގާތް އެކުވެރިއަކީ ޖަމީއެވެ. ދެމީހުންގެވެސް 2 ލޯބިވެރިން ތިބެއެވެ. ޖަމީގެ ލޯބިވެރިއަކީ ފުދޭވަރެއްގެ ތަނަވަސް މީހެކެވެ. ޖަމީއަކީ ފަޤީރު ޢާއިލާއެއްގެ ކުއްޖެކެވެ. އެކަމަކު އެކަން ލޯބިވެރިޔާއަށް އަންގާކަށް ޖަމީ ބޭނުމެއް ނުވެއެވެ.
އެހެންވެ ތަނަވަސް ކުއްޖަކަށް ހެދެންވެގެން އަޅުގަނޑުގެ ހެދުމާއި ގަހަނާވެސް ބޭނުންކުރެއެވެ. އަޅުގަނޑު ހުންނާނީ އޭނާއަށް ފުދޭވަރަށް ގަހަނާއާއި ހެދުންވެސް ހޯދައިދީފައެވެ. އެވަރުންވެސް އޭނާއަށް ނުފުދޭތީ އެގޮތަށް ކަންތައްކުރަނީއެވެ.
ޙަޤީޤަތުގައި ޖަމީއަކީ ދެއްކުންތެރިއެއް ނޫނެވެ. އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ތެދުވެރިކުއްޖެކެވެ. އަދި އަޅުވެރި ކުއްޖެއްވެސްމެއެވެ. އެހެންކަމާއިއެކުވެސް ޖަމީގެ ކަންބޮޑުވުމަކީ އޭނާގެ ފަޤީރުކަން އެނގިއްޖެނަމަ ލޯބިވެރިޔާ ގެއްލިދާނެތީއެވެ. ލޯބިވެރިޔާ ދެކެ މާބޮޑަށް ލޯބިވެވެނީއެވެ.
ޖަމީއަށް ވިސްނައިދިނީމެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ޙަޤީޤަތެއް ހާމަވާނެއެވެ. ކައިވެނިކުރުމުގެ ކުރިން ހުރިހާ ކަމެއް ބޭޒާރުވާނެއެވެ. އޭނާ އާއި އޭނާގެ މައިންބަފައިން ޖްމީގެ ގެއަށް ޒިޔާރަތްކުރާދުވަހު ހުރިހާ ކަމެއް އެނގޭނެއެވެ. އެދުވަހުން ހެދި ދޮގުތައް ފަޅާއެރުމުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ.
ވީމާ ކުރިއާލައި ހަޤީޤަތް ހާމަކުރާށެވެ. މިހައިތަނަށްވެސް ލޯބިވެރިޔާ، އޭނާ ބޭނުންވަނީ ތަނަވަސްކަންހުރި އަންހެނަކު ކަމަކަށް ނުބުނެއެއް ނޫންހެއްޔެވެ؟ އަދި ތަނަވަސްކަމާއިބެހޭ ގޮތުން ސުވާލެއްވެސް ނުކުރޭ ނޫންހެއްޔެވެ؟ ވީމާ ތިއަ ގޮތަށް ކަންކަންކުރުން ހުއްތާލާފައި ތެދުބަހުން ކިޔައިދޭށެވެ.
އަޅުގަނޑުގެ ނެޞޭޙަތް ޖަމީ ޤަބޫލުކުރިއެވެ. އެކަމަކުވެސް ހުރީ ކަންބޮޑުވުމެއްގައެވެ. އެންމެފަހުން 4 މީހުން އެކުގައި ކާންދިއަ ރެއަކު ރިސްކް ނަގައި ޖަމީގެ ހަޤީޤަތް ހާމަކުރީމެވެ. ވަރަށް ނިކަމެތި ކުއްޖެއް ކަމާއި ނިކަމެތިކަމާއިއެކުވެސް ޖަމީއަކީ ތަޤްވާވެރި އަޚްލާޤް ރަނގަޅު ހެޔޮލަފާ ސިފަތައް ލިބިގެންވާ ކުއްޖެއްކަމަށް ބުނީމެވެ.
އަޅުގަނޑުގެ ވާހަކަތައް އަޑުއަހާފައި ޖްމީގެ ލޯބިވެރިޔާ ވަރަށް އުފާކުރިއެވެ. އޭނާ ބުނީ ކައިވެނިނުކޮށް ލަސްކުރަނީވެސް ޖަމީއަކީ ތަނަވަސްކުއްޖެއްކަމާއިމެދު ޝައްކުވާތީ ކަމަށެވެ. ތަނަވަސް ކުއްޖަކާއި ކައިވެނިކުރަން ބޭނުންނުވާތީ ކަމަށެވެ. އަންތބެއްގެ ކިބައިން އޭނާ ބޭނުންވާ ސިފަތައް ޖަމީގެ ކިބައިގައި އެބަހުރި ކަމަށާއި އަވަހަށް ކައިވެނިކުރަންވީ ކަމަށެވެ.
ހުރިހާ ކަންކަން ހަމަޖައްސައި 4 މީހުންގެ ކައިވެނިކުރީ އެއްރެއެއްގައެވެ. އަޅުގަނޑަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަޅުގަނޑު ކައިވެނިކުރީ ފަޤީރު ފިރިހެންކުއްޖަކާއެވެ. އޭނާއަކީ ދީންވެރި ތަޤްވާވެރި ކުއްޖެކެވެ. ޖަމީއަކީ ވެސް ފަޤީރު ނިކަމެތި އެކަމަކު ދީންވެރި ރަނގަޅު ކުއްޖެކެވެ. ޖަމާއަށް ކައިވެނިކުރެވުނީ ތަނަވަސްކަން ހުރި ޒުވާނަކާއިއެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 15 އަހަރުފުރިއްޖެއެވެ. ޖަމީވެސް އަޅުގަނޑުވެސް ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. ކުޑައިރު ސްކޫލް ދައުރުން ފެށިގެން ފަދައިން ދެ އުޚުތުންގެ ގޮތުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ލޯބިވެރިޔާ ޙާޞީލްކުރަން އަންހެން ކުއްޖަކުވެސް ފިރިހެން ކުއްޖަކުވެސް ދޮގުނުހަދާށެވެ. މާލީ ޙާލަތުގެ އިތުރުން އެއްވެސް ކަމެއް އޮޅުވައިނުލާށެވެ. ލޯބިވާންޖެހޭނީ މަސްގަނޑު ދެކެއެވެ. ރިވެތި އަޚްލާޤް ދެކެއެވެ. ހިތް ދެކެއެވެ. ހިތް ދެކެ ލޯބިވެވޭނީ ހިތުގައި ތެދުވެރިކަން އޮތް ނަމައެވެ.
- ޝަރަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
9 އޭޕްރީލް 2025