އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ 144.5 މިލިޔަން ރުފިޔާގެ އަގަކަށް 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މަގު ފުޅާކުރުމާއި، ކީވޯލް ބޭރަށް ޖެއްސުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ. އަދި މި މަސައްކަތް ނިމުމުން ކޮޅަކަށް ދެ ލޭނު ހިމެނޭ ޒަމާނީ މަގެއް ތަރައްޤީވެގެންދާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މާލޭގެ ޢިއްޒުއްދިން ފާލަން ހިމެނޭ ބޭރު މަގުގެ އުތުރުފަރާތު މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށް މިއަހަރު ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މިއަދުގެ މި އެއްބަސްވުމަކީ އެ އިޢުލާނާ ގުޅިގެން އަމަލީ ސިފަ ގެނައުމުގެ ފުރަތަމަ ފިޔަވަޅެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުވެ، ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
Advertisement
9 އޭޕްރީލް 2025