އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާރްޓީއެލްގެ ޚިދުމަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު އަމީން

އާރްޓީއެލްގެ ޚިދުމަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުން: ވަޒީރު އަމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އާރްޓީއެލްގެ މުޅި މަޝްރޫޢު މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢު އަސްލު ފަރުމާކޮށްފައި އޮތީ 2027 ވަނަ އަހަރަށް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި މަސައްކަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ވަޒީރު އަމީން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެންމެ އަވަހަށް ދެން މި ޚިދުމަތް ފަށާނީ ރ. އަތޮޅާއި ބ. އަތޮޅުގައި ކަމަށެވެ. "ނ. އަތޮޅުގައި އަޅުގަނޑުމެން މިވަނީ ޚިދުމަތް ފަށާފައި. ދެން ހިމެނޭ ރ. އަތޮޅު އަދި ބ. އަތޮޅުގައި ޖޫން މަހު ޚިދުމަތް ފަށާނަން،" ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތަށް ބަންނަ އުޅަނދުތަކަކީ ވަކި މިންގަނޑަކަށް ބަންނަ އުޅަނދުތަކަކަށްވުމާއެކު، އެކަމަށް ވަގުތު ނަގާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މަސައްކަތް އަވަސްކުރުމަށް، އިތުރު ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް އެކަމަށް ހުރި ފުރުޞަތުތައް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް ފެރީތައް ބަނދެފައިވަނީ ގަލްފް ކްރާފްޓް އަދި އަލްޝާލީ މެރިންއާ ހަވާލުކޮށްގެން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ލޯންޗުތައް ބަންނަނީ ވަކި މިންގަނޑަކަށް، އުޅަނދުތައް ބަނުމުގައި އެބަހުރި ލިމިޓޭޝަންތަކެއް. އެހެންވީމަ އަވަހަށް މަސައްކަތް ކުރިއަށްގެންދިއުމަށް ރާއްޖެއިން ބޭރުން، އުޅަނދުތައް ބަދެވޭނެ ފުރުޞަތުތައްވެސް މިދަނީ ބަލަމުން. މަސައްކަތް މިކުރަނީ ރައީސްގެ ވަޢުދާ އެއްގޮތަށް މިއަހަރު ހުރިހާ އަތޮޅެއްގައި ޚިދުމަތް ފެށުމަށް،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖެއަށް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މިކަމުން ރައްޔިތުންނަށް ފަސޭހަ އަދި އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.                     

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު