އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ވިސްނޭ ޙާލުގަވެސް އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ވަޤުތުންވެސް ޢިޖާބަކުރައްވަވާކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ވިސްނޭ ޙާލުގަވެސް އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ވަޤުތުންވެސް ޢިޖާބަކުރައްވަވާކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 26 ސިކުންތު

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރޭގެ ރަށަކަށެވެ. ވަރަށް ކުޑައިރު މައިންބަފައިން ނިޔާވެއްޖެއެވެ. އެއިރު އަޅުގަނޑުގެ ޢުމުރުން ވާނީ 12 ވަރަކަށް އަހަރެވެ. މައިންބަފައިން ނިޔާވުމުން އަޅުގަނޑު ގެންގުޅުނީ ބޮޑުބޭބެއެވެ. 

ފަހަރިއަކީ ވަރަށް ހެޔޮ އަންހެނެކެވެ. އެމީހުންގެ ދަރިއެއް ފަދައިން އަޅުގަނޑު ގެންގުޅެމުން އައިސް 16 އަހަރުގައި ރަށަށްދިއަ މާލޭގެ ބައަކު ބޮޑުބޭބެ ގާތުގައި ބުނީ އެމީހުންނަށް އަޅުގަނޑު ދިނުމަށެވެ. މާލެ ގެންގޮސް ކިޔަވައިދީ މޮޅު ކުއްޖަކަށް ހަދައިދޭނެ ކަމަށެވެ. ރަނގަޅު ދިރިއުޅުމެއް ހޯދައިދޭނެ ކަމަށެވެ. 

އެމީހުން އަޅުގަނޑު ގެންދަން ބޭނުންވަނީ އަޅުގަނޑުގެ މައިންބަފައިން ނެތުމުން ނިކަމެތި ކުއްޖަކަށް އެހީތެރިވެދީ އެކަމުން ހެޔޮކަން ހޯދަންކަމަށް ބުނުމުން ބޮޑުބޭބެވެސް އަޅުގަނޑަށް ރަނގަޅަކަށް އެމީހުންނާއި އަޅުގަނޑު ޙަވާލުކުރިއެވެ. 

މާލެ ގެނެސް ގޭގައި ބެހެއްޓުމަށްފަހު އަޅުގަނޑު ހެދީ ގޭގެ ނޯކަރަކަށެވެ. ހަތަރުދަމު ކުރިނަމަވެސް ނުނިންމޭނެހައި މަސައްކަތް ކޮންމެ ދުވަހަކު ޖައްސުވައެވެ. ކިޔަވައެއްވެސް ނުދެއެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. މާލެއަކީ ދުވަހަކުވެސް އައި ރަށެއްވެސް ނޫނެވެ. ރައްޓެއްސަކު ނުހުރެއެވެ. ރަށުގެ ބައެއް މީހުން މާލޭގައި އުޅޭކަން އެނގެއެވެ. އެމީހުން އުޅޭގެއެއް ނުއެނގެއެވެ. އެހެންވެ ހޯދަންދާނެ ތަނެއް ނުއެނގެއެވެ. 

އެހެންވެ ހަދާނެ ގޮތެއް ނެތީމައި އަޅަކަށްވެގެން އުޅެނިކޮށް 18 އަހަރުވެސް ނުފުރެނީސް އެމީހުންގެ ފިރިހެން ދަރިފުޅު އަޅުގަނޑާއި ބެހެން މަސައްކަތް ފަށައިފިއެވެ. އެއްބަސްނުވީމާ ބިރުދައްކައެވެ. އެހިސާބުން ދެން ދިރިއުޅެންޖެހުނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. 

ގޭގެ މީހުން ނިދިތަނާ އެއްރޭ އެކުއްޖާ އަޅުގަނޑު ނިދާކޮޓަރިއަށް އައިއިރު އަޅުގަނޑު ހުރީ ނަމާދުކުރާށެވެ. ގަތް ބިރުން ނަމާދުކުރެވުނު ގޮތެއްވެސް ނުއެނގެއެވެ. ސަޖިދައިގައި އޮވެ އަޅުގަނޑުގެ ޙާލު ބަޔާންކޮށް ދުޢާކުރީމެވެ. އަޅުގަނޑުގެ ޢިއްފަތްތެރިކަން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. އެނބުރި ރަށަށް ދެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދިއެވެ. 

ނަމާދުކޮށް ސަލާމްދީފައި ބަލައިލިއިރު އެކުއްޖާ ފެންނާކަށް ނެތެވެ. ދެރައީ ދޮރުގެ ތަޅުހަލާކުވެފައި ހުރިއިރު އެތެރެއިން އަޅުވާނެ ތަންޑެއްވެސް ނުހުންނާތީއެވެ. އެހެންވެ އެކުއްޖާ އަތުވެދާނެކަމަށް ބިރުން ނުނިދި އޮއްވައި ފަތިސްނަމާދު ވަޤުތު ޖެހުމުން ނަމާދުކޮށްލައި ހަމަ އެފަދައިން ދުޢާކުރީމެވެ. 

އެދުވަހު ބަދިގެތެރޭގައި މަސައްކަތު އުޅެނިކޮށް ސާވޭއެއް ކުރަން ބައަކު އައެވެ. އެއިގެ ތެރެއިން އެކަކަށްހުރީ ރަށު އަންހެންކުއްޖެކެވެ. އެކުއްޖާއަށް އަޅުގަނޑު ފެނުމުން ކައިރިއަށް އައިސް ވާހަކަދެއްކިއެވެ. އެއިރު އަދި ދައްތަ ނުއަންނާތީ ވަޤުތުކޮޅެއް ލިބުމުން އުޅޭ ޙާލު ކިޔައިދޭނެ ފުރުޞަތު ލިބުނެވެ. އެކުއްޖާ ބުނީ އޭނާގެ މަންމަ އާއި ވާހަކަދައްކާފައި ގޮތެއް ހަމަޖައްސައިދޭނެ ކަމަށެވެ. 

އެދުވަހު ހަވީރު އެކުއްޖާ އޭނާގެ ބޭބެއާއިއެކު އައިސް ބުނީ އެމީހުން އައީ އަޅުގަނޑު އެގެއިން ގެންދަން ކަމަށެވެ. އެހެން ބުނީމާ ދައްތަ ވަރަށް ގިނަ ވާހަކަދެއްކިއެވެ. އަޅުގަނޑާއިމެދު ކަންކަންކުރަނީ އަމިއްލަ ދަރިއަކު ފަދައިން ކަމަށްވެސް ބުންޏެވެ. ދާތީ ވަރަށް ދެރަވާކަމަށްވެސް ބުންޏެވެ. އެއިން އެއްވެސް ވާހަކައަކަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ. އެމީހުންނާއިއެކު ދިއައީއެވެ. ލާންގެންގުޅޭ ދެހެދުން ކޮތަޅަކަށް ލައިގެން ދާން ނުކުތުމުން ދައްތަ ދެއްކިވާހަކައިގެ ޙަޤީޤަތް އެމީހުންނަށް އެނގުނެވެ. 

ކޮންމެއަކަސް އެމީހުން އަޅުގަނޑު ގެންގޮސް ބެހެއްޓީ އެމީހުން ތިބޭ ގޭގައެވެ. އެއީ ދެކޮޓަރީގެ ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. ޖާގައިގެ ދަތުކަމާއިއެކުވެސް ލިބެމުން އައި އަނިޔާތަކާއި އުޅެންޖެހުނު ބިރުވެރިކަމުން ސަލާމަތްވެވުނީތީ އުފާކުރީމެވެ. 

އަޅުގަނޑު އެގޭގައި އެމީހުންގެ ގާތުގައި ހުންނަތާ އަހަރުވެސް ނުވަނީސް އެފްލެޓުގެ ކުރިމަތިން ހުންނަ ފްލެޓުގައި އުޅޭ ކުއްޖަކު އަޅުގަނޑާއި ލޯބީގެ ގޮތުން ގުޅި ކައިވެނިކޮށްފިއެވެ. އެގެއަކީ އޭނާގެ ބައްޕަގެ ގެކަން އެނގުނީވެސް ކައިވެނިކުރި ފަހުންނެވެ. 

އަޅުގަނޑުގެ ފިރިމީހާއަކީވެސް އޭނާގެ މައިންބަފައިންނަކީވެސް ވަރަށް ރަނގަޅު ބައެކެވެ. ދުވަހަކުވެސް އަޅުގަނޑުގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރެއެވެ. ކައިވެންޏަށް 30 އަހަރުވީއެވެ. ޢުމުރުން 50 އަހަރުވީއެވެ. 

ކައިވެނިކުރެވުމުން ފިރިމީހާގެ ޢާއިލާގެ އެންމެންނާއިއެކު ރަށަށްދިއައިމެވެ. ބޮޑުބޭބެމެންނާއި ބައްދަލުކުރީމެވެ. އެނބުރި އައިސްވެސް ގުޅުން ބޭއްވީމެވެ. 

އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ހިތްދަތި، ބިރުވެރި ދުވަސްތަކުގެ ވާހަކަތައް މިކިޔައިދިނީ އެއިރު އަޅުގަނޑަށް އުޅެންޖެހުނު ފަދަ ނިކަމެތި ޙާލުގައި މިހާރުވެސް އެތައް އަންހެންކުދިން އުޅޭނެތީއެވެ. ޙަޔާތުގެ މިފަދަ ވާހަކަތައް މިއަދުނޫހަށް ކިޔައިދޭ ގިނަ ކުދިން ބުނެފައިވާ ފަދައިން އަޅުގަނޑުވެސް ބުނާނީ އަނިޔާ ލިބެމުންދާނަމަ ދުޢާކުރާށެވެ! ޢިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ 

ނިންމާލަމުން ބުނެލަން ބޭނުންވަނީ އަޅުގަނޑަކީ ޔަތީމް ކުއްޖަކަށްވާތީ އެހީތެރިވެދިނުމުގެ ބޭނުމުގައި ކަމަށްބުނެ ދޮގުިހަދައިގެން މާލެ ގެނެސް އަޅުގަނޑު އަޅުވެތިކުރުވި ދެމަފިރިން ނިމިދިއައީ ވަރަށް ބަލިޙާލުގައި އެތައް އަހަރަކު އުޅެފައެވެ. އަޅުގަނޑު އެމީހުންނަކަށް ހިތްބުރަކުރާކަށް ނެތީމެވެ. ވީކަމެއްވެ ނިމިދިއައީއެވެ. މިހާރު މިހުރީ އުފަލުންނެވެ. މިހުންނަނީ ޢިބްރަތްތެރި ފިލާވަޅުތަކެވެ.

 

ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް