އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 19 ސިކުންތު
އެއީ ތަނަވަސް ބައްޕައެއްގެ ހުރި ހަމަ އެންމެ ފިރިހެން ދަރިފުޅެވެ. މަންމަ ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. އެކަމަށް ވިސްނައިގެން ބައްޕަ ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން ގެންދިއައީ މަންމަ ނެތްކަން އިޙްޞާޞްވެސް ނުކުރެވޭނެ ގޮތަކަށެވެ.
ކުއްޖާގެ ތަޤްދީރެވެ. އުމުރުން 16 އަހަރުގައި ބައްޕަ ނިޔާވީއެވެ. އެހިސާބުން ބައްޕަގެ މުދަލުގެ މައްޗަށްވެރިވެގަތީ ބޮޑުބޭބެއެވެ. ބޮޑުބޭބެގެ ދެމަފިރިން ކަންކަން ކުރީ އެންމެ އަނިޔާވެރިކޮށެވެ. މަސައްކަތްކުރަމުން ދިއައީ ކުއްޖާ ނިކަމެތިކޮށް ނަފްސާނީ ގޮތުން ބަލިކަށިކޮށްލައިގެން ދުނިޔެއާއި ވަކިކޮށްލުމަށެވެ. އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ދިއައީ ކުރަމުންނެވެ.
އެންމެ ފަހުން ކުއްޖާއަކީ ގޭގެ ނޯކަރަށްވެސް ހެދިއެވެ. އެހިސާބަށް ދިއުމުން ދުނިޔެއާއިވަކިވާން ކުއްޖާ ނިންމިއެވެ. ނަމަވެސް އެކަމަސް ހުރަސްއެޅީ ކްލާހުގެ އަންހެން ކުއްޖެކެވެ. ޢޭނާ ދިއައީ އެކުވެރިޔާއަށް ހިތްވަރުދެމުންނެވެ. ހުރިހާ ގޮތަކުން އެހީތެރިވަމުންނެވެ. މާލީ ގޮތުން ދަތިކުރުމުން އަންހެން ކުއްޖާއަށް ލިބޭ ޕޮކެޓްމަނީން އެހީތެރިވެސްވެއެވެ.
މިފަަދަ ގޮތަކަށް ގޮސް ސްކޫލް ނިމުމުން މަތީ ތައްލީމަށް ކޮލެޖަށް ދާން ބޭނުންވާ ފައިސާވެސް ބޮޑުބޭބެ ނުދިނެވެ. އެއިރު ކުއްޖާއަށް ހުރީ 18 އަހަރު ފުރި ޤާނޫނީ ޢުމުރު ހަމަވެފައެވެ. އެހެންކަމުން އަންހެން ކުއްޖާ އޭނާގެ ބައްޕައާއި ވާހަކަދައްކައިގެން ޙައްލެއް ހޯދަން މަސައްކަތް ފެށިއެވެ.
ދަރިފުޅު ބައްޕަގާތުގައި ބުނީ އެކުއްޖާ ދެކެ ލޯބިވާކަމަށައި ލޯބިވަނީ ހަމައެކަނި ﷲ އަށްޓަކައި ކަމަށެވެ. ބައްޕައަކީ ޤާނޫނީ ވަކީލަކަށްވުމުން މައްސަލަ ކޯޓަށް ވައްދައިދިނެވެ. ކޯޓުން މައްސަލަ ނިމުނީ 2 އަހަރު ފަހުންނެވެ. ދިގުލައި ދިއައީ ކުއްޖާގެ ބައްޕަގެ ނަމުގައި ވަގުލިޔުންތަކެއް ތައްޔާރުކޮށް ދަރިފުޅަށް މުދަލުން ނުވާނެ ގޮތަށް ކުއްޖާގެ ބައްޕަ ނިންމާފައިވާކަމަށް ކޯޓަށް ހުށަހެޅީތީއެވެ.
ކޯޓުން މައްސަލަ ނިންމައި ކުއްޖާގެ ޙައްޤު ކުއްޖާއަށް އަނބުރައި ކުއްޖާއަށް ލިބުނު ދުވަހު ކޯތުގައި ކުއްޖާ ބުނީ ކީކޭކަން އެނގޭހެއްޔެވެ؟ "ޢިއްޒަތްތެރި ޤާޟީއެވެ. ޤަޟިއްޔާގައި ލިޔާށެވެ. ނުވަތަ ވަކިން ނަމަވެސް ޙުކުމް ކުރާށެވެ. އަހުރެންނަށް ބައްޕަގެ ކިބައިން ލިބުނު ހުރިހާ އެއްޗެއްގެ ދެބައިކޫލަ އެއްބައި އެއްވެސް ޝަރުޠަކާއި ނުލައި ހިތުން ރުހުމުން އަހުރެންގެ އެކުވެރިޔާއަށް ދީފީމެވެ. އެވަރުންވެސް އެކުވެރިޔާ ކޮށްދިން ކަންކަމުގެ އަގު އަދައެއް ނުކުރެވޭނެއެވެ. އެކުވެރިޔާ އަހުރެންގެ ފުރާނަ ސަލާމަތްކޮށްދިނެވެ. ބައްޕަގެ ތަނަވަސްކަން އެކުގައި ގެއްލިފައިވަނިކޮށް އަނބުރާ ހޯދައިދީފިއެވެ. އެކަންކަމަށް އަދާކުރަންޖެހޭ އަގު އަދާކުރެވޭނީ ކޮންގޮތަކުން ހެއްޔެވެ؟"
އެހިސާބުން ޤާޟީ ކުރީ މުޅިންތަފާތު ސުވާލެކެވެ. ސުވާލުކުރީ އަންހެން ކުއްޖާއާއިއެވެ. "ކަލޭ އެކުވެރިޔާދެކެ ލޯބިވެ ހުރިހާ ކަމެއް ތިއަ ކޮށްދިނީ ހަމައެކަނި ﷲ އަށްޓަކައި ކަމަށް ބައްޕަގެ ގާތުގައި ބުނީމު ނޫން ހެއްޔެވެ؟ އެެހންވެ އަހުރެން މިކުރަނީ ސުވާލެކެވެ. ﷲ އަށްޓަކައި އެކުވެރިޔާއާއި ކައިވެނިކޮށްފާނަން ހެއްޔެވެ؟"
އަންހެން ކުއްޖާއަށް ލިބުނީ ސިހުމެކެވެ. ދޭނެ ޖަވާބެއްވެސް ނުއެނގުނެވެ. ޤާޟީ ކުރިމަތިކުރުވި މައްސަލައަކީ އޭނާގެ ވިސްނުމުގައިވެސް ނެތް ކަމަކަށްވާތީއެވެ. އެހެންކަމާއިއެކުވެސް ޖަވާބެއް ދޭންޖެހޭނެތީ ބުންޏެވެ. "ތިއައީ މިހައިތަނަށް ވިސްނި ކަމެއް ނޫނެވެ. ނަމަވެސް އެކުވެރިޔާ ތިއަކަންތައް ޤަބޫލުކުރާނެ ނަމަ މިހުރީ ހަމަ ރުހިގެންނެވެ."
ކޯޓަށް ހުށަހެޅުނު ތަރިކައިގެ މައްސަލަ ނިންމުމުގެ ކުރިން އަންހެން ކުއްޖާގެ ބައްޕަގެ ކިބައިން ވަލީ ހޯދައިގެން ޤާޟީ ކޮށްދިނީ ދެ އެކުވެރިންގެ ކައިވެންޏެވެ. ތަކުރާރުކޮށްލާނަމެވެ. ދެލޯބިވެރިންގެ ކައިވެންޏެއް ނޫނެވެ. ދެއެކުވެރިންގެ ކައިވެންޏެވެ.
ދެން މިބުނެލަނީ އެކައިވެނީގެ ނަތީޖާއެވެ. ކައިވެންޏަށް 30 އަހަރުވީއެވެ. އިންޑިއާގެ ގޯވާ ސްޓޭޓްގެ އެންމެ މުއްސަނދި ދެމަފިރިންގެ ތެރޭގައި އެދެމަފިރިން ހިމެނެއެވެ.
މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ކޮންފަދަ ޢިބްރަތްތެރި ވާހަކައެއް ހެއްޔެވެ؟ މިފަދަ އެކުވެރިން ތިބެފައި އެކަކު އަނެކަކަށް ﷲ އަށްޓަކައި އއަޅާލައި އެހީތެރިވާނަމަ ހަމަ މިފަދަ ބޮޑެތި ރަހްމަތް މިއަދުވެސް ލައްވަވާނެކަމަށް ޝައްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟
- ޝަޒްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 އޭޕްރީލް 2025