އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
ކޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް ޤަދަރުކުރާށެވެ. އެއިރުން ތިބާގެ ޤަދަރު ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ. މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދޭށެވެ. އެއިރުން ދުނިޔެއާއި އާޚިރަތުގައިވެސް ﷲ ތަޢާލާ ތިބާއަށް ކަންކަން ފަސޭހަކޮށްދެއްވަވާނެތެވެ.
އެންމެ ހިނދުކޮޅަކަށްވެސް ތިމާއަކީ މާމަތިވެރި މީހެއްކަމަށް ނުދެކޭށެވެ. ބޮޑާވެގެން ނުހުންނާށެވެ. މިހެން މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ބޮޑާކަމާއި ކިބުރުވެރިކަން ހުރިނަމަ އެމީހަކަށް އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތީއެވެ. އެހެންވެއްޖެނަމަ ހިފާ ރޯދައިން ލިބޭނީ ކޮން ޘަވާބެއް ހެއްޔެވެ؟
ތިމާއަކީ ކިތަންމެ މަތިވެރި މަޤާމެއްގައި ހުރި މީހަކުނަމަވެސް ނިކަމެތިންގެ ތެރެއަށް ނުކުންނާށެވެ! އެމީހުންގެ ޙާލުބަލައި އެހީތެރިވާށެވެ! އެކަމުގެ ސަބަބުންވެސް އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
ތިބާއަކީ ﷲ ތަޢާލާ މަތިވެރިކަން ދެއްވަވާފައިވާ މީހަކަށްވެދާނެއެވެ. އެހެނަސް ތިމާއަކީ މާމަތިވެރިމީހެއް ކަމަށް ނުދެކޭށެވެ. އެހެންނޫނީ ޖެހޭނީ ޝައިޠޯނާއަށް ޖެހުނު ޙާލެވެ.
އަހަރެމެން އެއްވެސް މީހަކަށް މަތިވެރިކަން ލިބިފައިވާނަމަ އެއީ އަހަރެމެންގެ މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމުންނެވެ. ވީމާ އަބަދުވެސް ވިސްނަން ޖެހޭނީ މިހިނދުގައިވެސް ތިމާއަކީ އެންމެ ދަށުދަރަޖައިގެ މީހަކަށްވެގެން ހިނގައިދާނެކަމަށެވެ.
އެނގޭހެއްޔެވެ؟ ތިބާގެ އަތުން އެއްޗެއް ދަރަންޏަށް ނަގާފައިވާ މީހަކު ހުރީ ދަތިޙާލުގައި ކަމަށްވެގެން އޭނާއަށް ވަޤުތު ދީފިނަމަ އެމީހަކަށް އެކަމުގެ ބަދަލު ޤިޔާމަތްދުވަހު ދެއްވަވާނެތެވެ. ވީމާ އެކަމުންވެސް އެނގިގެންދަނީ އެހެން މީހުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ވީމާ ދަތިޙާލުގައި މީހުން ތިބޭއިރު އެމީހުންނަށް ތަކްލީފްތައް ނުޖައްސުވާށެވެ. ދަރަނިއަދާކުރަން ނުޖައްސުވާށެވެ. އެމީހުންނަށް އެހީތެރިވާށެވެ.
މިބަޔާންކުރި ކަންކަން ކުރުމަކީ އެމީހެއްގެ ކިބައިގައި އިޚްލާޞްތެރި ނިޔަތެއް އޮތްނަމަ ކުރަން އުނދަގޫވާނެ ކަންކަމެއް ނޫނެވެ. އަދި ކޮށްފިނަމަ ކުރާ އަޅުކަން އިތުރަށް ފުރިހަމަވެ ޤިޔާމަތްދުވަހު އެކަމުގެ ފައިދާ ނުހަނު ބޮޑަށް ފެނިގެންދާނެ ކަންކަމެވެ. އަދި މިކަންކަމަކީ ކޮންމެ ދުވަހަކުވެސް ވިސްނައި ޢަމަލުކުރުމުން ފައިދާކުރާނެ ކަންކަމެވެ. އިންޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
17 އޭޕްރީލް 2025