އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަޛާބް ޙައްޤުވާ މީހުންނަށް ދެއްވަވާ ޢަޛާބުގެ ގަދަފަދަކަމާ ބިރުވެރިކަން ވިސްނޭ ހެއްޔެވެ؟: މުފްތީ މެންކް

ޢަޛާބް ޙައްޤުވާ މީހުންނަށް ދެއްވަވާ ޢަޛާބުގެ ގަދަފަދަކަމާ ބިރުވެރިކަން ވިސްނޭ ހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

ކައްވަޅުގެ ޢަޛާބަކީ ގަދަފަދަ ޢަޛާބެކެވެ. ބިންގަޑު މީހާ ފިއްތާލައި ޗިސްޗިސްކޮށްލުމާއި އެއިގެފަހުންވެސް އެމީހަކަށް ލިބޭ ގަދަފަދަ ޢަޛާބުގެ ސަބަބުން ރޯއަޑަކީ ގަދަފަދަ އަޑެކެވެ. "މީސްތަކުންނަށް ކައްވަޅުގައި ލިބޭ ޢަޛާބުގެ ގަދަފަދަ ކަމުން ރޯއަޑު އިންސާނުން ނޫން އެހެން ހުރިހާ އެއްޗަކަށް އިވެއެވެ. "ތިއަބައި މީހުންނަށް އެ އަޑު އިވޭނަމަ މީހުން މަރުވުމުން ވަޅުނުލައިފާނެ ކަމުގެ ބިރުފުޅު ނެތްނަމަ އެއަޑު ތިއަބައިމީހުންނަށް އިއްވެވުން އެދި ދުޢާކުރެވީމުސް" ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާކަން އެއީ ޘާބިތު ކަމެކެވެ.  

އެހެން ނުވާނީ ކީއްވެގެންހެއްޔެވެ؟ ޢަޛާބު ޙައްޤުވާ މީހުންނަށް މަލާއިކަތުންދެއްވަވާ ގަދަފަދަ ޢަޛާބުގެ އިތުރުން ބޮޑެތ ބިޔަ ނިގުލަންދާށިޔަކާއި ހަރުފަތަކާއި އެނޫންވެސް އިންސާނުން ބިރުގަންނާނެހައި ތަކެތި އައިސް ޙަމަލާދީ އަނިޔާދީ އަނިޔާކުރާނެތެވެ.  

ދެން އޮތީ ނަރަކައިގެ ގަދަފަދަ ޢަޛާބެވެ. އެއީ އަދި ކައްވަޅުގެ ޢަޛާބަށްވުރެ މާގަދަފަދަ ޢަޛާބެކެވެ. ބޯން ލިބޭނީ ހޫނުކަމުން މޫނާއި ކައިރިކޮށްލާއިރަށް މޫނުގެ މަސްތައް ވިރިގެން ފައިބާހައި ގަދައަށް ހޫނު ބުއިމެކެވެ. ނަރަކައިގެ ތިބޭ މީހުންގެ ގައިން ފައިބާ ފާދިޔައާއިދޮހެވެ. ކެއުމަކަށް ލިބޭނީ ކާއިރަށް ގޮހޮރު ފޫއަޅުވާލާފައި ބޭރަށް ނުކުމެގެންދާނެ ޒައްޤޫމެވެ.  

މީގެ އިތުރުން ނަރަކައިގައިވެސް އެއްޗެތީގެ ބޮޑުކަމުން ދަތްތައް ބޮޑެތި ފަރުބަދަތައްވަރުވާ ހަރުފަތަކާއި ނިގުލަންދާށިތަކާއި އެނޫންވެސް އެފަދަ އެތައް ބާވަތެއްގެ ތަކެތި އައިސްހަމަލާދޭނެތެވެ. ހަފައި ކާނެތެވެ. ފޭރާމުން ފެށިގެން ހުންނާނީ އަލިފާން ހިފާފައެވެ. ދާނީ އަނދަމުންނެވެ. ނިދުމެއް އަރާމުކުރުމެއް ނެތެވެ. އަބަދުވެސް ހުންނާނީ ގަދަފަދަ ޢަޛާބު ލިބިލިބިއެވެ. މިފަދަ އެތައް ކަމެކެވެ.  

ބައެއް މީހުން އެންމެ އަޑުއަހަން ބޭނުންނުވާ ވާހަކައަކީ ކައްވަޅާއި ނަރަކައިގެ ޢަޛާބުގެ ވާހަކަ އެވެ. އެފަދަ ވާހަކައެއްގެ އަޑުއިވުނަސް ދާދިއަވަހަށް ހަނދާން ނެތޭނެއެވެ. އެހެން އެވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ވަރަށް ބޮޑު ސަބަބެއް އޮވެގެންނެވެ. އަހަރެން ބުނާނީ އެހެން އެވަނީ ކީއްވެގެންކަން އެނގޭނަމަވެސް ބިރުން ހަލާކުވާނެ ކަމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެގޮތަށް ކަންތައް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެމީހެއްގެ މައްޗަށް ޝައިޠޯނާ ބާރުހިންގާފައިވުމެވެ. އެކަންކަމަށް ވިސްނައިފިނަމަ ޢަޛާބަށް ބިރުވެތިވެ ތައުބާވެ އިޞްލާޙްވެދާނެތީ ބިރުގަދަ ނުދެނީއެވެ. އެކަންކަމަށް ވިސްނާލަން ފުރުޞަތުވެސް ނުދެނީއެވެ.  

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ޝައިޠޯނާ އާއި ފޭވެ ދުރަށް ޖައްސައިލާށެވެ! އިޚްލާޞްތެރި ތައުބާއަކުން އަވަހަށް ތައުބާވާށެވެ! ޞާލިޙް ޢަމަލުތައް ކުރަންފަށާށެވެ! އެއަށްފަހު ކުރިން ކުރެވުނު ފާފަތަކަށް ނުވެސް ވިސްނާށެވެ! ހިނިތުންވާށެވެ! ފަޚުރުވެރިވާށެވެ! އެއީ ތައުބާ ވެވުނު ކަމަށްޓަކައެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ހިތްމައްޗަށް ގެނެސް ހިނިތުންވާށެވެ! ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް