އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު
އަހުރެންނަކީ ދެދަރިންނާއި އަންތބަކު ގޮވައިގެން ދިރިއުޅެމުންދިއަ ފަޤީރަކީމެވެ. ދިރިއުޅުނީ ބައްޕަގެ ކިބައިން ވާރުތަވި ކުޑަވަރެއްގެ ޖިފުޓިއެއްގައެވެ. އެހެން އުޅެމުން ދަނިކޮށް ސަޢުދީގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމުން އަނބިމީހާއާއި ދެ ދަރިން ބައިތިއްބާފައި ފުރައިގެން ދިއައީމެވެ.
ސަޢުދީގައި ހުރިއިރު ގޭގެ ކަންކަން ބަލަހައްޓައިދިނީ އެކުވެރިންގެ ތެރެއިން މޫސައެވެ. މޫސަ އަހުރެންގެ ގެއަށް ވަދެއުޅޭތީ އަވަށްޓެރިންގެ ފަރާތުން ޝަކުވާތައް ލިބުނެވެ. ނަމަވެސް އަނބިމިހާއަށް ކުރާ އިތުބާރުގެ ސަބަބުން އެކަމަކަށް ސަމާލުކަމެއް ނުދެމެވެ.
އަހުރެން އެނބުރި އައީ 5 އަހަރުފަހުންނެވެ. އަމިއްލަ މަސައްކަތެއްކޮށްގެން ދިރިއުޅެވޭނެހައި ފައިސާހިފައިގެންނެވެ. ނަމަވެސް އެނބުރި އައުމުން ކުރިމަތިވީ މާބޮޑު މައްސަލައެކެވެ. ދެދަރިންގެ ކިބައިން އެނގުނީ އކުވެރިޔާ، މޫސަ އަނބިމިހާއަށް އަނިޔާކުރާކަމާއި ދަރިންނަށްވެސް އަނިޔާކުރާކަމެވެ.
އެކަމުގެ ތަފްޞީލްހޯދަން ކުރި މަސައްކަތުން އެނގުނީ މޫސަ ދަރިންނަށާއި އަނބިމިހާއަށް އަނިޔާކުރީ ޢޭނާ ބޭނުންވާ ކަންކަން ކޮށްދޭން ދެކޮޅުހަދާތީ ކަމަށެވެ. އަދި އަނބިމީހާގެ ބޭނުންކުރަމުން ދިއައީ ބްލެކްމޭލްކޮށް ބިރުދައްކައިގެން ކަމެވެ.
ހުރިހާ މަޢުލޫމާތުތަކެއް ހޯދުމަށްފަހު އަނބިމިހާ ޢައި ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދިނެވެ. ރުއިން ނޫން ކަމެއް ނުކުރެއެވެ. އެޙާލަތުގައި އެންމެ ބޮޑު މައްސަލައަކަށްވީ ދެން ކަންކަން ކުރާނެ ގޮތެއް ނިންމުމުގައެވެ. އަނބިމީހާ ވަރިކޮށް ފޮނުވައިލާނީ ހެއްޔެވެ؟ އެއިރުން ދެދަރިންނަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ދޮންމަންމައަކު ގެނެސްފިނަމަ ދެދަރިންނަށް ކަންކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟
މިހުރިހާ ކަމަކަށް ވިސްނާފައި އަހުރެން ނިންމީ ކުށްވެރިއަކީ އަހުރެން ކަމަށެވެ. ފުރަތަމަ ކުށަކީ ނުބައި އެކުވެރިއަކާއި ގޭގެ ކަންކަން ބަލަހައްޓަން ޙަވާލުކުރެވުނު ކަމެވެ. ދެވަނަކުށަކީ އަވަށްޓެރިން ދައްކަމުން ދިއަ ވާހަކަތަކުގެ އަޑުނުއެހުނު ކަމެވެ. ތިންވަނަ ކުށަކީ އެއްގޮތަކަށްވެސް އަނބިދަރިންގެ ގާތަށް ނައިސް އެހާގިނަދުވަހު ދުރުގައި ހުރެވުނު ކަމެވެ. މާނައަކީ މޫސަހެ ވާހަކަ އަނބިމީހާއަށް އަހުރެންގެ ގާތުގައި ނުބުނެވި ލަސްވީ އަހުރެންނާއި ބައްދަލުނުވެވުމުން ކަމެވެ.
ކޮންމެއަކަސް އަހުރެން ނިންމީ އަނބިމީހާ ދޫކޮށްނުލުމަށެވެ. އެންމެ ބޮޑު ސަބަބަކަށް ބެލީ ދެދަރިންނަށް ދެރައެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުމެވެ. އެގޮތަށް ނިންމާފައިވެސް އަނބިމިހާއަށް ލޯބިދޭން ފެށުނީ މަހެއްހައި ދުވަސްފަހުންނެވެ. ލޯބިން ކުރިން އުޅުނު ގޮތަށް އުލެން ފެށުނީ އެހައިތަނުންނެވެ.
އަހުރެންގެ ނިންމުމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވިއެވެ. އަހުރެން ކުރަންފެށި މަސައްކަތް ކުރިއަރައި ބޮޑު ތަނަވަސްކަމެއް މިވަނީ ލިބިފައެވެ. ދެދަރިން އަހުރެންދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އަހުރެން އެނބުރި އައިދުވަހުން ފެށިގެން މިހައިތަނަށް އަނބިމީހާގެ ކިބައިން އެއްވެސް ކުށެއް ފެނިފައެއް ނުވެއެވެ.
އަހުރެންގެ ނިންމުމާއިމެދު އެކުވެރިން އަހުރެންނަށް ފުރައްސާރަވެސް ކުރިއެވެ. އެމީހުންނަކަށް ހިތްބުރައެއްވެސް ނުކުރަމެވެ. އަހުރެން ހުރިހާ ސަމާލުކަމެއް ދިނީ އަހުރެންގެ 2 ދަރިންނަށެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔުމުންދިއައިރު އަނބިމީހާއަށް މާފުކުރަން ނިންމުމުން ޙައިރާންވިއެވެ. ދެން ޙައިރާންވީ ފިރިމީހާ އޭނާގެ ކުށް އެހާފަސޭހައިން ޤަބޫލުކުރީތީއެވެ. އަދި ޒިންމާ އަމިއްލައަށް އުފުލަން ނިންމިތީއެވެ. ވާހަކަ ކިޔައި ނިމުނުއިރު އެކަމުގެ ސަބަބުން ފިރިމީހާއަށް ކުރި ބޮޑު ފައިދާ އެނގުމުން ވަރަށް އުފާވިއެވެ. ހިތަށް އެރިއެވެ. "އަނބިމިހާއަށް ކުށެއްކުރެވުނަސް އަދި ފިރިމިހާއަށް ކުށެއް ކުރެވުނަސް މާފުކުރުމުގައި ދީލަތިވެއްޖެނަމަ ލައްވަވާ ރަހްމަތް ހާދަ ބޮޑެވެ!"
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
18 އޭޕްރީލް 2025