އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ، ފަހުގެ ތައްޔާރީތައް ކުރިއަށް!

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ، ފަހުގެ ތައްޔާރީތައް ކުރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވުމަށް ހަމަޖެހިފައިވަނީ ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުއެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އިސްލާމީ މަރުކަޒު ބައްލަވާލެއްވުމުގެ އިތުރުން މި ޒިޔާރަތުގައި އިސްލާމީ މަރުކަޒުގައި ޕްރީ ސްކޫލްގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަށް ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންކަން ފާހަގަކޮށްލެވެއެެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު