އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު
ވަކިދީނެއްގެ ބައަކު އިސްތިސްނާ ނުކޮށް މިބުނަނީ މިހާރު ދުނިޔޭގެ އެންމެ ގިނަ ބައަކު މިހާރުކުރަމުން ގެންދާ ފާފައިގެ ވާހަކައެވެ. އަހުރެންގެ ޢާދޭހަކީ އެފާފަނުކުރާ މީހުންގެ ތެރޭގައި ނުހިމެނުމެވެ. ޔަޤީނުންވެސް އެއީ އެކަމަށް ޤިޔާމަތް ދުވަހު ފަޚުރުވެރިވެވެން އޮތް ކަމެކެވެ. އިން ޝާ ﷲ
މިދައްކަނީ ބަރަހަނާ ބެލުމުގެ ވާހަކައެވެ. ދުނިޔޭގެ ގިނަ ބައެއްގެ މިހާރުގެ ޙާލަތަށްބަލާއިރު އެންމެ ގިނަ ބައަކު ބަލަން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ބަރަހަނާ މަންޒަރުތަކަށެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު އެކަން އޮތް ގޮތެވެ. އެންމެ ގިނަ ބައަކު އިންޓަރނެޓް ބޭނުންކުރަނީ ވެސް އެފަދަ މަންޒަރުތައް ބެލުމަށެވެ.
ކަން މިހެން އޮތްއިރު އާޚިރަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. ވީމާ ދުނިޔެ ފެށުނީންސުރެ ނިމެންދެން ދުނިޔޭގައި އުޅުނު އެންމެން މަޙްޝަރު މައިދާނުގައި ތިބޭނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. އެއްވެސް ފޭރާމެއް ނެތިއެވެ.
އެހެންކަމާއިއެކުގައިވެސް އެއްވެސް މީހަކު އަނެކާގެ އައުރައަށް އެދުވަހަކު ނުބަލާނެއެވެ. ތިމާ އާއިމެދު ކަންތައް ވެދާނެ ގޮތަކާއި މެދު ގަނެފައި ތިބޭ ބިރު ބޮޑުކަމުން އެއްވެސް މީހެއްގެ ކިބައިގައި އެކަމަށް އެއްވެސް ޝައުޤްވެރިކަމެއް ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް ހުންނާނީ ބިރުން ވިރިވިރިއެވެ. ތިމާގެ ހިސާބު ބެއްލެވުމުން ވާނެ ގޮތެއް ނުއެނގޭތީ އެވެ. ވަންނަން ޖެހޭނީ ނަރަކައަށް ނޫން ކަމާއިމެދު ގަނެފައިތިބޭ ބިރުގެ ބޮޑުކަމުންނެވެ. ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންވެސް ތިއްބަވާނީ ހަމަ އެބިރުވެރިކަމުގައެވެ.
އެދުވަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގެންވާ ދުވަސްކަމުގައި އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީ އެވެ. ހިސާބު ބެއްލެވުން ލަސްވެ މީސްތަކުން އާދަމްގެފާނާއި ނޫޙުގެފާނާއި އިބްރާހީމްގެފާނާއި ޢީސާގެފާނުގެ އަރިއަހަށް ދިއުމުން "ނަފްސީ ނަފްސީ" އެވެ ވިދާޅުވެ ދެއްވަވާ ޖަވާބުން މިކަން އެނގިގެންދާނެއެވެ.
ވީމާ މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ބެލުންތައް ތިރިކުރާށެވެ! ފާފަވެރިނުވާށެވެ! ލޮލުން ކުރެވޭ ޒިނޭތައް ކުރުން އަވަހަށް ހުއްޓައިލާށެވެ! މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ކުރެވިފައިވާ މިފަދަ ބޮޑެތި ފާފަތަކުން ތައުބާވުމުގެ މަހެވެ. ޢާޚިރަތް ދުވަހުގެ ބިރުވެރިކަމަށް ހޭލުންތެރިވާށެވެ! ތިބާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބަކީ ތިބާގެ ޖިންސީ ގުނަވަންކަމުގައިވުމުން ސަލާމަތްކަން ހޯދޭނީ ބެލުންތަކަށް ސަމާލުކަން ދެވުނު ވަރަކުންނެވެ.
އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭނީ އެމީހުންގެ ދުލާއި ޖިންސީ ގުނަވަނުގެ ސަބަބުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ކަން މިހެން އޮތްއިރު ޖިންސީ ގުނަވަނުން ފާފަކުރެވެން މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ލޮލުން ކުރެވޭ ފާފައެވެ. ބަލައިގެން ނުވާނެ ތަންތަނާއި ކަންކަން ބެލުމެވެ. އެކަމަށް ރައްކައުތެރިވެވިއްޖެނަމަ އެހޯދުނީ ވަރަށް ބޮޑު ސަލާމަތްކަމެކެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
21 އޭޕްރީލް 2025