އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްމާޢީލްގެފާނުގެ ސިޔަރަތު- 2: ޖުރުހުމް ޤަބީލާ

އިސްމާޢީލްގެފާނުގެ ސިޔަރަތު- 2: ޖުރުހުމް ޤަބީލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވިއެވެ. ދެން އެކަމަނާ ފެންފޮދު ހިއްޕަވައި إسماعيل عليه السّلام އަށް ކިރުފޮދު އެރުއްވިއެވެ. އެމަލާއިކަތާ ވިދާޅުވިއެވެ. "ގެއްލުމެއް ލިބިދާނެ ކަމަށް ބިރުވެތިވެ ވަޑައިނުގަންނަވާށެވެ. މާތްالله ގެ ގެފުޅު ހުންނާނީ މިތަނުގައެވެ. އެގެފުޅު ބިނާކުރައްވާހުށީ މިދަރިކަލުންނާއި މިދަރިކަލުންގެ ބައްޕާފުޅެވެ. މާތްالله އެތަނުގެ އަހުލުވެރިން ހަލާކު ނުކުރައްވާހުއްޓެވެ." 

އޭގެކުރިން ގެފުޅުވަނީ ބިމަށްވުރެ ކުޑަތަންކޮޅެއް މައްޗަށް އުފުލިފައެވެ. ވާރޭވެހުމުން ފެންގަނޑު ދެމިގެން އަންނައިރު އެފެންތައް އެތަނުގެ ދެފަރާތުން ދެމިގެންދެއެވެ. ދެން އެތަނުގައި އެދެމައިކަލުން ތިއްބަވަނިކޮށް ޖުރުހުމް ޤަބީލާގެ ބަޔަކު އެތަނުން ދިޔައެވެ. އެމީހުން އައީ كداء ގެ މަގުންނެވެ. އެމީހުން އައިސް ޤާފިލާމަޑުކޮށް ފޭބީ މައްކާގެ ތިރީފަރާތަށެވެ. އެހެން ތިއްބާ އެމީހުންނަށް ފެނުނީ އެތަނުގެ މަތީގައި ދޫންޏެއް އުދުހި އުޅޭތަނެވެ. އެދޫނި އެތަނަކުން ދުރަކަށް ނުދެއެވެ. އެހިނދު އެމީހުން ބުންޏެވެ. 

"މިދޫނި އެ އުދުހެނީ ފެންގަނޑެއް އެތަނުގައި އޮތީމައެވެ. ތިމަންމެން މިމަގުން ދަތުރުކޮށް އުޅޭއިރުވެސް ތިމަންމެނަށް މިތަނުން ފެންގަނޑެއް ފެނިފައެއްނުވެއެވެ." 

ދެން އެމީހުން އެތަން ބެލުމަށް އެކަކު ނުވަތަ ދެމީހަކު ފޮނުވިއެވެ. އެމީހުން އެނބުރި އައިސް އެތާފެން ހުރި ވާހަކަ ބުނެފިއެވެ. ދެން އެހުރިހާ އެންމެން އެތަނަށްއައެވެ. އޭރު إسماعيل عليه السّلام ގެ މަންމާފުޅު އެތަނުގައި އިންނެވިއެވެ. ދެން އެމީހުން އެކަމަނާއަށް ދެންނެވިއެވެ. "ތިމަންމެނަށް މިތަނުގައި ދިރިއުޅުމުގެ ހުއްދަ ދެއްވާނަންތޯއެވެ؟" އެހިނދު އެކަމަނާ ވިދާޅުވިއެވެ. "އާނއެކެވެ. ނަމަވެސް ފެނުގެ މައްޗަކަށް ތިޔަބައިމީހުންނަށް އެއްވެސް ޙައްޤެއް ނުވެއެވެ." ދެން އެމީހުން އެކަމަށް އެއްބަސްވިއެވެ. 

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. ޖުރުހުމް ޤަބީލާގެ ގެ މީހުން އެތަނުގައި ދިރިއުޅެން ފެށުން ވެގެން ދިޔައީ إسماعيل عليه السّلام ގެ މަންމާފުޅުގެ އެކަނިވެރިކަން ފިލާވަޑައިގަތް ސަބަބަކަށެވެ. ދެން އެމީހުން އެތަނުގައި ދިރިއުޅެން ފެށިއެވެ. އަދި އެމީހުންގެ ގޭގެ އަހުލުވެރިންވެސް އެތަނަށް ގެނައެވެ. ދެން އިސްމާޢީލްގެފާނު ބޮޑުފުޅުވުމުން ޢަރަބިބަސް ވެސް އެމީހުންގެ ކައިރިން އުގެނިވަޑައިގަތެވެ. އެކަލޭގެފާނު ވެވަޑައިގަތީ ރީތި އަދި މީސްތަކުންގެ ހިތްހަމަޖެހޭ ބޭކަލަކަށެވެ. ދެން އެކަލޭގެފާނު ބޮޑުފުޅުވުމުން އެމީހުންގެ ތެރެއިން އަންހެން ބޭކަނބަލަކާ ކާވެނިބައްލަވައިގަތެވެ. އެދުވަސްވަރު إسماعيل عليه السّلام ގެ މަންމާފުޅުވެސް އަވަހާރަވެއްޖެއެވެ." { صحيح البخاري/ كتاب أحاديث الأنبياء/ باب ‏{‏يَزِفُّونَ‏}‏ النَّسَلاَنُ فِي الْمَشْىِ/ ޙަދީޘް ނަންބަރު 3364}

Advertisement

ކޮމެންޓް ކުރެއްވުމަށް