އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
މަންމަމެން ނުރުހޭ މީހަކާ ކައިވެނިކުރީތީ ބާކީކޮށް މަންމަމެންނަށް އެހީތެރިވުމުގެ ފުރުޞަތު ނުދޭނަމަ ދަރިން ފާފަވެރިވާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އިސްލާމް ދީނުގައި ފާފަވެރިވުން އޮތީ އެމިހަކު ކުރިކުށަކަށެވެ. ހެޔޮކަމެއް ކުރަން ހުރަސްއަޅާތީ ނުވަތަ ކުރާނެ ފުރުޞަތު ނުދޭތީ ނުކުރެވުމަކުން އެމީހަކު ފާފަވެރިއެއް ނުވާނެއެވެ.
ތިއަ ޙާލަތުގައިވެސް މަންމަމެންނާއި ވާހަކަ ދައްކާށެވެ! އެއްޗެތިވެސް ފައިސާވެސް ލިބުނުވަރަކުން ދޭށެވެ. ނުހިފުމަކީ އެމީހުންގެ ކަމެކެވެ. ބަލިވެއްޖެ ނަމަ ގާތަށް ގޮސް އަޅާލައި އެހީތެރިވާށެވެ! އަދި މަންމަމެންގެ މައްޗަށް ހިތުގައި ޙަސަދަވެރިކަމެއް ނުބާއްވާށެވެ! އަދި މަންމަމެންނަށް ހެޔޮވިސްނުން ދެއްވެވުން އެދިގެން ދުޢާކުރާށެވެ!
ތިރީގައި އެވަނީވެސް ކިޔުންތެރިއަކު ފާހަގަކުރި އެފަދަ މައްސަލައެކެވެ. މިއީ މައިންބަފައިން ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.
"އަޅުގަނޑު ކުއްޖަކު ދެކެ ލޯބިވެގެން އުޅޭކަން މަންމަމެންނަށް އެނގޭނެއެވެ. ލޯބިވެގެން ގިނަ ދުވަހު އެކުގައި ނުއުޅެންވެގެން ކައިވެންޏަށް އެދި ހުށަހެޅުމުން ބުނީ މާތަނަވަސް ކުއްޖަކު ހޯދައިގެން އުޅޭ ކަމަށާއި ކައިވެނި ކުރަންޖެހޭނީ އެކުއްޖާއާއި ކަމަށެވެ.
އަޅުގަނޑުމެން 2 މީހުންވެސް ވަޒީފާއަދާކުރަމެވެ. ތަނަވަސް ނޫނަސް އެކައުންޓުގައި ލާރިކޮޅެއްވެސް އެބަހުއްޓެވެ. ބައްޕަ ކޯޓަށް ދަމައި ޝަރީޢަތްތަކެއް ހިންގަން ބޭނުންނުވާތީ ރާއްޖެއިން ބޭރަށް ގޮސް ކައިވެނިކޮށްފީމެވެ. ރާއްޖެ އައިސް ކައިވެނި ރަޖިސްޓްރީވެސް ކޮށްފީމެވެ. އެކަމަކަށް ބައްޕަ ހުރަހެއް ނުއަޅައެވެ. ހަމައެކަނި ނުރުހުނީއެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު މިއީ ދެމަފިރިން ނޫން ކަމަކަށް ނުހެދޭނެއެވެ.
ބައްޕަމެން މިހާރު ތިބީ ގޮތްދޫނުކުރަންވެގެންނެވެ. އަޅުގަނޑުމެން ދެމަފިރިން ގެއަށް ގޮސް ބައްދަލުކުރިނަމަވެސް މަންމަވެސް ބައްޕަވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމަކާއަޅައެއް ނުލަމެވެ. އެކަމަކު ފިރިމީހާ އެކަމާ ކަންބޮޑުވެއެވެ.
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑަށް މިކުރެވުނީ ކުށެއްތޯއެވެ؟"
އެއީ ކުށަކަށްވިޔަސް ނުވިޔަސް ދަރިފުޅަށް އެވަނީ އެކުށްކުރެވިފައެވެ. ދެންވެސް ދަރިންނާއި ގުޅިގެން ރިވެތިގޮތުގައި އުޅެން މަސައްކަތްކުރުން މާބުއްދިވެރި ނޫންތޯއެވެ!
Advertisement
22 އޭޕްރީލް 2025