އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 36 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
އިރުއޮސްފުހޭ ތަނަށް ކުރެއްވި ދަތުރުފުޅު:
އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި، ޛުލްޤަރުނައިން ސިފަކުރައްވައިފައިވަނީ ވަރަށް ގިނަ ނިޢުމަތްތަކަކާއި، ބާރެއް ދެއްވި ބޭކަލެއްގެ ގޮތުގައެވެ. ބިމުގެ އެންމެހައި ކަންތައްތަކެއް ފަހިކޮށްދެއްވައި، ފަސޭހަކޮށްދެއްވި ބޭކަލެއްގެ ގޮތުގައެވެ. އޭނާގެ ވާހަކައަށް އިޝާރާތް ކުރައްވައި ކަހުފު ސޫރަތުގެ 83 ވަނަ އާޔަތާއި 84 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ ۖ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا﴿٨٣﴾إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا ﴿٨٤﴾
މާނައީ: [ذوالقرنين އާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭނާގެ ވާހަކައިން ތިމަންކަލޭގެފާނު، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާއަށް ބިމުގައި ކަންތައް ފަހިކޮށްދެއްވައި، ބާރުވެރިކޮށްދެއްވީމެވެ. އަދި ކޮންމެކަމަކުން، އޭނާއަށް މަގެއް ދެއްކެވީމެވެ.]
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ.[ذوالقرنين] ގެ ނަމުން އޭނާއަށް ނަންދެވިގެންވަނީ އިރަށާއި ހުޅަނގަށް އޭނާ ދަތުރުކުރައްވައި އުޅުއްވި ކަމުގެ ސަބަބުންނެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 203}
ކީރިތި ޤުރްއާނުގައި ދެން ބަޔާން ކުރައްވައިފައިވަނީ ޛުލްޤަރުނައިން ރަސްގެފާނު ކުރެއްވި ދަތުރުފުޅެއްގެ ވާހަކައެވެ. އެވާހަކަ ބަޔާން ކުރައްވައި ކަހުފު ސޫރަތުގެ 85 ވަނަ އާޔަތުން ފެށިގެން 88 ވަނަ އާޔަތުގެ ނިޔަލަށް އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَأَتْبَعَ سَبَبًا ﴿٨٥﴾ حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾ قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا ﴿٨٧﴾ وَأَمَّا مَنْ آمَنَ وَعَمِلَ صَالِحًا فَلَهُ جَزَاءً الْحُسْنَىٰ ۖ وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا ﴿٨٨﴾
މާނައީ: [ފަހެ، އޭނާ މަގަކުން ކުރިޔަށް ވަޑައިގަތެވެ. އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް قوم އެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ! އޭނާ ވިދާޅުވިއެވެ. އަނިޔާވެރިވީ މީހާއާމެދު (ދަންނާށެވެ!) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ. އަދި إيمان ވެ، صالح عمل ކުރިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ހެޔޮ ޖަޒާހުށްޓެވެ. އަދި އެމީހަކަށް ތިމަންރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ.]
- އަދި ނުނިމޭ
Advertisement
22 އޭޕްރީލް 2025