އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 13 ސިކުންތު
އިންސާފުވެރިކަމާ ލޯތްބާއެކު ކުދިން ބޮޑުކުރުން-
بِسْمِ اللَّهِ، وَالْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ وَعَلَى آلِهِ وَصَحْبِهِ وَمَنْ اهْتَدَى بِهُدَاهُ. أَمَّا بَعْدُ:
الله ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަމުގެ އެންމެ ބޮޑު އެއް ދަލީލަކީ، އެ އިލާހު އެއް ނަފްސަކުން މީސްތަކުން އުފެއްދެވިކަމާއި، އެ ނަފްސަކުން އޭގެ ބައިވެރިޔާ އުފައްދަވާ، ދެން އެ ދެމަފިރިންނަށް ދަރިންނާއި ދަރިފަސްކޮޅު ދެއްވިކަމެވެ.
ﷲ ވަހީކުރެއްވިއެވެ. ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً﴾ [النساء: 1] މާނައީ: ”އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. އެ އިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ.“
ދަރިންނަކީ الله ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެވެ. އެ އިލާހު ވަހީކުރެއްވިއެވެ. ﴿وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً﴾ [النحل: 72] މާނައީ: ”އަދި ﷲ، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށް ޓަކައި، އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެ ދަރިން ލެއްވިއެވެ." އަދިވެސް ﷲ ވަހީކުރެއްވިއެވެ. ﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا﴾ [الكهف: 46] މާނައީ: ”މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.“
ހެޔޮލަފާ ދަރިން ލިބުމަށް الله ގެ ނަބިއްޔުން ވެސް އެދިވަޑައިގެންނެވިއެވެ. އެ ގޮތުން، ޒަކަރިއްޔާ ޢަލައިހިއްސަލާމް ދުއާކުރެއްވިއެވެ. ﴿فَهَبْ لِي مِن لَّدُنكَ وَلِيًّا يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا﴾ [مريم: 5، 6] މާނައީ: ”ފަހެ އިބަ އިލާހުގެ ރަހުމަތްފުޅުން މި އަޅާއަށް ވާރިޘަކު ދެއްވާފާނދޭވެ. އެއީ މި އަޅާއާއި، ޔައުގޫބުގެ އާލުވެރިންގެ ކިބައިން ވާރުތަވާނޭ ވާރިޘެކެވެ. އަދި އަޅުގެ ރައްބެވެ. އިބަ އިލާހު ރުހިވޮޑިގެންވާ އަޅަކު ކަމުގައި އޭނާ ލައްވައިފާނދޭވެ.“ އަދި އިބްރާހީމް ވެސް ދުއާކުރެއްވިއެވެ. ﴿رَبِّ هَبْ لِي مِنَ الصَّالِحِينَ﴾ [الصافات: 100] މާނައީ: ”އަޅުގެ ރައްބެވެ. މި އަޅާއަށް ސާލިހުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ.“
އަހަރުމެންގެ ލޮލުގެ ފިނިކަންކަމަށްވާ މި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން މަތީ ގާއިމުވެތިބުމަކީ، އަހަރުމެން މައިންބަފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ލާބައާއި މަންފާއަށް ޓަކައި، އެ ކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ކުދިންނަށް އެއްޗެހި ދޭ ދިނުމުގައި ވެސް އެ ކުދިންގެ މެދުގައި އިންސާފުވެރިވުމަށް ސީދާވެގެންވާ ޝަރީއަތް ވަނީ އަމުރުކޮށްފައެވެ.
ކުދިންނަކީ ﷲ ދެއްވާފައިވާ އަމާނާތެކެވެ. އަދި މި އަމާނާތާމެދު އަހަރުމެންނާ ސުވާލު ކުރެވޭނެއެވެ. އެހެންކަމުން މައިންބަފައިން ކުދިން ބޮޑު ކުރުމުގައި އިންސާފުވެރިކަމާއި ލޯބި އަށަގަންނުވަން ޖެހެއެވެ. އަދުލުވެރިކަމާއެކީ އެ ކުދިންނާ ރަނގަޅަށް މުއާމަލާތްކުރުމުން، މައިންބަފައިންގެ ދީނީ ވާޖިބު އަދާވުމުގެ އިތުރަށް، މުސްތަގްބަލުގައި އަދުލަށް ލޯބިކުރާ، ކެރިހުރެ ހިތްވަރާއެކު ކަންކަމާ ކުރިމަތިލެވޭ ދަރިފަސްކޮޅެއްގެ ބިންގާ އެޅިގެންދާނެއެވެ.
ދުއާއަކީ، ކުދިން ބެލުމުގައި އަހަރުމެން މި ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އެ ކުދިންނަކީ އަހަރުމެން މި ދަސްކޮށްދޭ ރަނގަޅު ސިފަތައް އަށަގެންފައި ހުރި، މުޖުތަމައަށް ފައިދާ ކުރާ ސާލިހު ބަޔެއް ކަމުގައި ލެއްވުމެވެ. آمين.
وصلى الله على نبينا محمد وعلى آله وصحبه وسلم.
- މުޙައްމަދު އަޝްރާފު އިބްރާހީމް / މިއަދުނޫހަށް
Advertisement
22 އޭޕްރީލް 2025