އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
އައްޑޫ ސިޓީ ކައުންސިލުން ވަނީ މީދޫ އަވަށުން ކުދި ވިޔަފާރިތަކާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފައެވެ. މި ބިންތަކުގެ ތެރޭގައި 1،000 އަކަފޫޓުން ފެށިގެން 12،310 އަކަފޫޓާ ހަމައަށް ހުރި ބިންތައް ހިމެނެއެވެ.
ކައުންސިލުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް މެއި މަހުގެ 7 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށެވެ.
ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރޭގައި ސްވިމިންގ ޕޫލް ހެދުމަށް 1،000 އަކަފޫޓުގެ ދެ ބިމާއި، އާންމު ވިޔަފާރިތަކާއި ރެސްޓޯރަންޓް، ސެލޫން، ސަރވިސް ސެންޓަރު އަދި ތެޔޮ ރައްކާކުރުމަށް 6،900 އަކަފޫޓުގެ ބިމެއް ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށްވެސް ބިމެއް ވަނީ ކަނޑައަޅާފައެވެ.
އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަކޮށް 4،500 އަކަފޫޓަށްވުރެ ބޮޑު 5 ބިން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ކޮންސްޓްރަކްޝަން، ކާޕެންޓްރީ، ގައު އެޅުން، ހެވީ ވެހިކަލް ރެންޓަލް އަދި ވެއަރހައުސްގެ މަސައްކަތްތަކަށް 10،000 އާއި 12،000 އަކަފޫޓުގެ ބިންތައް ހިމެނެއެވެ.
ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ގެޒެޓުގައިވާ އިޢުލާނުގައި ހިމެނޭ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު [email protected] އަށް މެއިލްކުރަންވާނެއެވެ. އަދި ބިންތައް ކުއްޔަށް ދިނުމަށް ބީލަން ހުޅުވުން އޮންނާނީ މެއި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައިކަން ކައުންސިލުން ވަނީ އަންގާފައެވެ.
Advertisement
23 އޭޕްރީލް 2025