އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު
އަހުރެމެންގެ ތެރެއިން ގިނަ ބައަކަސް މިވާ ގޮތަކީ ހުރިހާ ކަމަކަށް ބެލެނީ އެހެން މީހުންގެ ކަންކަމުންނެވެ. އެހެންވެ ދެމީހަކު ލޯބިވެގެން އުޅޭތަން ފެނިފައި ތިމާއަށް ލޯބިވެރިއަކު ނެތިއްޖެނަމަ ކަންބޮޑުވެވެނީއެވެ. ތިމާއަކީ ދެރަ ނިކަމެތި މީހަކު ކަމަށް ވިސްނެނީއެވެ. ތިމާއަކީ އެއްވެސް އުފަލެއް ދުނިޔެއިން ނުލިބޭނެ މީހަކު ކަމަށް ޤަބޫލުކުރެވެނީއެވެ.
މިއަދުގެ ޒުވާނުންނަށް ބުނެލަން އޮތީ ލޯބިވެރިޔާ ގެއްލިއްޖެނަމަ ނުވަތަ ލޯބިވެރިއަކު ނުލިބި ލަސްވާނަމަ އެއީ ތިބާއަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެއް ކަމަށް ޤަބޫލުކުރާށެވެ! ކުރެވެން އުޅޭ ފާފަތަކަކުން ސަލާމަތްކުރައްވަވަނީ ކަމަށް ޤަބޫލުކޮށް އުފާކުރާށެވެ.
ދުނިޔެ މިއޮތީ ފަސާދަވެފައެވެ. ލޯބިވުންވެސް މިއޮތީ ފަސާދަވެފައެވެ. ޙަޤީޤީ މާނައިގައި ލޯބިވާ މީހަކު ލިބުން މިއޮތީ ދަތިއުނދަގޫ ކަމަކަށްވެފައެވެ. މިފަދަ ޙާލަތުގައި ކަންކަން ހުރިއިރު ފާފަތަކުން ތތިބާއަށް ރައްކައުތެރިކަން ދެއްވެވީމާ އެއީ ތިބާއަށް ލިބުނު ދެރައެއް ކަމަށް ވިސްނުންވެސް ވާނީ ﷲ ތަޢާލާ ލެއްވެވި ބޮޑު ރަހްމަތަކަށް ދެކޮޅުހެދުން ކަމަށް ނޫންހެއްޔެވެ؟
ނިކަން ބުނެބަލާށެވެ! ލޯބިވުން މިއަދު ހަދާފައިވަނީ އަތްފުހޭ ކަރުދާސް ފަދަ އެއްޗަކަށް ނޫންހެއްޔެވެ؟ އަތްފުހޭ ކަރުދާސް ނުވަތަ ޓިޝޫ އަކުން އަތްފުހެލުމަށްފަހު އެއްލައިލާނީ ކުނިވަށިގަނޑަކަށެވެ. ލޯބިވުމުގެ ނަމުގައި އެކުގައި އުޅެފައި މިއަދު މިކުރަނީ އެކަން ނޫން ހެއްޔެވެ؟ ލޯބިވާކަމަށް ބުނެ ވާވަޢުދުގައި ޘާބިތުވެވޭ ހެއްޔެވެ؟ އަހުރެންނަށް އިވޭ އަޑުތަކަށް ބަލާއިރު އެވަޢުދުގައި ޘާބިތުވަނީ ވަރަށް މަދު މީހެކެވެ.
އެންމެ ހިތާމަހުރި އެއްކަމަކީ ލޯބީގައި ލިބޭއަނިޔާއިން ހިތުގައި އުފެދޭ ފާރުގެ ލަކުނުތައް ގިނަވާވަރަކަށް ރޫހާނީ ގޮތުން މީހާ ބަލިކަށިވާ ކަމެވެ. އަޅުކަމާއި ދުރަށް ޖެހެވޭ ކަމެވެ. ލޯބިވުމުގެ ފަހަތުން ދުވާ މީހުންނަށް ބަލާށެވެ! ތަޤްވާވެރިން އިންތިހާއަށް މަދުވާނީއެވެ. އެއީ ރޫޙާނީ ގޮތުން ހިތް ކަނުވެގެންދާތީއެވެ.
ލޯބިވެރިޔާ ގެއްލިގެން ކަންބޮޑުވާ މީހުންނަށް ސުވާލެއް ކޮސްލާނަމެވެ! އެލޯބިވެރިޔާއާއިއެކު ތިބާ ހޭދަކުރި ދުވަސްތަކުގައި ހިތްހަމަޖެހުން ހޯދުމުގެ ބޭނުމުގައި ކުރެވުނީ ކިތައް ފާފަކަން ޢަދަދުކުރެވިދާނެ ހެއްޔެވެ؟ ފާފަކުރުމަކީ ހިތަށް ހަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށް ބުނީ ކާކުހެއްޔެވެ؟ ޚުދު ތިބާ އެކަން އެގޮތަށް ޤަބޫލުކުރަން ހެއްޔެވެ؟ ނުކުރާނެކަން ޔަޤީނެވެ.
ވީމާ ލޯބިވާނެ މީހަކު ލިބުން ލަސްވެގެންވެސް އަދި ލޯބިވެރިޔާ ގެއްލިގެންވެސް ކަްނބޮޑުނުވެ އެއީ ތިމާއަށް ލެއްވެވި ބޮޑު ރަޙްމަތެއް ކަމަށް ޔަޤީންކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
24 އޭޕްރީލް 2025