އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު
ވިސްނާށެވެ! މިކަން މިގޮތަށް ކުރެވޭނީ އެމީހެއްގެ އެންމެ ޣާތް މިތުރަކީ ﷲ ތަޢާލާ ކަމުގައި ހަދައިގެނެނެވެ. އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ކީރިތި ޤުރްޢާނާއި ގުޅުން ބަދަހިކުރުމެވެ.
ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމަށް އޮތް ވަޙީބަސްފުޅުގެ މާނައަކީ ހަމައެކަނި މީހުންނަށް ޖެހޭ ބޮޑެތި ބަލިތަކަސް ޝިފާލިބުމެއް ނޫނެވެ. އެއީ ހިތާމައާއި ހިތްދަތިކަމަށްވެސް އޮތް ޝިފާއެކެވެ. އިންސާނުންނަށް ޝިފާ ބޭނުންވާ ހުރިހާ ކަމަކަށް އޮތް ޝިފާއެކެވެ. މީގެ އިތުރުން ރިޒުޤް ތަނަވަސްވުމަށާއި ކުރިމަތިވާ ތަކްލީފްތައް ޙައްލުކުރަން ވެސް އޮތް މަގެވެ.
މީހުންގެ ވަޤުތުތައް ހުންނަގޮތުން ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމުގައި އެހައި ގިނަ ވަޤުތު ހޭދަނުކުރެވިދާނެއެވެ. ނަމަވެސް އަޑުއަހާ ވަޤުތު ގިނަކުރެވިދާނެއެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. ކާރުގައި ސެޓް ބަހައްޓައިގެން އަޑުއެހި ޒަމާން މާޒީވެ ހިނގައްޖެއެވެ. މިއީ އަތުގައި އޮންނަ ފޯނުން އަޑުއެހުމުގެ ޒަމާނެވެ.
ވަރަށް ރިވެތި ރާގުތަކަށް ކިޔަވާ ޤާރީން، ޙާފިޛުން ބައިވަރެވެ. އެއީވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތެކެވެ. ރަޙްމަތެކެވެ. ސަބަބަކީ އެކިމީހުންނަށް ރީތިވާނީ އެކި ރާގެވެ. ވީމާ އެމީހަކަށް އެންމެ ހިތްހަމަޖެހޭ ޤާރީއެއްގެ ކިޔެވުން އަޑުއަހާށެވެ.
އެކަމަކު ޤުރްއާން އަޑުއަހަން ބޭނުންވާ މީހުންނަށް އަހުރެން ޝަރުޠެއް ހުށަހަޅާނަމެވެ. އެއީ ފުރަތަމަކަމަކަށް ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައިގެން ދުވަސްފެށުމެވެ. އެހެނީ ޤުރްއާން ބާވައިލެއްވެވީ އަހަރެމެން ކިޔަވައި ޢަމަލުކުރާށެވެ. އަޑުއެހުމުން ކުރާނެ ޙަޤީޤީ ފައިދާ ކުރާނީވެސް ކިޔަވައި ޢަމަލުކުރާ މީހަކަށެވެ.
ގޮތްބަލަންވެސް ކީރިތި ޤުރްއާން ކިޔެވުމުން ދުވަސްފަށައި ވީވަރަކުން ޤުރްއާނާއިއެކު ދުވަސްހޭދަކުރަން ފަށަިބަލާށެވެ! ހުރިކަން އެނގޭ ބަލިތަކަށް ޝިފާލިބެންފަށާނެއެވެ. ހުރިކަން ނުއެނގޭ ބަލިތަކުންވެސް ސަލާމަތްވެވޭނެއެވެ. ރިޒުޤްތަނަވަސްވާން ފަށާނެއެވެ. މައްސަލަތައް ޙައްލަުވާންވެސް ފަށާނެއެވެ. އިން ޝާ ﷲ
- މުފްތީމެންކުގެ ދަރުސަކުން
Advertisement
24 އޭޕްރީލް 2025