އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު
ބައެއް މީހުން، އެމީހުންނަށް ދަރިން ލިބުމާއިއެކު ނުވަތަ ކުޑްކުދިންގެ ގޮތުގައި ތިއްބައި ދަރިންގެ ނަމުގައި އެކައުންޓް ހުޅުވައި އެމީހަކަށް ލިބޭ ވަރަކުން ދަރިންނަށްޓަކައި އެއެކައުންޓަށް ފައިށާޖަމާކުރަން ފަށައެވެ.
އެއީ ކުރަން ވަރަށް ރަނގަޅުވެސް ކަމެކެވެ. ޙާލަތު ދިމާކުރާ ގޮތަކުން ދަރިފުޅަށް ކުރަންޖެހޭ ޚަރަދެއް ކުރެވޭނެ ގޮތެއް ނެތް ފަހަރަކު މީހުންނަށް ސަލާން ނުޖަހައި އެފައިށާއިން ދަރިންނަށް ޚަރަދުކުރެވިދާނެއެވެ. އެފަދަ ކަމެއް ނުޖެހޭނަމަ ބޮޑުވުމުން މަތީ ތަޢުލީމަށް ފަދަ ކަންކަމަށްވެސް ޚަރަދުކުރެވިދާނެއެވެ.
އެންމެ މުހިންމު ކަމަކީ މިގޮތަށް ޖަމާކޮށްފައި ބަހައްޓާ ފައިސާއިންވެސް ނިޞާބް ހަމަވާނަމަ މުދަލު ޒަކާތް ދައްކައި ﷲ ތަޢާލާގެ ޙައްޤު އަދާކުރުމެވެ. އެއީ ކުރަން މަޖުބޫރުވާނެ ކަމެކެވެ. އަދާކުރަންޖެހޭ ފަރުޟަކަށްވާތީއެވެ.
މިކަމުގަ ޑރ. އިޔާޟްގެ ބަސްފުޅު:
ފައިސާފޮރުވާފައި ހުންނަތާ އަހަރުވެ، ނިޞާބު ހަމަވެއްޖެނަމަ ޒަކާތް ދައްކަންޖެހޭނެއެވެ. ދައްކާނީ ފައިސާ ފޮރުވާފައި ހުރި އެކައުންޓުންނެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަމިއްލަ އެކައުންޓުތަކުގައި ހުންނަ ފައިސާއިންވެސް މުދަލު ޒަކާތް ދައްކަނީ މަދުމީހެކެވެ. ޖީއެސްޓީ ނުދައްކައިފިނަމަ ޖުރުމަނާކޮށް ފިޔަވަޅު އަޅާތީ ޖީއެސްޓީ ޤަވާއިދުން ދައްކައެވެ. މުދަލު ޒަކާތް ނުދެއްކިޔަސް އެމީހަކަށް ވަޤުތުން ކޯފާ ނުލައްވަވާތީ މުދަލު ޒަކާތް ނުދައްކަނީއެވެ. މުދަލު ޒަކާތް ނުދެއްކުމަށް ހިތްވަރު ލިބެނީ އެކަމަށް ޤާނޫނެއް ނެތުމުންނެވެ.
ބޮޑެތި ބައެއް ޢިލްމުވެރިން ވިދާޅުވަނީ މީސްމީހުންނާއި ކުންފުނި، ޖަމާއަތްތައް ފަދަ ފަރާތްތަކުގެ އެކައުންޓުގައި ހުންނަ ފައިސާއިން ނިޞާބު ހަމަވާނަމަ، އެފަރާތަކުން އަމިއްލައަށް ޒަކާތް ނުދައްކާނަމަ ޒަކާތަށްވާ ފައިސާ އެކައުންޓުން އުނިކޮށް (އެކައުންޓުން ނަގައި) ޒަކާތް ދައްކަން ބޭންކްތަކަށް ޖެހޭނެ ކަމަށެވެ.
އެގޮތަށް ޢަމަލުކުރެވޭނީ އެގޮތަށް އެކަންކުރަން ޒަކާތާއިބެހޭ ޤާނޫނުގައި ހުއްދަކޮށްފައިވާ ޤައުމެއް ނަމައެވެ. މުދަލު ޒަކާތަކީ ނުދައްކާނަމަ ނަގަން ދީނުގައި ދައުލަތަށް ލާޒިމްކުރާ ފައިސާއެކެވެ.
Advertisement
25 އޭޕްރީލް 2025