އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ކައްވަޅުގެ ޢަޛާބާއިމެދު އެނގުން މުހިންމު ކަންކަން-

ހަނދުމަކޮށްދިނުމެއް!: ކައްވަޅުގެ ޢަޛާބާއިމެދު އެނގުން މުހިންމު ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 32 މިނެޓް, 1 ސިކުންތު

ފުރަތަމަ: ކައްވަޅުގެ ޢަޛާބު:  

ކައްވަޅުގެ ޢަޛާބަކީ ގުރްއާނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތުވާ މައްސަލަ އެކެވެ. ވީމާ، ކައްވަޅުގެ ޢަޛާބަށް އިންކާރު ކުރާނީ ދީނުގެ ޙުކުމްތަކަށް ފާޅުގައި ދެކޮޅު ހަދާ މީހެކެވެ. ސޫރަތުއްތައުބާގެ 101 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ)

މާނައަކީ: "ތިމަންރަސްކަލާނގެ އެއުރެންނަށް ދެފަހަރު عذابދެއްވާހުށީމެވެ. ދެން ބޮޑުވެގެންވާ عذابއެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވާ ހުށްޓެވެ". 

އަދި ޣާފިރު ސޫރަތުގެ 45، 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ ﴿٤٥﴾النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ ﴿٤٦﴾ )

މާނައަކީ: "އަދި އެންމެނުބައި عذاب،فرعونގެ މީހުން ވަށައިލިއެވެ. އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذابއަށް) ހުށަހަޅުއްވާނެތެވެ. އަދި قيامةގެވަގުތު އަންނަދުވަހު (ملائكةންނަށް އަންގަވާނެތެވެ.)فرعونގެމީހުން އެންމެގަދަފަދަވެގެންވާ عذابއަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!".  

މާތް ﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބް ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  

(يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ) "ސޫރަތު އިބްރާހީމްގެ 27 ވަނަ އާޔަތް"،  

މިއާޔަތުގެ މާނައަކީ: " ދުނިޔޭގެ حياةގައްޔާއި، آخرةގައި ސާބިތުވެގެންވާ (حق) ބަހުން إيمانވި މީހުންނަށް، اللَّهސާބިތުކަން ދެއްވަތެވެ". މިއާޔަތް ބާވާލެއްވުނީ ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުންނެވެ. ގަބުރުގައި އޮންނަ މީހާ އާއި ސުވާލު ކުރެވޭނެއެވެ. "ކަލޭގެ ރައްބަކީ ކާކު ހެއްޔެވެ؟"، އެހިނދު މުއިމިނުން ޖަވާބުގައި ބުނާނެއެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އަދި ނަބިއްޔަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. މިގޮތުން އީމާންވީ މީހުންނަށް ﷲ ޘާބިތުކަން ދެއްވާނެއެވެ.  

މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. (لولا أن تدافنوا لدعوت الله أن يسمعكم عذاب القبر)މާނައަކީ: "ތިޔަބައިމީހުން މައްޔިތުން ވަޅުނުލާފާނެކަމަށް ތިމަން ކަލޭގެފާނަށް ބިރު ނުހީވާނަމަ ތިޔަބައިމީހުންނަށް ކައްވަޅުގެ ޢަޛާބު އަޑު އިއްވައިދެއްވުން އެދި ﷲ އަށް ދެންނެވީމުހެވެ".  

އަދިވެސް އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ.  

(إِنَّ الْعَبْدَ إِذَا وُضِعَ فِى قَبْرِهِ وَتَوَلَّى عَنْهُ أَصْحَابُهُ إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ . يَأْتِيهِ مَلَكَانِ فَيَقُولاَنِ مَا كُنْتَ تَقُولُ فِى هَذَا الرَّجُلِ - يَعْنِى مُحَمَّدًا - -صلى الله عليه وسلم- قَالَ : فَأَمَّا الْمُؤْمِنُ فَيَقُولُ : أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ فَيُقَالُ لَهُ انْظُرْ إِلَى مَقْعَدِكَ فِى النَّارِ قَدْ أَبْدَلَكَ اللَّهُ مَقْعَدًا فِى الْجَنَّةِ فَيَرَاهُمَا جَمِيعًا)  

މާނައަކީ: "އަޅާ ގަބުރަށް ލާފައި އޭނާގެ އަހްލުވެރިން ދާ ހިނދު އެބައިމީހުންގެ ފައިވާނުގެ އަޑުތައް މައްޔިތާ އަށް އިވޭނެއެވެ. އެހިނދު އޭނާގެ ގާތަށް ދެމަލާއިކަތުން ވަޑައިގެން ސުވާލު ކުރައްވާނެއެވެ. "މުޙައްމަދުގެ ފާނާއި ބެހޭގޮތުން ކަލޭ ބުނެއުޅުނީ ކީކޭ ހެއްޔެވެ؟"، އެހިނދު މުއިމިނުން ބުނާނެއެވެ. މުޙައްމަދުގެ ފާނަކީ ﷲ ގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެހިނދު މަލާއިކަތުން ދަންނަވާނެއެވެ. ނަރަކައިގައި ކަލެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ބަލާށެވެ. އޭގެ ބަދަލުގައި މާތް ﷲ ކަލެއަށް ސުވަރުގެއިން ތަނެއް ތައްޔާރު ކޮށް ދެއްވައިފިއެވެ. އެހިނދު ސުވަރުގެ އާއި ނަރަކައިގެ ޖަގަހަ އޭނާ އަށް ފެންނާނެއެވެ".

(وَأَمَّا الْمُنَافِقُ وَالْكَافِرُ ، فَيُقَالُ لَهُ : مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ ؟ فَيْقُولُ : لا أَدْرِي ، كُنْتُ أَقُولُ مَا يَقُولُ النَّاسُ ، فَيُقَالُ لَهُ : لا دَرَيْتَ وَلا تَلَيْتَ ، وَيُضْرَبُ بِمَطَارِقَ مِنْ حَدِيدٍ ضَرْبَةً ، فَيَصِيحُ صَيْحَةً ، يَسْمَعُهَا مَنْ يَلِيهِ ، غَيْرَ الثَّقَلَيْنِ )  

އަދި މުނާފިގުންނާއި ކާފިރުންނާއި ސުވާލު ކުރެވޭނެއެވެ. "މުޙައްމަދުގެ ފާނާއި ބެހޭ ގޮތުން ކަލޭ ބުނެއުޅުނީ ކީކޭ ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނާނެއެވެ. ނޭނގެއެވެ. މީހުން ކިޔާ އުޅުނު އެއްޗެއް އަހަރެންވެސް ކިޔާ އުޅުނީމެވެ. އެހިނދު އޭނާ އަށް ބުނެވޭނެއެވެ. ކަލެއަކަށް ނުވެސް އެނގެއެވެ. އަދި ނުވެސް ކިޔައެވެ. އަދި ދަގަނޑު ގަޑަކުން އޭނާގެ ގައިގާ އެތިފަހަރެއް ޖެހޭނެއެވެ. އެޖެހޭ ޖެހުމުގެ އަޑު ކައިރީގައި ތިބި އިންސީންނާއި ޖިންނީން ފިޔަވާ ހުރިހާ އެއްޗަކަށް އިވޭނެއެވެ". މިއީ ބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ. 

ދެވަނަ: ކައްވަޅުގެ ޢަޛާބު ލިބޭ ސަބަބުތައް: 

ކައްވަޅުގެ ޢަޛާބު ލިބެން މެދުވެރިވާ ސަބަބުތައް ބަޔާން ކުރައްވާ އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ﷲ މަޢްރިފާކޮށް ދެނެނުގަނެވުމުގެ ސަބަބުންނާއި، ﷲ ގެ އަމުރުފުޅުތައް ނަގާލުމުންނާއި، އަދި ﷲ ނަހީ ކުރެއްވި ފާފަތަކަށް އަރައިގަތުމުން ކައްވަޅުގެ ޢަޛާބު ލިބެއެވެ. ދުނިޔޭގައި ﷲ ނަހީ ކުރެއްވި ކަންތަކަށް އަރައިގަނެ ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ މީހާ އަށް ﷲ ތަޢާލާ ކައްވަޅުގައި ޢަޛާބު ދެއްވަތެވެ. ކައްވަޅުގެ ޢަޛާބު ލިބޭނެ ކަމުގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ބައެއް ފާފަތައް ތިރީގައި މިވަނީއެވެ. 

1.  ދެބައޮޑުވުމުމާއި ޣީބަ ބުނުން،

2.  ކުޑަކަމުދާ އެއްޗެތިން ސަލާމަތް ނުވެވުން.

3.  ވުޟޫ ނުކޮށް ހުރެ ނަމާދު ކުރުން

4.  ދޮގު ހެދުން

5.  ނަމާދު ނުކުރުން .

6.  ޒަކާތް ނުދިނުން

7.  ޒިނޭ ކުރުން

8.  ވައްކަން ކުރުން

9.  ޚިޔާނާތް ތެރިކަން،

10. މީސްތަކުންގެ މެދުގައި ފިތްނަ އުފެއްދުން

11. ރބާ ކެއުން

12. އަނިޔާ ލިބޭ މީހާ އަށް ނަޞްރު ނުދިނުން

13. ރާބުއިން

14. ބޮޑާ ކަމާއި އެކުގައި ފައިކުރި ތިރިކޮށްފައި ބެހެއްޓުން

15. ޙައްގަކާ ނުލާ މީހުން މެރުން

16. ޞަޙާބީންނަށް ބަދު ބަސް ބުނުން

17. ބިދްޢަ ވެރިއެއްގެ ގޮތުގައި މަރުވުން. 

ތިންވަނަ: ކައްވަޅުގެ ޢަޛާބު ލިބެނީ ހަމައެކަނި ވަޅުލެވިފައިވާ މީހާ އަށްބާ؟

ކައްވަޅުގައި ސުވާލު ކުރެވެނީ ހަމަ އެކަނި ވަޅުލެވިފައިވާ މީހުންނަކަށް އެކަންޏެއް ނޫނެވެ. މައްޔިތާ ޞަހަރާ އަކަށް އެއްލާލެވުނަސް، މޫދަށް ގަންބާލެވުނަސް، ނުވަތަ އަންދާލެވުނަސްވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ މައްޔިތާ އާއި ސުވާލު ކުރައްވާނެއެވެ. ސުވާލު ކުރެވޭނީ ރޫޙާ އެވެ. މައްޔިތާގެ ހަށިގަނޑު ކޮންމެ ތަނަކަށް އެއްލައިލި ނަމަވެސް އޭނާގެ ރޫޙު ހުންނާނީ ސަލާމަތުންނެވެ. އެހެންކަމުން ރޫޙާއި ސުވާލުވެވި ރަގަޅަށް އުޅެފައިވާނަމަ ނިޢްމަތް ދެއްވާ، ގޯސްކޮށް އުޅެފައިވާނަމަ ޢަޛާބު ދެއްވާނެއެވެ. އިންސާނާގެ ހަށިގަނޑަށްވެސް ރަގަޅަށް އުޅެފައިވާ މީހެއްގެ ހަށިގަނޑެއްނަމަ ނިޢްމަތް ދެއްވާ، ގޯސްކޮށް އުޅެފައިވާ މީހެއްގެ ހަށިގަނޑެއްނަމަ ޢަޛާބު ދެއްވާނެއެވެ. އެގޮތަކީ ކޮބައިކަމެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އަހަރުމެންނަށް އެކަން އެނގިގެންނެއް ނުވެއެވެ. މިއީ ބަރްޒަޚުގެ ވާހަކައެވެ. ގިޔާމަތް ދުވަހުން ހަށިގަނޑާއި ރޫޙު އެއް ކުރައްވާ ދެއެއްޗަށްވެސް ޖަޒާ ދެއްވާނެއެވެ. މާތް ﷲ އަހަރުމެން އެންމެންނަށް ކައްވަޅަކީ އަލިތަނެއް ކަމުގައި ލައްވާށި، އަދި އެއީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާ އެއް ކަމުގައި ލައްވާށި. އާމީން.  

ހަތަރުވަނަ: މައްޔިތާ އަށް ފައިދާ ކުރުވަނިވި ކަންތައްތައް: 

މައްޔިތާ އަށްޓަކައި ކޮށްދޭންވީ ކަންތައްތައް:

މައްޔިތާ މަރުވުމަށްފަހުގައި އޭނާއަށް ފައިދާ ކުރާނެ ކަންތަކުގެ ތެރޭގައި އޭނާއަށްޓަކައި ކޮށްދެވޭ ހެޔޮ ދުޢާ، ޞަދަގާތް އަދި އޭނާގެ މަތިންވެވޭ ޙައްޖުހިމެނިގެންވެއެވެ.
މައްޔިތާ އަށް ކޮށްދޭހެޔޮ ދުޢާގެ ފައިދާ ކުރާނެކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެ ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތެވެ. މާތްވަޙީ ކުރައްވާފައިވެއެވެ.  

(والذين جاؤوا من بعدهم يقولون ربنا اغفر لنا ولإخواننا الذين سبقونا بالإيمان)

މާނައަކީ: "އަދި އެއުރެންގެ ފަހަތުންއަންނަ މީހުން ބުނެތެވެ.  އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފާފަފުއްސަވައި، މަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންނަށްވުރެ ކުރީންއީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚްތަކުންނަށްވެސް ފާފަފުއްސަވައިމަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެމީސްތަކުންނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަ ނުދެއްވާފާންދޭވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ނުހަނު އޯގާވެރި،ރަޙީމުވަންތަ، އިލާހެވެ".

މައްތިޔަކު ވަޅުލާ ނިމުނު ތަނުން ކީރިތިރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (استغفروا لأخيكم واسألوا له التثبيت فإنه الآن يسأل)

މާނާއަކީ: "ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއި ސުވާލު ކުރެވޭނެއެވެ".  

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (إذا صليتم على الميت فأخلصوا له الدعاء)

މާނައަކީ: "ތިޔަބައިމީހުންމައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ".

މައްޔިތާއަށްފައިދާ ކުރާނެ ދެވަނަ ކަމަކީ އޭނާގެ މަތިން ކުރެވޭ ޞަދަގާތެވެ. އޭގެދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިންރިވާވެގެންވެއެވެ.

 (أن رجلا قال للنبي صلى الله عليه وسلم إن أمي افتلتت نفسها ولم توصي وأظنها لو تكلمت تصدقت أفلها أجر إن تصدقت عليها فقال النبي صلى الله عليه وسلم : نعم )

މާނައަކީ: " މީހަކު އައިސް ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. އަޅުގަޑުގެ މަންމަވަޞިއްޔަތެއް ނުކޮށް ނިޔާވެއްޖެއެވެ. މަންމާ ވާހަކަ ދެއްކި ނަމަ ޞަދަގާތްކުރުމަށް ވަޞިއްޔަތް ކުރާނެކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ދެންފަހުމަންމަގެ މަތިން އަޅުގަޑު ޞަދަގާތްކޮށްފިނަމަ އޭގެ އަޖްރު (ޘަވާބު) މަންމައަށް ލިބޭނެހެއްޔެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. "އާއެކެވެ".

މާތް ﷲ ރުއްސުންލެއްވި ސަޢުދު ބިންޢުބާދާ ގެ ކިބައިން ރިވާވެގެންވެއެވެ.

(أن أمه توفيت وهو غائب فقال : يا رسول الله إن أمي ماتت وأنا غائب فهل ينفعها إن تصدقت عنها فقال : نعم، فقال : أشهدك أن حائطي المخراف صدقة عنها )

"މާނައަކީ: އެކަލޭގެފާނުރަށުގައި ނޫޅުއްވަނީސް މަންމާފުޅު ދުނިޔެ ދޫކުރައްވައިފިއެވެ. ދެންއެކަލޭގެފާނު މިޚަބަރު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްދެއްވައި ވިދާޅުވިއެވެ. ތިމަންނާގެ މަންމަގެ މަތިން ޞަދަގާތްކޮށްފިނަމަމަންމަ އަށް އޭގެ ފައިދާ ކުރާނެތޯއެވެ. ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ"،އެހިނދު ސަޢުދު ވިދާޅުވިއެވެ. "ކަލޭގެފާނު ހެކިކުރައްވާ ވިދާޅުވަމެވެ. "މިޚްރާފް" އޭ ކިޔާ ތަނުގައިވާ ދެކަދުރު ދަނޑު މަންމަގެ ނަމުގައިޞަދަގާތްކޮށްފީމެވެ".

މައްޔިތާއަށް ފައިދާ ކުރާނެ ތިންވަނަ ކަމަކީއޭނާގެ މަތިން ޙައްޖުވުމެވެ. މިކަމުގެ ދަލީލަކީ ޞަޙާބީއަކު މަރުވެފައިވާމަންމަގެ މަތިން ޙައްޖު ވުމާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އާއި ސުވާލު ކުރުމުން ޙަދީޘް ކުރެއްވިއެވެ.

(أرأيت لو كان على أمك دين أكنت قاضيته ، قالت : نعم قال : فدين الله أحق بالقضاء)

މާނައަކީ: "ތިބާގެ މަންމަގެ ދަރަންޔެއް އޮތްނަމަ އަދާކުރާނަން ހެއްޔެވެ؟ ޞަޙާބީދެންނެވިއެވެ. "އާދޭހެވެ"، ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މައްޗަށްވާ ދަރަނިއަދާކުރުން މާ ޙައްގުކަން ބޮޑެވެ".

އަލްއިމާމުއް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތަންބޭނުން މީހާ އެމީހުންގެނަމުގައި ޞަދަގާތް ކުރާހުށިކަމެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހުންގެނަމުގައި ކުރާ ޞަދަގާތުގެ ޘަވާބު އެބައިމީހުންނަށް ލިބޭނެކަމާއި މެދުގައިމުސްލިމުންގެ މެދުގައި ޚިލާފެއްނެތެވެ.

މައްޔިތާގެ މަތިން ނަމާދުކުރުމާއި ރޯދަ ހިފުމާއި ބެހޭގޮތުން ޝާފިޢީ މަޛްހަބު ގެ ޢިލްމުވެރިންނާއިއެހެނިހެން މަޛްހަބު ތަކުގެ ގިނަ ޢިލްމުވެރިން ދެކިލައްވަނީ އެކަމުގެސަބަބުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެ ކަމަށެވެ. ނަމަވެސްމައްޔިތާގެ މައްޗަށް ވާޖިބުވެފައިވާ ރޯދައެއް ނުހިފި ވާނަމަ ހިފުމަކުންމައްސަލައެއް ނެތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.

މައްޔިތާގެމައްޗަށް ގުރްއާން ކިޔެވުމުގެ މައްސަލާގައި ބައެއް ޢިލްމުވެރިންދެކިލައްވަނީ އެކަމުން މައްޔިތާ އަށް ޘަވާބު ލިބޭނެ ކަމަށެވެ. އަނެއްބައިޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ފައިދާ އެއްނުކުރާނެކަމަށެވެ. ނަމަވެސް މިކަމުގައި ހަނދާން ކުރަން ޖެހޭނެ ކަމަކީރާއްޖޭގެ ޢާދަކާދާގައިވާ ފަދައިން ބަޔަކުމީހުންނަށް އަގުދީގެން ގުރްއާންކިޔެވުމަކުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެއެވެ. ސަބަބަކީއެބައިމީހުން ކިޔަވާނީ އިޚްލާޞްތެރިކަމާއި އެކުގައި ނޫންކަމަށްވާތީވެއެވެ. އެބައިމީހުންނަށް ލިބޭ ފައިސާގެ ބޭނުމުގައި ކަމަށްވާތީވެއެވެ. މައްޔިތާއަށްދުޢާކޮށް ދިނުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރައްވަމުން ޙަދީޘް ކުރެއްވިއެވެ.

(إذا صليتم على الميت فأخلصوا له الدعاء)

މާނައަކީ: "ތިޔަބައިމީހުން މައްޔިތާއަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ދުޢާ ކޮށްދޭށެވެ". އެހެންކަމުން އިޚްލާޞްތެރިކަމެއްނެތި ކޮށްފި ކަމަކުން ފައިދާ އެއް ނެތެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހުރިހާ އަޅުކަމަކުންވެސް މައްޔިތާ އަށްފައިދާ ކޮށްދެވޭނެއެވެ. އެއީ ނަމާދު ކުރުންކަމުގައިވީނަމަވެސް، ރޯދަހިފުންކަމުގައިވީނަމަވެސް ނުވަތަ ގުރްއާން ކިޔެވުން ކަމުގައިވީނަމަވެސް އެވެ. ނަމަވެސް މިކަންތަކަކީ ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުރި ކަންތަކެވެ. ޚިލާފެއްނެތި ދަންނަބޭކަލުން ގެ އިޖްމާޢުން މައްޔިތާ އަށް ފައިދާ ކުރާނެކަންތަކަކަކީ ހެޔޮ ދުޢާ އާއި ޞަދަގާތް އަދި ޙައްޖުވުމެވެ.

މައްޔިތާއަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ ގިނަ ގިނައިން ހެޔޮ ދުޢާކޮށްދިނުމެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَقُلْ رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا)

މާނައަކީ: "އަދި ބުނާށެވެ. ހައްދަވާގެންގުޅުއްވާ އިލާހެވެ. ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންވީ ދުވަހުތިމަންގެ ޙާލު ބަލައި ބޮޑުކުޅަފަދައިން، އެދެމީހުންނަށް ރަޙްމަތްލައްވައިފާންދޭވެ".

ސޫރަތުލް އިސްރާގެ 24 ވަނަ އާޔަތް

ރަސޫލު ﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

 (إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلا مِنْ ثَلاثَةٍ إِلا مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ )

މާނައަކީ: "އިންސާނާ  މަރުވެއްޖެނަމަ ތިންކަމަކުން މެނުވީއޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ނުވަތަފައިދާ ކުރަނިވި ޢިލްމެއް ނުވަތަ ދުޢާކޮށްދޭނެ ޞާލިޙް ދަރިއެކެވެ". 

ޚުލާޞާ: މައްޔިތާއަށް އޭނާގެ ކައްވަޅުގެ އުނދަގޫކަމުން ސަލާމަތްކޮށްދެއްވުންއެދި ފުރަތަމަރޭ 2 ރައުއަތްނަމާދެއް ކުރުން ޘާބިތެއް ނުވެއެވެ. ސުންނަތުން ޘާބިތުނުވާ ކަމެއް ކޮށްގެން މައްޔިތާ އަށް ލިބޭނެ އެއްވެސް ފައިދާ އެއް ނޯންނާނެއެވެ. މައްޔިތާއަށް ފައިދާ އެއް ހޯދައިދޭން ބޭނުންނަމަ މަތީގައި ބަޔާން ކުރެވިފައިވާ ފަދައިން ސުންނަތުން ޘާބިތުވާ ކަންތައްތައް ކުރުމަށް މަސައްކަތް ކުރާށެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް