އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމި އަދި މިއުޅެނީ މަހެއްވެސް ނުވެގެންނެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! ރަމަޟާން މަސް ފާއިތުވިފަހުން ޤުރްއާނުން އެންމެ ޞަފްޙާއެއްވެސް ކިޔަވައިފިން ހެއްޔެވެ؟ ކީރިތި ޤުރްއާނަކީ ހަމައެކަނި ރަމަޟާން މަހު ކިޔަވަން ބާވައިލެއްވެވި ފޮތެއް ކަމަށް ބުނީ ކާކުހެއްޔެވެ؟ ވީމާ ހަނދާނުގައި ބަހައްޓަންވީ ކީރިތި ޤުރްއާނަކީ ހަމައެކަނި ރަމަޟާން މަހު ކިޔަވަން ބާވައިލެއްވެވި ފޮތެއް ނޫން ކަމެވެ.
ސުވަރުގެ ވަންނަން އެދޭ މީހާ ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔަވަންވީ ކީއްވެގެންތޯ ސުވާލުކުރާ މީހުންނަށް އަހަރެން ބުނަމެވެ. އެއީ އޮފަތަކީ ސުވަރުގެގޭގެވެސް އަދި ތިބާގެ ވެސް ވެރި ރައްބު ތިބާ ކިޔަވައި ޢަމަލުކުރަން ބާވައިލެއްވެވި ފޮތްކަމުގައިވާތީއެވެ! ސުވަރުގެ ވައްދަވާނީ އެ ފޮތް ކިޔަވައި އެއަށް ޢަމަލުކޮށްގެން ކަމުގައިވާތީއެވެ! ކިޔަވަންވީ އެއިގައި އޮތް އެއްޗެއް އުނގެނުމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރްއާން އުނގެނުމުގެ ނިޔަތުގައި އެމީހަކަށް ވަގުތުލިބޭވަރަކުން ކިޔަވަމުން ގެންދާށެވެ! ދުވާލަކު އެންމެ އާޔަތެއް ނަމަވެސް މާނައާއިއެކު އުނގެނޭށެވެ. އެކަމުގައި ތިބާ ސާބިތުވެ ހުއްޓައި ތިބާ މަރުވެއްޖެނަމަ ޤުރްއާން އުނގެނެން މަސައްކަތްކުރި މީހަކަށް ދެއްވަވާނެ ޘަވާބު ތިބާއަށް ދެއްވަވާނެތެވެ! އިން ޝާ ﷲ
ކީރިތި ޤުރްއާން ކިޔެވުމާއި އުނގެނުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ! ތިބާއަށްޓަކައި އެ ޤުރްއާން ޤިޔާމަތް ދުވަހު ޝަފާއަތްތެރިވުމަށް އުންމީދުކުރާށެވެ! އެއަށްވުރެ ބޮޑު ނަޞީބަކީ ކޮބައިހެއްޔެވެ؟
ކުރިން މިބުނި މަގުން އުނގެނުމަށް މަސައްކަތްކުރާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކީ ޤަވާއިދުން ކޮންމެ ދުވަހަކު އެކަންކުރުމެވެ. އެމަސައްކަތަކީ ވަގުތުވާ ދުވަސްދުވަހު ކުރަން އޮތް ކަމަކަށް ނުހެދުމެވެ. ޝައުޤުވެރިކަން ހުރެގެން މަސައްކަތްކުރުމަކީ އެއީއެވެ. އެންމެ އާޔަތެއް ނަމަވެސް ކޮންމެ ދުވަހަކުވެސް އުނގެނެން މިބުނަނީ އެހެންވެގެންނެވެ.
އަހުރެންގެ ނަޞޭޙަތަކީ ކީރިތި ޤުރްއާން އުނގެނެން މަސައްކަތްކުރާ އަޅެއްގެ ގޮތުގައި ނޫނީ މަރުނުވުމެވެ. އެކަމުގެ ސަބަބުން އާޚިރަތް ދުވަހު ލިބެން އޮތް ބޮޑު ނަޞީބުން މަޙްރޫމްވާނެ މީހަކުކަމުގައިވެހުރެ މަރުނުވުމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
26 އޭޕްރީލް 2025