އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 58 ސިކުންތު
މާތް ﷲ ގެ އަމުރުފުޅުތަކަށް ތަބާޢަވެ، ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވާ، ޙަޤީޤީ މާނައިގައި ޤަޟާ ޤަދަރަށް އީމާންވާ މުއުމިނަކު ދުނިޔޭގެ މުޞީބާތްތަކަކީ ބޮޑުކަމަކަށް ނުހަދާނެއެވެ. އެހެން މީހުން އިޙްސާސްކުރާހައި ތުރާތަކެއް އެ ފަދަ މީހަކު އިޙްސާސެއް ނުކުރާނެއެވެ. އެ މީހުން ޤަބޫލުކުރާނީ ދުނިޔޭގައި ހުރިހައި ކަމެއް ހިނގާނީ، ކަނޑައެޅިފައިވާ ގޮތަށް ކަމަށެވެ. އަލްޙަދީދު ސޫރަތުގެ 22 އަދި 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ:
﴿مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ * لِّكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ ۗ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ﴾ [1]
މާނައީ: "އެއްވެސް މުޞީބަތެއް، ތިމަންރަސްކަލާނގެ އެ މުޞީބަތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ.
(އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ހަމަ އެފަދައިން ދުނިޔޭގައި އިންސާނެއްގެ އިހުމާލެއް ނެތި ކުރިމަތިވާ ބޮޑެތި މުޞީބާތްތަކާއި އިމްތިޙާނުތަކަކީ އިންސާނާ އިމްތިޙާނުކުރެއްވުމަށް ޓަކައި މާތް اللَّه ކުރިމަތިކުރައްވާ ކަންތައްކަން އޭނާ ދަންނާނެއެވެ. އެ ފަދަ ކަންކަމަށް ކެތްތެރިވެއްޖެ މީހަކަށް ހުރީ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރެވެ. އަލްބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުގައި މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ.
﴿وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ﴾[2]
މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"
ޤަޟާޤަދަރަށް އީމާންވާ، ތައުޙީދުގެ އަހުލުވެރީން، ސިހުރުވެރީންނާއި، ފާލުބަލާމީހުންނާއި، ރަމަލުޖަހާމީހުންނާއި، ކާހިނުން ގާތަކަށް ނުދާނެއެވެ. އަލްއިމާމު މުސްލިމް ރިވާކުރައްވައިފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެއެ. "ޢައްރާފެއްގެ ގާތަށް ގޮސް (އެބަހީ: ޣައިބުގައިވާ ކަންކަން ހޯދައިގަން ކަމަށް ދަޢުވާކުރާ މީހެއްގެ ގާތަށް ގޮސް) އޭނާ ދައްކާ ވާހަކަ ޤަބޫލުކޮށްފި މީހާގެ ނަމާދު 40 ދުވަސްވަންދެއް ޤާބޫލެއް ނުކުރައްވާނެތެވެ.
- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު
- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން
Advertisement
26 އޭޕްރީލް 2025