އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު
އިންސާނުންނަށް ޖެހޭ ގިނަ ބަލިތަކާއި ހަށިގަނޑުގެ ގުނަވަންތަކަށް އަންނަ ބަދަލުތަކާއިބެހޭ ގޮތުން ވަރަށް ގިނަ ހޯދުންތައް ހޯދިއްޖެއެވެ. ބޭސްފަރުވާ ކުރުމާއި ގުނަވަން ބަދަލުކުރުމުގެ ކަންކަމުގައި ކާމިޔާބު ތަޖުރިބާތަކެއްވެސް ކުރެވިއްޖެއެވެ.
އެހެންކަމާއިއެކުވެސް އަދިވެސް ސައިންސްވެރިންނަށް މަރާއި ނުވަތަ މަރުވުމާއި ބެހޭ ގޮތުން ހަމަ އެއްވެސް ކަމެއް ނުހޯދެއެވެ. މިޘާލަކަށް ބަލިވެ އުޅޭ މީހަކު ޙާލު ބޮޑުވަމުން ގޮސް މަރުވާއިރުވެސް އެނގެނީ އޭނާގެ ފުރާނަ އެދަނީކަމެވެ. އަދި ހަމަ މިހާރު ފުރާނަ އެދަނީ ކަމަށް ނިންމާފަހުންވެސް މަރުވުން ލަސްވެސްވެއެވެ. އަދި ފުރާނަ ނުގޮސް ގަދަވެސްވެއެވެ.
މިހުރިހާ ކަމަކުންވެސް އެނގެނީ ފުރާނައިގެ މައްޗަށް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުފޯރުވޭނެއިރު ފުރާނަ ގެންދެވުމާއިމެދު ސައިްނސްވެރިންނަށްވެސް ހަމަ އެއްވެސް ކަމެއް ނުއެނގޭ ކަމެވެ.
މީހަކަށް ބައްޔެއް ޖެހި އެބަލީގައި މަރުވެއްޖެނަމަ މަރުވި ސަބަބަކީ ބަލިކަމަށް ބުނެއެވެ. އެހެންކަމަށްވާއިރު އެއްވެސް ބައްޔެއް ނުވެ ކުއްލިއަކަށް މީހުން މަރުވަނީ ކީއްވެގެން ކީއްވެގެން ހެއްޔެވެ؟ ހިތްހުއްޓުނީ ކަމަށް ބުނެވިދާނެއެވެ. ކުއްލިއަކަށް ހިތްހުއްޓުނީ ކީއްވެގެން ހެއްޔެވެ؟
އެކުވެރިންނޭވެ. މިފަދަ ކަންކަމަށް ފުންކޮށްވިސްނާށެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމަށްވެސްނާށެވެ! އެކަމަށް ބިރުވެތިވެ އަބަދުވެސް މަރުވުމަށް ތައްޔާރަށް ހުންނަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި ނޫނީ މަރުނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އިންސާނުންގެ މަރާއިބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ތެރެއިން ހޯދިފައިވާ އެންމެ ފަހުގެ ހޯދުންތަކަށްބަލާއިރު މަރުގައި ދެ މަރުޙަލާއެއްވެއެވެ. ފުރަމަ މަރުޙަލާގައި ހިތް ޕަމްޕްކުރުން ހުއްޓި ނޭވާ ނެލެވެނީއެވެ. ސިކުނޑީގެ ސެލްތައް މަރުވާންފަށަނީ ނުވަތަ ސެލްތަކުން މަސައްކަތްކުރުން ހުއްޓެނީ އެއިގެ އިރުތަކެއް ފަހުންނެވެ. އެހެންކަމުން މިހާރު އެމީހުން ބުނަނީ ހިތް ހުއްޓުނު ކަމުގައިވީނަމަވެސް އޭނާގެ އަޞްލު މަރުވުން ތަންކޮޅެއް ލަސްކުރެވިދާނެ ގޮތްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އިތުރު އޮކްސިޖަން ދީގެން ހިނދުކޮޅަކަށް ލަސްކޮށްލެވިދާނެ ކަމަށް އެބަ ބުނެއެވެ.
މިފަދަ ހޯދުންތަކުންވެސް އިތުރަށް ޔަޤީންވަމުން މިދަނީ ހަމަ އިސްލާމްދީނުގައި މަރާއިބެހޭ ގޮތުން އައިސްފައިކަންކަމަކީ ތެދު ޙަޤީޤަތް ކަމެވެ. މިޘާލަކަށް ޑޮކްޓަރުން އެބުނާ ޙަޤީޤީ ނުވަތަ އަޞްލު މަރުވުން ލަސްކޮށްލެވުނުނުނަމަވެސް އެކަން ކުރެވެނީ މާގިނައިރަކަށް ނޫނެވެ. ކުޑަކުޑަ ހިނދުކޮޅަކަށެވެ. އަދި އެކަމުން އެމީހަކަށް ކުރާނެ ފައިދާއެއްވެސް ނެތެވެ. އެމީހަކަށް އަނބުރައި ދުނިޔެއަކަށްވެސް ނައުދެވެއެވެ.
އަހުރެން ހިތަށް އަރައެވެ. އެމީހުން އެބުނާ ފުރަތަމަ މަރުޙަލާ އާއި ހިނދުކޮޅެއްގެފަހުން ޙަޤީޤީ މަރުވުމާއި ދެމެދުގައި ހިނގާ ވަޤުތުކޮޅަކީ އެމީހަކާއި ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަރުގެމަލާއިކަތުންނާއި ދެމެދުގައި ކުރެވޭނެ މުޢާމަލާތުތަކެއް އެބައޮތް ކަމަށް ޙަދީޘްފުޅުތަކުން އެނގެންހުރިކަންކަން ހިނގާ ވަޤުތުކޮޅު ނޫންބާވައެވެ!
ކޮންމެއަކަސް މަރުވުމުގެ މަރުޙަލާގައި ހިނގާ ކަންކަން ބައިތަކަކަށް ބަހައިލެވުނަސް ޔަޤީންވާ ކަމަކީ މަރުގެ މަލާއިކަތާ އެމީހެއްގެ ފުރާނަ ހިއްޕަވައިފި މީހަކަށް އަލުން ދިރުން ނުދެވޭނެ ކަމެވެ. ދެވަނަ ފުރުޞަތެއް އެއްވެސް މީހަކަށް ނެތްކަމެވެ. މުސްލިމުންނަށް އޮތީ މިފަދަ ކަންކަމަށް ވިސްނައި ބިރުވެތިވެ ފުރިހަމަ ގޮތުގައި މަރަށް ތައްޔާރުވުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްގެ ގޮތުގައި މަރުވާން މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 އޭޕްރީލް 2025