އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު
ހިލޭ ގޯތި ދިނުމަކީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު މިފަދައިން ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖެއަށް ވަރަށް ޚާއްސަ ސިފައެއް ނަމަވެސް، މި ތާރީޚީ ސިޔާސަތު ބަދަލުކުރުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ކަމުގައި ނުދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ ބަންޑާރަ ގޯތި ގާނޫނެއްގެ ތެރެއަށް ގެނެސްގެން މަޖިލީހުން އެކަމަށް ހައްލެއް ހޯދައިދިނުމަކީ އަޅުގަނޑު އެދޭ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރު ވަނީ ބަންޑާރަ ގޯތީގެ ރަޖިސްޓްރީއާ ގުޅޭ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. މި އިސްލާހުގެ ދަށުން ސިޓީތަކުގައި ސިޓީ ކައުންސިލްތަކުންނާއި، ބިންތަކުގެ ރަޖިސްޓްރީގެ ކަންކަން ބަލަހައްޓާ އިދާރާތަކުން، އަދި ސަރުކާރުން ކަނޑައަޅާ އިދާރާތަކުން ރަޖިސްޓްރީ ދޫކުރެވޭ ގޮތަށް ހަމަޖެހިފައިވެއެވެ.
ވަޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ ބަންޑާރަ ގޯތި ދޫކުރުމުގެ މުޅި ނިޒާމަށް އަލުން ވިސްނައި، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އެކަން ހައްލުކުރުމުގެ މުހިންމުކަމެވެ.
Advertisement
28 އޭޕްރީލް 2025