އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޢުލޫމާތު އިތުރުކޮށް ޢިބްރަތް ޙާޞިލުކުރުމަށް!: އިސްލާމްދީނުގެ ތާރީޚުން ފާހަގަކޮށްލެވޭ 10 ބޭކަނބަލުން-

މަޢުލޫމާތު އިތުރުކޮށް ޢިބްރަތް ޙާޞިލުކުރުމަށް!: އިސްލާމްދީނުގެ ތާރީޚުން ފާހަގަކޮށްލެވޭ 10 ބޭކަނބަލުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 33 ސިކުންތު

އިސްލާމީ ތާރީޚުން ފާހަގަކޮށްލެވޭ 10 އަންހެންބޭކަނބަލުން؛

 

· ޚަދީޖާ ބިންތި އަލް-ޚުވައިލިދު: 

ޚަދީޖާ رضى الله عنها އަކީ ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އެންމެ ފުރަތަމަ އަނބިކަނބަލެވެ. އަދި މުޅި އިސްލާމީ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އެއް ޝަޚުޞިއްޔަތެވެ. އެކަމަނާއަކީ "މުއުމިނުންގެ މަންމަ" އެވެ. ބައްޕާފުޅު އަވަހާރަވުމުން، އެކަމަނާ އަމިށްލަފުޅަށް އާއިލާގެ ވިޔަފާރި ހިންގަވާ ކުރިއަށްގެންދެވިއެވެ. 

ކީރިތި ރަޞޫލާ محمد صلى الله عليه وسلم އަށް ކައިވެނި ހުށައެޅުއްވެވީވެސް އެކަމަނާއެވެ. އެކަލޭނގެފާނު އިތުރު ކައިވެނިފުޅެއް ބައްލަވައިގެންނެވީ އެކަމަނާ އަވަހާރަވުމަށްފަހުއެވެ. 

· ފާޠިމާ ބިންތި މުޙައްމަދު:

ފާޠިމާ رضى الله عنها އަކީ ކީރިތި ރަޞޫލާ محمد صلى الله عليه وسلم އާއި ޚަދީޖާ رضى الله عنها ގެ ދަރިކަނބަލުންނެވެ. އެކަމަނާއަކީ އީމާންތެރިކަން ވަރުގަދަ، އސްލާމްދީނުގެ އެންމެ ހިތްދަތި އުނދަގޫ ދުވަސްތައް ތަޙައްމަލުކުރުމަށްފަހުވެސް ދީނުގެ މަގުގައި ސާބިތުކަންމަތީ ހުންނެވި ބޭކަނބަލެކެވެ. އެކަމަނާއާއި އެކަމަނާގެ ބައްޕާފުޅުގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއްއޮތެވެ. އެކަލޭނގެފާނު ކޮންމެދުވަހަކު ދުވާލު މިސްކިތައް ވަޑައިގަންނަވަމުން ފާތިމާ رضى الله عنها ގެ ގެކޮޅު ކައިރިއަށް މަޑުކޮށްލައްވާ ސަލާމް ގޮވާލައްވާކަމަށްވެއެވެ. އެކަމަނާ، އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅަށް އިޚްތިރާމުކުރައްވައި، އެދެބޭފުޅުންނާއި ވަރަށް އަރިސް ބޭކަލެއްކަމުގައިވާ ޢަލީ އިބުނު ޠާލިބު އާއި ކައިވެނިފުޅު ބައްލަވައިގަތެވެ. އަދި އެ ކައިވެނިފުޅަށް 5 ކުދިން ލިބިވަޑައިގަތެވެ. އެއީ، ޙަސަން އިބުނު ޢަލީ. ޙުސައިން އިބުނު ޢަލީ، މުޙުޞިން އިބުނު ޢަލީ، ޒައިނަބު ބިންތި ޢަލީ، އަދި އުއްމު ކުލްޘުމް ބިންތި ޢަލީ އެވެ. 

· ޒައިނަބު ބިންތި ޢަލީ: 

ފާޠިމާ رضى الله عنها އާއި ޢަލީ އިބުނު އަބޫ ޠާލިބުގެ ދަރިކަނބަލުން ޒައިނަބު ބިންތި ޢަލީ އަކީވެސް ކެތްތެރިކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ ސުވަރުގެވަޑައިގެންނެވުމުން، މުސްލިމުންގެ ލީޑަރުކަން ހޯދުމަށް ހިނގަމުންދިޔަ ހަމަނުޖެހުންތަކުން އެކަމަނާގެ ޢާއިލާ ރައްކާތެރިކޮށް އަދި ދިފާޢުކުރަމުން ދިޔައީ، އެކަމަނާގެ މަންމާފުޅު އަވަހާރަވުމުން، ބޭބޭފުޅު ޙަސަން އިބުނު ޢަލީ އާއި ޙުސެއިން އިބުނު ޢަލީ އާއި އެކުއެވެ. އެކަމަނާގެ ބައްޕާފުޅު އަވާހަރަކޮށްލިފަހުން، ކަރްބަލާ ހަނގުރާމާގައި އެކަމަނާގެ ބޭބޭފުޅު ޙުސައިން އިބުނު ޢަލީ އާއި އާއިލާގެ އެތައް ބައެއް އަވަހާރަވިތަން އެކަމަނާ ދެކެވަޑައިގަތެވެ. އެކަމަނާއަށް މަޖުބޫރުވީ، ޔާޒިދުގެ ދަށުގައިވާ ސީރިޔާއަށް ދިއުމަށެވެ. ޔާޒިދު ކޯޓުގައި ހިތްވަރުގަދަކަމާއި އެކު ހުންނަވާ، ބޭއިންސާފުވެރިކަމާއި ދެކޮޅަށް އަޑުއުފުއްލަވާ ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ބިރުވެތިވުމަށް ގޮވާލެއްވެވިއެވެ. މުޅި އާއިލާ ނެތިދިއުމަށްފަހުވެސް އިސްލާމްދީނުގެ މަގުގައި އެކަމަނާ ސާބިތުކަންމަތީ ހުންނެވިއެވެ. އަދި އެކަމަނާގެ ކާފާފުޅު، ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ ބަސްފުޅު ފަތުރަން މަސައްކަތްޕުޅުކުރެއްވިއެވެ. 

· ޙަފްސާ ބިންތި ޢުމަރު: 

ޙަފްސާ رضى الله عنها އަކީ ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އަނބިކަނބަލެކެވެ. އެކަމަނާއާއި އެކަލޭނގެފާނު ކައިވެނި ބައްލަވައިގަތީ އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ ގާތްގަނޑަކަށް އެއްއަހަރު ފަހުންނެވެ. އެކަލޭނގެފާނާއި ކައިވެނިބައްލަވައިގަތުމަށްފަހު އެކަމަނާ ކީރިތި ޤުރުޢާން ހިތުދަސްކުރެއްވިއެވެ. އޭރަކު އަދި ޤުރުޢާން އެއްފޮތެއްގެ ގޮތުގައި ނުލިޔުއްވައެވެ. އެކަމަނާ ޤުރުޢާން ހިތުދަސްކުރެއްވުމުން އެތައް ބަޔަކަށް ޤުރުޢާން ހިތުދަސްކުރުމަށް ހިތްވަރުލިބިގަތެވެ. އެންމެ ފުރަތަމަ ޤުރުޢާނުގެ ހުރިހާ އާޔަތްތަކެއް ލިޔުއްވުމަށްފަހު، ރައްކާކުރެއްވުމަށް ދެއްވީ ޙަފްސާ رضى الله عنها އަށެވެ. ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތައް އެހާ ރީތި ކަމާއި ފުރިހަމަ ކަމާއިއެކު ތަރުތީތުބުކޮށް ރައްކާކުރެވުނީ އެކަމަނާގެ އެހީތެރިކަމާއިއެކުއެވެ. 

· ޢާއިޝާ ބިންތި އަބޫ ބަކުރު: 

ޢާއިޝާ رضى الله عنها އަކީވެސް ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އަނބިކަނބަލެކެވެ. އެކަމަނާވަނީ 2000 އަށްވުރެ ގިނަ ޙަދީޘް ރިވާކުރައްވާފައިއެވެ. އެކަމަނާއަކީ ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އެންމެ އަރިސް އެއް ބޭފުޅެއްކަމުގައިވާ އަބޫ ބަކުރު رضى الله عنه ގެ ދަރިކަނބަލުންނެވެ. 

· ސުމައްޔާ ބިންތި ޚައްޔާތު: 

އެކަމަނާއަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ޝަހީދެވެ. ފައުޅުގައު ޤުރައިޝީންނާއި ދެކޮޅަށް ހުންނެވި އެންމެ ފުރަތަމަ އެއްފަރާތަކީވެސް އެކަމަނާއެވެ. އެކަމަނާ ޝަހީދުވީ މާތްﷲ ގެ މަގުގައި ޘާބިތުވެ ހުންނެވުމުން، ޤުރައިޝުން ކުރި އަނިޔާތަކުގެ ސަބަބުންނެވެ. ރަސޫލާގެ ބަސްފުޅު ދޮގުކޮށް ﷲއަށް އުރެދުމަށް އެތައް ފަހަރަކު އެކަމަނާއަށް ފުރުޞަތު ދިނުމުންވެސް އެކަމަށް އިންކާރުކުރެއްވިއެވެ. އެކަމަނާގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމަކީ އަހަރެމެން އެންމެންނަށްވަސް ހުރި މުހިއްމު ޢިބުރަތެކެވެ. 

· ނަފީސާ ބިންތި އަލް-ހަސަން: 

އެކަމަނާ މަޝްހޫރުވެފައިވަނީ ސާބިތުކަމާއި ހިތްޕުޅުތޫނުކަމަށެވެ. އުމުރުފުޅުގެ ގިނަ ދުވަސް މިސްރުގައި ހޭދަކުރުމަށްފަހު، އެކަމަނާ ވެގެންދިޔައީ އެންމެ މަޝްހޫރު އެއް ޢިލްމުވެރިއަކަށެވެ. އެންމެ މުހިއްމު އަދި މަޤުބޫލު ދެ ޢިލްމުވެރިންކަމަށްވާ އަބޫ އަބްދުﷲ މުހައްމަދު އިދްރީސް އަލް-ޝާފިޢީ އާއި އަހްމަދު އިބުނު ޙަންބަލް އަށް އެކަމަނާ ކިޔަވައިދެއްވިއެވެ. ހަގު އުމުރުފުޅުގައި އެކަމަނާވަނީ ކީރިތި ޤުރުޢާން ހިތުދަސްކުރައްވާ އެތަކެއް ޙަދީޘެއްވެސް ދަސްކުރައްވާފައިއެވެ. އަދި އެކަމަނާ ގިނަގިނައިން ރޯދަ ހިފާ، ރޭގަނޑު ރޭއަޅުކަންކުރެއްވިއެވެ. އަދި 30ވަރަކަށްފަހަރު އެކަމަނާ ޙައްޖުކުރެއްވިއެވެ. އެކަމަނާގެ ޙަޔާތްޕުޅުން އެނގިގެންދަނީ އަންހެނުންވެސް ދީނީ ޢިލްމުގެ ރޮނގުން ކުރިއެރޭނެކަމާއި، އެކަމުގެ މުހިއްމުކަމެވެ. 

· އުއްމު އަލް ދަރްދާ އަލް ޞަޤްރާ: 

އެކަމަނާއަކީވެސް ޢިލްމީ ރޮނގުން އިސްލާމީ ތާރީޚުގައި ފާހަގްކޮށްލެވޭ ބޭކަނބަލެކެވެ. އިސްލާމިކް ޢިލްމުވެރިޔަކަށާއި ޙަދީޘް ޢިލްމުގެ މުދައްރިސަކަށް ވުމަށްފަހު އެކަމަނާވަނީ ދިމިޝްޤުގެ މިސްކިތުގައި އެތައް ލެކްޗާއެއްދެއްވާފައިއެވެ. އެކަމަނާގެ އެއްމެ މަޝްހޫރު އެއް ދަރިވަރަކީ އުމައްޔަދު ޚަލީފާ އަބްދުލް މާލިކް ބިން މަރްވާނެވެ. ހަމައެއާއިއެކު ހަސަން އަލް ބަޞްރީ އަކީވެސް އެކަމަނާގެ  ދަރިވަރެކެވެ. 

· ޝުހްދާ އަލް ބަޣްދާދިއްޔާ: 

"ފަޚްރު އައްނިސާ" ނުވަތަ "އަންހެނުންގެ ފަޚުރު" ގެ ނަމުން މަޝްހޫރުވެފައިވާ އަލްބަޣްދާދިއްޔާ އަކީ 12 ވަނަ ޤަރުނުގެ އެންމެ ބަލައިގަންނަ، އެންމެ ކުޅަދާނަ ޢިލްމުވެރިޔާ އަދި ލިޔުންތެރިޔާއެވެ. އެކަމަނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޙަދީޘްތައް ކިޔައިދިނުމާއި ލިޔުންތެރިކަމުގެ ހުނަރަށެވެ. 

· ފާތިމާ އަލް ސަމަރްޣަންދީ: 

12 ވަނަ ޤަރުނުގައި އުޒްބަކިސްތާނަށް އުފަން ފާތިމާ އަކީ ޢިލްމުވެރިން އެންމެ ބޮޑަށް އިހްތިރާމުކުރެއްވި އެއްފަރާތެވެ. ޙަނަފީ މަޒްހަބު ދަސްކޮށް ޙަދީޘް ޢިލްމުގެ އެންމެ އުހުގައި ފިޔަޖަހަމުން އެކަމަނާ ގެންދެވިއެވެ. ސީރިޔާއަށް ދަތުރުކޮށް އެކަމަނާވަނީ އެތައް ބަޔަކަށް އުނގަންނަވައިދެއްވާފައެވެ. 

މިއިން ކޮންމެ ބޭކަނބަލެއްވެސް އަހަރެމެންނަށް ދައްކަވައިދެއްވީ ކެތްތެރިކަމާއި، ހިތްވަރުގަދަކަމާއި، އިސްލާމްދީނުގައި ޘާބިތުވެ ހުރުމުގެ ލާމަސީލު ނަމޫނާއެވެ.އަދި އުނގެނުމުގެ މުހިއްމުކަމާއި ޢިލްމީގޮތުން އެންމެ އުހަށް ފޯރޭނެކަމެވެ. މިފަދަ ބޭކަނބަލުންގެ ފަރާތުން ހިތްވަރުލިބިގަންނާށެވެ.

 

https://themuslimvibe.com/muslim-lifestyle-matters/women/10-inspirational-women-from-islamic-history  

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު