އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު
ދެމަފިރިންގެ ވާހަކަ ޤުރްއާނުގައި އައިސްފައިވަނީ ތަފާތު ގޮތަކަށެވެ. "ލޯބި" މިލަފުޒުގެ ބަދަލުގައި "މަވައްދަ" އެވެ. އެއީ ލޯބި އުފައްދައިދޭ ބައެވެ. މިކަމުން ވިސްނަންޖެހޭ ކަންކަން ވަރަށް ގިނައެވެ.
މިކަމުން އަންގައިދެނީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބަކީ ހަމައެކަނި ހިތުގައި އުފެދޭ ޢިޝްޤީ ލޯބި ނޫންކަމެވެ. ދެމަފިރިންގެ މެދުގައި އޮތީ އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދީގެން ލޯބި އުފެއްދުން ކަމެވެ.
"މަވައްދަ އަދި ރަޙްމަތް" އޮތުމުން އެނގެނީ ދެމަފިރިން އެކަކު އަނެކަކަށް އަޅާލައިގެން ލޯބި އުފައްދާނަމަ ﷲ ތަޢާލާ އެމީހަކަށް ރަހްމަތް ލައްވަވާނެ ކަމެވެ.
ލޮބުވެތި އެކުވެރިންނޭވެ! ހިތުން ލޯބިވާ ވާހަކަ އެންމެން ދެއްކި ނަމަވެސް އެވާހަކައިގައި މައްސަލައެއް އެބައޮތެވެ. ހިތުން ލޯބިވުމަކީ ކޮންމެ ދުވަހަކު އެއްގޮތަކަށް އެއް ފެންވަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ލޯބިވުން ދަމަހައްޓަން ބޭނުންވާނަމަ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ލޯބިވާށެވެ!
އަހުރެން ތިބާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށް ބުނަމުން އައިސް މިހާރު ލޯތްބެއް ނުވެޔޭ ބުނެފައި ކައިވެނި ރޫޅައިލެވެނީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމައެކަނި އަނެކާދެކެ ހަމައެކަނި ހިތުން ލޯބިވާން އުޅެވޭތީއެވެ. އެއިގެ ބަދަލުގައި އެންމެ ކުޑަމިނުން ލިބިފައި ތިބި ދަރިންނާއިމެދު ވިސްނައި އެދަރިންނަށްޓަކައިވެސް އަނެކާ ދެކެ ލޯބިވާން މަސައްކަތްކުރާށެވެ! ލޯބީގެ އެންމެ މަތީދަރަޖައަކީ އުފާވެރި ދިރިއުޅުމަކަށްޓަކައި އަނެކާދެކެ ލޯބިވުމެވެ. އެކަން ޙާޞިލުކުރެވޭނީ އަނެކާދެކެ ލޯބިވަނީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ކަމަހަދައިގެންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
29 އޭޕްރީލް 2025