އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: ދޫރައްކައުތެރިކުރުމާއި، ރިވެތި ބަހުން މީސްތަކުންނާ މުޚާޠަބުކުމާއި، މީހުންގެ ކުށްތައް ވަންހަނާކުރުން

މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: ދޫރައްކައުތެރިކުރުމާއި، ރިވެތި ބަހުން މީސްތަކުންނާ މުޚާޠަބުކުމާއި، މީހުންގެ ކުށްތައް ވަންހަނާކުރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 25 ސިކުންތު

ރިވެތި ބަހުން މީހުންނާ މުޢާމަލާތު ކުރުމާއި، ދޫ ރައްކާތެރިކުރުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ ކަންކަމެވެ. މީސްމީހުންގެ ކުށް ހޯދައި އެއްވެސް ތަޙްޤީޤެއް ނުކޮށް ހިތުހުރި ގޮތަކަށް އެ ވާހަކަތައް ފެތުރުމަކީ މިއަދު ޢާންމުވަމުން އަންނަކަމެކެވެ. ދޫނުބައިކަމާއި، ބަދު ބަސްތައް ބުނެއުޅުމާއި، މީސްތަކުންގެ އަބުރަށް އަރައިގަތުމަކީ، ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. އެކަމުގެ ސަބަބުން އެތައް ނުބަޔަކަށް މަގުފަހިވެއެވެ. އިސްލާމް ދީނުގައި މީހުންނާ މުޚާޠަބުކުރުމަށް އަންގަވައިފައި ވަނީ ރީތިބަހުންނެވެ. ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿وَقُولُوا لِلنَّاسِ حُسْنًا﴾[1]

މާނައީ: "އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!" 

އެއްބަޔަކު އަނެއް ބަޔަކާ ހުތުރުބަހުން ވާހަކަ ދައްކައި އުޅުމަކީ މީސްތަކުނެގެ މެދުގައި ފަސާދަ އުފެއްދުމަށް ޝައިޠާނާއަށް މަގުފަހިކޮށްދިނުމެވެ. އެހެންވެ އެ ސަބަބަށް ޓަކައި މީށްތަކުންނާ ހުތުރުބަހުން ވާހަކަ ދެއްކުން މާތް ﷲ ވަނީ ނަހީކުރައްވައިފައެވެ. އަލްއިސްރާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ﴾ [2]

މާނައީ: "އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، شيطان އާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ." ހިތްހެޔޮކަމާއެކު ރިވެތިބަހުން ވާހަކަދެއްކުމަކީ އެތައް ނުރައްކަލަކުން ސަލާމަތްވުމުގެ އިތުރުން ޘަވާބުލިބޭ ކަމެކެވެ. އެއި ޞަދަޤާތެކެވެ. ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. 

(وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ) [3]

މާނައީ:"އަދި ހެޔޮބަހެއް ބުނުމަކީ ޞަދަޤާތެކެވެ." 

އިންސާނާ ކުރާ ބަދުދުޢާ އަކީ ވެސް ހުތުރު ބަހުން ވާހަކަ ދެއްކުމާއި އެހެން މީހުންނަށް ދެރަގޮތައް މެދުވެރިވުމަށް އެދުމުގެ ތެރޭގައި ހިމެނޭ ނުބައި ޢަމަލެކެވެ. އަލްއިސްރާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. 

﴿وَيَدْعُ الْإِنسَانُ بِالشَّرِّ دُعَاءَه بِالْـخَيْرِ وكَانَ الْإنسَانُ عَجُولًا﴾ [4]

މާނައީ: "އިންސާނާ، ހެޔޮކަމަށްއެދި دعاء ކުރާ ފަދައިން، ނުބައިކަމަށް ވެސް އެދި دعاء ކުރެތެވެ. އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ.

ބަދުދުޢާ ކުރުމުގެ ނުބައިކަން ހާމަކުރައްވައި ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. އެހެނީ ކޮންމެހެން ނުބައި ނިޔަތެއް އޮވެގެން ކަމުގައި ނުވިޔަސް އިޖާބަކުރައްވާނެކަމުގެ އުންމީދެއް ނެތަސް އެއްވެސް ސިފައެއްގައި އެއްމީހެއްގެ މައްޗަށް ބަދުދުޢައެއް ކޮށްގެން ނުވާނެއެވެ. ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. 

(لَا تدْعُوا عَلَى أَنفُسِكُم، وَلَا تَدْعُوا عَلَى أَولَادِكُم، وَلَا تدْعُوا عَلَى خَدَمِكُم، وَلَا تدْعُوا عَلَى أَمْوَالِكُم، لَا تُوَافقُوا مِنَ اللهِ سَاعةَ نيْلٍ فِيهَا عَطَاءٌ فيُستَجَابَ لَكُم) [5]

މާނައީ:"ތިޔަބައިމީހުން އަމިއްލަ ނަފުސުތަކުގެ މައްޗަށް ބަދުދުޢަ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރީންގެ މައްޗަށް ވެސް ބަދުދުޢަ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ޚާދިމުންގެ މައްޗަށް ވެސް ބަދުދުޢަ ނުކުރާށެވެ. އަދި ތިޔަބައިމީހންގެ މުދަލުގެ މައްޗަށް ވެސް ބަދުދުޢަ ނުކުރާށެވެ. އެހެނީ ދުޢާކުރެވޭ ގަޑިއަކީ މާތް ﷲ ދުޢާ އިޖާބަކުރައްވާ ގަޑިއަކަށް ވެ އެ ދުޢަ އިޖާބަވެދާނެތީއެވެ."

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު

- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން-- 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް