އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި 166 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އުރީދޫއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބިފައިވަނީ 162 މިލިޔަން ރުފިޔާއެވެ. އުރީދޫއިން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް 411 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 430 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 135 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 124 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖުމްލަ ގޮތެއްގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 547 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 554 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 1 އިންސައްތަ ދަށް އަދަދެކެވެ.
Advertisement
2 މެއި 2025