އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 31 ސިކުންތު
ކީރިތި ޤުރްއާނާއިމެދު އަބަދުވެސް ފެންނަމުންދާ މުޢްޖިޒާތްތައް ވަރަށް ގިނައެވެ. އެންމެ ގިނަ ބައަކަށް ފާހަގަކުރެވޭނެ އެއްކަމަކީ ކީރިތި ޤުރްއާން ހިތުދަސްކުރުން ފަސޭހަކަމާއި ދުނިޔޭގެ އެންމެ ގިނަ ބައަކަށް ހިތުދަސް އެވަރުގެ ބޮޑު ހަމައެކަނި ފޮތަކީ ކީރިތި ޤުރްއާން ކަމެވެ. އަދި ބައެއް ބޮޑެތި އަލިފާނުގެ ޙާދިސާތައް ހިނގައި އެތަނުގައި ހުރި ހުރިހާ ތަކެއްޗެއް އަނދައިގެންދާއިރުވެސް ކީރިތި ޤުރްޢާން އަނދައިގެން ނުގޮސް އޮންނަކަންވެސް ފާހަގަކުރެވޭނެއެވެ.
އަހުރެން މިފާހަގަ ކުރަނީ މުޅިން ތަފާތު ކަމެކެވެ.
މިރޭގެ ވާހަކަކޮޅު މިފަށަނީ ޤުރްއާނާއިމެދު ފެންނަމުން އަންނަ ފައުޅުކަންބޮޑު މުޢްޖިޒާތެއްގެ ވާހަކައިންނެވެ. ތިއަބައިމީހުން ނިކަން ވިސްނައިލަބަލާށެވެ!
ދުނިޔޭގައި އަލަށް އިސްލާމްވާ ގިނަބައަކު އިސްލާމްވަނީ ޢަރަބި ބަހުން އޮތް މުޞްޙަފެއް ކިޔައިގެނެއް ނޫނެވެ. އިނގިރޭސި ނުވަތަ އެމީހެއްގެ ބަހުން އޮތް މުޞްހަފަކުން ކިޔައިގެންނެވެ. އެހެންކަމަށްވާއިރު ޤުރްއާން އެބަހަކުން ބާވައިލެއްވެވުނު ޢަރަބި ބަހުން ކިޔޭނަމަ ފުރިހަމަ މާނައެނގި ކިހައި ގިނަ ބައަކު އިސްލާމްވާނެހެއްޔެވެ؟
ވިސްނައި ފިކުރުކުރުމުން ކަންކަން މިވާ ގޮތް އެނގޭނެއެވެ. ވިސްނޭނެއެވެ. ނަމަވެސް ވިސްނޭނީ އިޚްލާޞްތެރިކަމާއިއެކު ވިސްނައި ފިކުރުކުރުމުންނެވެ. ހިތާމައަކީ އަހުރެމެންނަށް ކީރިތި ޤުރްއާނުގެ މާނައެނގޭއިރު ހިތަށް އަސަރުނުކުރާކަމެވެ. ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭ ކަމެވެ.
ދެވަނަކަމަކަށް މިއާޔަތަށް ވިސްނާށެވެ! ދެން އަހުރެންގެ ސުވާލަށް ޖަވާބުދޭށެވެ!
ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް ޤުރްއާން ބާލައިލެއްވެވިކަން ބަޔާންކުރެއްވެވި އާޔަތް:
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
"رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ." (އަލް ބަޤަރާ: 185)
މިއާޔަތުގައި ފުރަތަމަވެސް މިއޮތީ " رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!"
ސުވާލަކީ ރޯދަހިފުން ފަރުޟުކުރެއްވެވިކަން އެންގެވި އާޔަތުގައި ޤުރްއާނުގެ ވާހަކަ މިއޮތީ ކީއްވެގެން ހެއްޔެވެ؟ ނަމާދާއި ޙައްޖާއި ޒަކާތް ދިނުމާއި މިހެން ގޮސް ބައިވަރު އަޅުކަން ހުރިއިރު ރޯދަ އާއި ޤުރްއާން ގުޅިގެން މިދަނީ ކީއްވެގެން ހެއްޔެވެ؟
އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ!
1 ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަޅުކަމަކީ ނުވަތަ އެންމެ ގިނަ ޘަވާބާއި ދަރުމަ ދެއްވަވާ އަޅުކަމަކީ ރޯދަކަމަށްވެފައިވާއިރު ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅުކަމެވެ. މީސްތަކުން އުޅެން އަންގަވާފައިވާ އޮތް މަގެވެ. މަރުވުމުން ކާމިޔާބުލިބުން ވަނީ ޤުރްއާނަށް ޢަމަލުކުރިވަރަކުންނެވެ. ޢަމަލަކުރެވޭނީ ކިޔަވައި އުނގެނިގެންނެވެ.
2 މިކަމުން ދަލީލު ލިބިގެންމިދަނީ ރޯދައަށް ހުންނައިރު ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔަންޖެހޭނެ ކަމަށެވެ. އުނގެނިދަސްކުރަން ޖެހޭނެކަމެވެ. ޢަމަލުކުރަންވެސް ޖެހޭނެ ކަމަށެވެ.
ވީމާ ރަމަޟާން މަހަކީ ވީހައި ބޮޑަށް ޤުރްއާނާއި ގުޅި ޤުރްއާން ކިޔަވައި ޤުރްއާން އުނގެނޭ މައްސަރުކަމަށް ހަދާށެވެ. ދެންމެ މިބުނިފަދައިން ރޯދައާއި ޤުރްއާނާއި ﷲ ތަޢާލާ ގުޅުއްވަވައިލައްވަވާފައިވާ ފަދައިން ތިބާ ހިފާ ރޯދައާއި ޤުރްއާނާއިވެސް ގުޅުވައިލާށެވެ. ފުރިހަމަ ގޮތުގައި ރޯދަހިފޭނީ އެއިރުންނެވެ.
ނަމަވެސް މީގެމާނައަކީ ރަމަޟާން މަސް ނިމުމުން ޤުރްއާނާއި ދުރުހެލިވުމެއް ނޫނެވެ! ކާމިޔާބު ލިބެން އޮތީ ޢުމުރުގެ ކޮންމެ ދުވަހަކުވެސް ޤުރްއާނަށް އިސްކަންދީ ޤުރްއާނާއިއެކު އޮންނަންޖެހޭ ގުޅުން ބާއްވައިގެންނެވެ. އެއީ އަހަރުގެ ކޮންމެ މަހެއްގެ ކޮންމެ ދުވަހެއް ކަމުގައިވީނަމަވެސްމެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
3 މެއި 2025