އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށް ކުރެވުނަސް ތިމާގެ ޙައްޤުތަކަށް އިސްކަންދިނުމަކީ އެންމެ ނުބައި މީހުންގެ ސިފައެއް!

ކުށް ކުރެވުނަސް ތިމާގެ ޙައްޤުތަކަށް އިސްކަންދިނުމަކީ އެންމެ ނުބައި މީހުންގެ ސިފައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ދެމަފިރިއަކު އެކުގައި ދިރިއުޅެމުންދާއިރު ކޮންމެ ދުވަހަކުވެސް އެކުވަރުގެ ކަންކަން ކުރިމަތިވާނެއެވެ. މައްސަލަތައްވެސް ޖެހޭނެއެވެ. މިފަދަ ޙާލަތުގައި ތިމާއަށް އިސްކަންދީގެން ވިސްނާނަމަ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ނަމަވެސް ގިނަ ފަހަރު ކަންކަން ކުރެވެނީ އެގޮތަށެވެ. 

ކުށްވެރިއަކީ ތިމާނަމަވެސް ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އިސްކަންދޭންޖެހޭނީ ތިމާގެ ޙައްޤުތަކަށް ކަމަށެވެ. ރައްކައުތެރިކުރެވެންޖެހޭނީ ނުވަތަ ޙިމާޔަތްކޮށް ދިފާޢުކުރެވެން ޖެހޭނީ ތިމާގެ ޙައްޤުތައް ކަމަށެވެ. ކުށްކުރީ ތިމާނަމަވެސް ގެއްލުން ލިބެންޖެހޭނީ ނުވަތަ އަދަބު ލިބެންޖެހޭނީވެސް އަނެކާއަށް ކަމަށެވެ. ހުރިހާ މޮޅެއް ލިބެންޖެހޭނީ ތިމާއަށް ކަމަށެވެ. ތިމާއަށް ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެކަން ޤަބޫލުކުރަން ބޭނުންނުވެވެނީ ހަމައެސަބަބަށްޓަކައެވެ. 

ދިރިއުޅުމުގައިވެސް އޮތީ ހަމަ މިގޮތެވެ. ތިމާ މިވެނި ކުށެއް މިކުރީ ބައިވެރިޔާ މިވެނި ކަމެއް ކުރުމުން ކަމަކަށް ނުބުނެވޭނެއެވެ. ބައިވެރިޔާކުރި ކުށުގެ ޒިންމާ އުފުލަން އޭނާއަށް ޖެހޭނެއެވެ. ހަމައެގޮތަށް ތިމާކުރި ކުށުގެ ޒިންމާ އުފުލަން ތިމާއަށް ޖެހޭނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިދެވެނީ ވަރަށް ނުބައި މިސްރާބަކަށެވެ! މުސްލިމުންނަށް އޮތީ ކުށެއް ކުރެވުމުން އެކަން ޤަބޫލުކުރުމެވެ. އެކަން ޤަބޫލުނުކުރެވެމުން ގޮސް ފާފަކޮށްފައި އެކުރެވުނީ ފާފައެއް ނޫންކަމަށް ބުނާ މީހުން އެބައުޅެއެވެ. އަދި ފާފަކުރީ އިންޞާފުން ނުވަތަ ތިމާގެ ޙައްޤު ހޯދަން ކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ. 

އެކަމަކު އެއީ ކޮން ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ އެކަމެއް ކުރުން ނަހީކުރައްވަވާފައިވާ ކަމެއް ކޮށްފައި ދެއްކޭނީ ކޮން ޢުޛުރެއް ހެއްޔެވެ؟ އެހެން މީހެއްގެ ބޮލުގައި އެކަމުގެ ޛިންމާ އެޅުވޭނެ އެއްވެސް ގޮތެއް އިސްލާމް ދީނަކު ނެތެވެ. އެކަމުގެ ޛިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ. 

ފަށަމުން ބުނިފަދައިން ތިމާއަށް ކުށެއް ކުރެވުމުންވެސް ތިމާގެ ޙައްޤުތަކަށް އިސްކަންދިނުމަކީ އެންމެ ނުބައި މީހުންގެ ސިފައެވެ. ރަނގަޅު ގޮތަކީ ފުރަތަމަ ކަމަކަށް އަނެކާގެ ޙައްޤުތައް އަދާކުރުމެވެ. އެއަށްފަހު ތިމާގެ ޙައްޤުތަކުގެ ވާހަކަ ދެއްކުމެވެ. އުފަލުގައި އެކުގައި ދިރިއުޅެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް