އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު
ބައެއް މީހުންނަށް އެދުޢާއަކީ މުހިންމު ދުޢާއަކަށްވަނީ ދުޢާ ދިގުވުމުންނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ދުޢާގެ މުހިންމުކަންވަނީ ހަމައެކަނި ދިޢާ ދިގުވުމަކުން ނޫނެވެ. އަހުރެންގެ ވިސްނުމުން ބުނާނަމަ މުހިންމީ ކިތަންމެ ކުރުނަމަވެސް އެދުޢާއަކުން ޙާޞިލުވާން އޮތް ބޭނުން ބޮޑުވުމުންނެވެ.
މިއީ ކިތަންމެ ކުރު ނަމަވެސް ވަރަށް ފައިދާހުރި ދުޢާއެކެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައި ގިނައިން އެންމެ ފައިދާހުރި ދުޢާތައް ކުރުމަށެވެ. އަހުރެންނަށް ޤަބޫލުކުރެވޭގޮތުން ރަސޫލް ﷺ ، އިތުރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް " އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެ" ކަމަށް ވިދާޅުވެ އުނގަންނަވައިދެއްވަވާނީ އެންމެ ފައިދާހުރި ދުޢާއެވެ.
ރަސޫލް (ﷺ)ގެ ބޮޑުބޭބޭފުޅު، ޢައްބާސްގެފާނު އެއްދުވަހަކު ރަސޫލް (ﷺ) ގެ އަރިއަހަށް ވަޑައިގެން ތިމަންކަލޭގެފާނު ކުރައްވަވަން ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރަސޫލް (ﷺ) ޙަދިޘްފުޅު ކުރެއްވެވީ "އަލްޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރެއްވެވުމަށެވެ. ދުޢާ ކުރުކަމުން އެއަށްވުރެ އިތުރަށް ވިދާޅުވެދެއްވުމަށް އެދިވަޑައިގަތުމުން ރަސޫލް (ﷺ) ހަދީޘްފުޅު ކުރެއްވެވީ "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން "ޢާފިޔާ ދެއްވެވުމަށް އެދިވަޑައިގަންނަވާށެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ." މިކަމުން އެނގިގެންދަނީ އީމާން ކަމުގެ ނިޢްމަތަށްފަހު އެންމެ މަތިވެރި ނިޢްމަތަކީ "އަލްޢާފިޔާ ލިބުން ކަމެވެ.
"އަލްޢާފިޔާ"އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ސަލާމަތް ޞިއްޙަތެއް ދެއްވެވުމާއި މުޞީބާތްތަކުން ސަލާމަތް ކުރެއްވެވުމެވެ. މިއަށްވުރެ ވަކިން ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހާ އެންމެ ބޮޑަށް ބޭނުންވާނީ ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. އެކަން ކުރެވޭނީވެސް ސަލާމަތް ޞިއްޙަތެއްގައި ހުރެވިގެންނެވެ. މުޞީބާތްތަކުން ސަލާމަތްވެވި ހުރެވިގެންނެވެ. އަދި ޙަލާލް ގޮތުގައި ރިޒްޤް ހޯދަން މަސައްކަތްކުރެވޭނީ ވެސް ބަލިތަކާއި މޫޞީބާތުން ސަލާމަތްވެވި ހުރެވިގެނެނެވެ.
"ޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން އެނގެނީ މަދު ބައަކަށެވެ. އެހެނީ ގިނަ ބައަކު ދުނިޔޭގައި އުޅެމުންދަނީ ގަދަވެ ސަލާމަތުން ތިބެއެވެ. މުޞީބާތްތަކުން ސަލާމަތްވެ ތިބެއެވެ. ވީމާ އެ ނިޢްމަތް ގެއްލިގެން ހިނގައިދާނެ ކަމަށް ނުވެސް ވިސްނަނީއެވެ.
މީސްތަކުންނޭވެ! ގިނަ ޙަދީޘްފޮތްތަކުގައި ބަޔާންވެގެންވާ މި ދުޢާއަކީ ކޮންމެހެން ކުރަން ޖެހޭނެ ދުޢާއެކެވެ. ގިނަގިނައިން ކުރަން ޖެހޭނެ ދުޢާއެކެވެ.
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ
މި ދުޢާގައި ހިމެނެނީ ހަމައެކަނި ދުނިޔޭގެ މުޞީބާތްތަކުން ސަލާމަތް ކޮށްދެއްވެވުން އެދިއެއްވެސް ނޫނެވެ. އާޚިރަތުގެ މުޞީބާތްތަކުންވެސް މެއެވެ. ވީމާ ދުޢާކުރާއިރު ދުނިޔެއާއި އާޚިރަތުގެ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުމަށް އެދެންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 މެއި 2025