އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު
ސަރުކާރުން ތަޢާރަފުކުރަން ނިންމަވާފައިވާ ޓެކްސީލައިންގެ ޚިދުމަތަކީ ޓެކްސީ ޑްރައިވަރުން ވެސް އޮންބޯޑު ކޮށްގެން ކުރާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވެފައިވަނީ 2025 މެއި 03 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ޓެކްސީލައިންގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ވެސް ސްޓެޑީ އިންކަމެއް ލިބޭނެކަން ކަށަވަރު ކުރެވޭނެއެވެ. އަދި މިއީ ޕެރަލަލް ކޮމްޕެޓިޓަރެއް އުފައްދަނީ ނޫން ކަމަށާއި، ރައްޔިތުންނަށް އޮތް ޔަގީންކަމަކީ ޚިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށެވެ.
"މިއުޅެނީ އެފިޝަންޓް ޓެކްސީ ނިޒާމެއް ގެންނަން. ހަމައެކަނި ޓެކްސީއެއް ވެސް ނޫން، ރިނިއުވަބަލް އެނާޖީ އިން ރަން ކުރާ މިހާރުގެ، މި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މި މަސައްކަތުގެ ތެރެއިން ގެންނަ އީވީ ވެހިކަލްސް ތަކެއް މިއީ،" 14 ގަޑި އިރާއި 55 މިނެޓަށް ދިގުދެމިގެން ދިޔަ ނޫސް ކޮންފަރެންސްގައި ރައީސް އިތުރަށް ވިދާޅުވި އެވެ.
ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން އެނގިގެންދަނީ، ސަރުކާރުން ތަޢާރަފުކުރަން ގަސްދުކުރާ ޓެކްސީލައިންގެ ޚިދުމަތަކީ ހަމައެކަނި ދަތުރުވެރިންނަށް ފައިދާވާ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެއް ނޫންކަމެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަން ވެސް އެނގި ހާމަވެގެންދެއެވެ. ސަރުކާރުން މި ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ، މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި ޢާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި މި ޚިދުމަތް ފޯރޮކޮށްދިނުމާއެކު އިތުބާރު ކުރެވޭ ޓެކްސީ ޚިދުމަތެއް ޤާއިމުކޮށްދިނުމެވެ.
މި ކަމާ ގުޅޭގޮތުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލެ ސަރަޙައްދުގައި ފަށާ އީވީ ޓެކްސީލައިންގެ ސަބަބުން، ރައްޔިތުން އެދޭ ފަދަ ޓެކްސީގެ ޚިދުމަތެއް ކަށަވަރު ވެގެން ދާނެ ކަމަށެވެ. އަދި މި ޓެކްސީލައިންގެ ސަބަބުން އަމިއްލަ ފަރާތްތަކުން މިހާރު ދެމުން ގެންދާ ޓެކްސީގެ ޚިދުމަތަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ޑްރައިވަރުންނާއި، އަލަށް ޚިދުމަތަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
ސަރުކާރުން ފެއްޓުމަށް ނިންމަވާފައިވާ ޓެކްސީލައިންގެ ޚިދުމަތާ ގުޅޭގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން ކަންބޮޑުވުންތަކުގައި ފާހަގަކުރައްވަމުން ގެންދާ ހުރިހާ ކަމަކަށްވެސް މި ޓެކްސީލައިންގެ ސަބަބުން ޙައްލު ލިބިގެންދާނެއެވެ. އެހެނީ މި ޚިދުމަތުގައި ދެމިތިބި އެއްވެސް ޓެކްސީ ސެންޓަރެއް ނުވަތަ ޓެކްސީ ޑްރައިވަރެއް ވިޔަސް މިހާރެކޭ އެއްވެސް ތަފާތެއް ނެތި ޚިދުމަތުގައި ދެމިތިބެވޭނެ އެވެ. އޭގެ ބަދަލުގައި މީގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަ ކަމެއް ލިބި ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ ހޯދުމުގެ އިތުރު ދޮރެއް މިކަމުގެ ސަބަބުން ފަހިވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ހަބަރު: ސަރުކާރު
Advertisement
8 މެއި 2025