އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭ ފޭސް-2 ހިޔާ ޕާކުގައި ބާއްވާ 'އުފާ ފެސްޓިވަލް' ގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން 3 ޚާއްސަ ސްޓޯލް ޤާއިމުކުރާ ވާހަކަ އެ ވުޒާރާގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ '5ކާފު' ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން ބައްރަ ވިދާޅުވި ގޮތުގައި، މި ފެސްޓިވަލްގައި ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް މަޖާ ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް އެކި ބާވަތުގެ ކުޅިވަރުތަކާއެކު ވުޒާރާގެ ސްޓޯލްއެއް ޤާއިމުކުރެވޭނެއެވެ.
"އަޅުގަނޑުމެން ވުޒާރާގެ ފަރާތުން ޖުމްލަ 3 ސްޓޯލް މި ފެސްޓިވަލްގައި ބަހައްޓާނަން. އޭގެ ތެރޭގައި ހިމެނެނީ ވުޒާރާގެ މައި ސްޓޯލާއި، އިސްރަށްވެހިންގެ ނާދީގެ ސްޓޯލް، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ޤާއިމުކުރާ ސްޓޯލެއް،" ބައްރަ ވިދާޅުވިއެވެ.
އިސްރަށްވެހިންގެ ނާދީގެ ސްޓޯލުގައި ކުޑަކުދިންނަށް އެކި ބާވަތުގެ ސަޤާފީ ހަރަކާތްތައް ދައްކުވައިދޭނެ ކަމަށާއި، އަދި މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުދިންނަށް ލިބިގެންދާނެ ކަމަށް ބައްރަ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ޤާއިމުކުރާ ސްޓޯލުން އެފަދަ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް ބައްރަ ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އެޗްޑީސީއާއި، އެކި މުއްސަސާތަކުގެ އިތުރުން، އެކި ޖަމްޢިއްޔާތަކުން ބައިވެރިވާ މި ހަރަކާތްތަކުގެ މަޤުސަދަކީ، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އެކުދިންގެ މުޙިންމުކަމާއި އެކުދިންނަށް ބޮޑެތި މީހުންދޭ އަހައްމިއްޔަތުކަން އެކުދިންނަށް އިޙުސާސްކުރެވޭ ފަދަ ދުވަހަކަށް ހެދުމެވެ.
މި ހަވީރު ކުރިއަށްދާނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމަ ހުޅުމާލެ ފޭސް-2 ގެ ރުއްގަނޑު ސަރަހައްދުގައެވެ. މީގެ އިތުރުން، މިހަރަކާތްތަކުގެ ތެރެއިން މިދުވަހު ރޭގަނޑު 8:00 ގައި ހުޅުމާލޭ ފޭސް -2 ޕާކުގައި ޚާއްސަ މޫވީ ނައިޓެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހަބަރު: ސަރުކާރު
Advertisement
8 މެއި 2025