އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަމުގެ ދަހިވެތިކަމުގަ ކޮއްކޮގެ އަންތބަކަށް އިނދެ ބޭބެއާ ގުޅުންހިނގުމުގެ ނަތީޖާ މިހާހިތިއިރުވެސް ވިސްނައިނުލަނީ ކީއްވެތަ؟

ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަމުގެ ދަހިވެތިކަމުގަ ކޮއްކޮގެ އަންތބަކަށް އިނދެ ބޭބެއާ ގުޅުންހިނގުމުގެ ނަތީޖާ މިހާހިތިއިރުވެސް ވިސްނައިނުލަނީ ކީއްވެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 52 ސިކުންތު

އަޅުގަނޑުމެން ކައިވެނިކުރީ އަޅުގަނޑުގެ ޢުމުރުން 22 އަހަރުގައެވެ. އެކުގައި އަހަރަކަށްވުރެ ގިނަ ދުވަހު ވަރަށް ލޯބިވެގެން އުޅެފައެވެ. ފެނުނު ކަންކަމަށް ވަރަށް ބޮޑަށް އިތުބާރުވެސް ކޮށްފައެވެ. ހަމަ އެހެން މީހުން ފަދައިން އެކުގައި ހަނދަށްދާންވެސް ވަޢުދުތައްވެސްވުމަށްފަހުގައެވެ. 

ކައިވެނީގެ ފުރަތަމަ 2 އަހަރު އުޅެވުނީ ހަމަ ވަރަށް ލޯބިންނެވެ. ބަލިވެ އިނދެއްޖެއެވެ. ލޯބިލޯބި އަންހެން ދަރިއަކު ލިބިއްޖެއެވެ. އެހިސާބުން ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްފެށީމެވެ. އެކަމަކު އެކަންވީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަބަބަކަށްވީ ފިރިމީހާ ގެއިން ބޭރަކަށް ނުދެއެވެ. އޮފީހުން އައިސް އުޅެނީ ގޭގައެވެ. 

އެހެންކަމުން ޤަބޫލުކުރެވުނީ ވިހެއުމުން އަޅުގަނޑަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ދަރިފުޅަށް ސަމާލުކަންދޭންޖެހޭތީ ފިރިމީހާއަށް އަޅައިލުން ކުޑަކުރެވުން ފަދަ ކަމެއްގެ ސަބަބުން ކަމަށެވެ. އެހެންވެ އެކަންކަން ރަނގަލުކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. އެކަންކަމުންވެސް ފިރިމީހާއަށް އެއްވެސް ބަދަލެއް ނައިސް ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން ދާތީ ސީދާ ސުވާލުތައްވެސް ކުރީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ބުނަނީ އެއްވެސް ކަމެއް ނުވާކަމަށާއި އަޅުގަނޑަށް ކުށްހީކުރެވެނީ ކަމަށެވެ. 

ކޮންމެ ކަމެއްވެސް ބޭޒާރުވުމުގެ ވަޤުތު ޖެހުމުން އެކަމެއް ވާނެއޭ ބުނާ އުޞޫލުން ބޭޒާރުވިއިރު ކަމަކުދާކަށް ނެތެވެ. ފިރިމީހާއަށް ލޯބިވެގެން މިއުޅެވެނީ އޭނާގެ ކޮއްކޮގެ އަނބިމީހާދެކެއެވެ. ދެމީހުންގެ މެދުގައި ނުހިނގާ ގުޅުމެއް ނެތެވެ. 

އެކަންކަން އެނގުމުން އިތުރަށް އެއްވެސް ޒުވާބެއް ކުރަން ނުހަދައި ވަރިވީމެވެ. ވަރިވެގެން ދިއައީ މައިންބަފައިންގެ ގާތަށެވެ. ކައިވެނިކުރުމަށްފަހުގައިވެސް ވަޒީފާއަދާކުރަމުން އައީތީ އަތްމަތި ދަތިވެ ޙާލަކު ނުޖެހެއެވެ. މަންމަ ދަރިފުޅު ބަލައިދޭތީ ވަޒީފާއަށްދާންވެސް އުނދަގުލެއް ނުވިއެވެ. 

އަޅުގަނޑު ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެނީގައި އަހަރެއްހައިދުވަސްވީތަނާ އެއްދުވަހަކު ފިރިމީހާގެ މަންމަ ގުޅާފައި އެގެއަށް ގޮސްލައިދިނުމަށް އެދުމުން ދިއައިމެވެ. ދިއައިރު އޮތީ އަލިފާން ރޯވެފައެވެ. ހުޅުފަޅައިގެންގޮސް އަނދަނީއެވެ. ފިރިމީހާ އާއި ވަކިވާންޖެހުނު ސަބަބާއިބެހޭގޮތުން ސުވާލުކުރީ މަންމައެވެ. ސުވާލުކުރުމުން ކިޔައިދިނީމެވެ. އެމީހުންގެ މައްސަލައަކަށްވީ އެކަންކަން އަޅުގަނޑަށް އެނގުމުން ނުބުނި ކަމެވެ. 

އަޅުގަނޑު ބުނީ އަޅުގަނޑު އެގޮތަށް ކަންތައްކުރީ ދެމީހުންކުރެ މީހަކު އެއްބަސްނުވާނެތީ އާއި އަޅުގަނޑުގެ ސަބަބުން ގޭތެރޭގައި މައްސަލަތަކެއް ޖެހެން ބޭނުންނުވާތީކަމަށެވެ. އަދި ބޭވަފާތެރިން އިޞްލާޙްކުރަން މަސައްކަތްކުރުމަށްވުރެ އަވަހަށް ސަލާމަތްވުމުން ކުރާނެ ފައިދާ މާބޮޑުވާނެތީކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ. 

ކޮންމެއަކަސް ފިރިމީހާގެ ކޮއްކޮގެ ދެމަފިރިންގެ ކައިވެނި ރޫޅުނެވެ. ދެބެއިން ދެ ހަތުރުންނަށް ބަދަލުވިއެވެ. ޙަސަދަވެރިކަމުގެ ހުޅުގަނޑު އަދިވެސް އެދަނީ އަނދަމުންނެވެ. 6 އަހަރުވެއްޖެއެވެ. އެހުޅުގަނޑު އަދިވެސް ނިއްވައެއް ނުލެވެއެވެ. ކޮއްކޮ ބޭބެއަށް މާފެއް ނުކުރިއެވެ. ދެބެއިން ވާހަކަދައްކައެވެ. އެކަމަކު އެއްވެސް ގުޅުމެއް ނެތެވެ. 

އަޅުގަނޑުގެ ކުރީގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ކޮއްކޮއަކީ ވަޒީފާއަދާކޮށްގެން ލިބޭ މުސާރައިން އާދައިގެ ފެންވަރެއްގައި ދިރިއުޅޭ މީހެކެވެ. އެހެންކަމާއިއެކުވެސް ބޭބެއާއި ގުޅިގެން އުޅޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއް ފިހާރަ ދިނުމުންވެސް ޤަބޫލެއް ނުކުރިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިވާހަކަ ގެނައުމުގެ ބޭނުމަކީ މިފަދަ ކަންކަމުން މިނުކުންނަ ނުބައި ނަތީޖާ އަށް ސަމާލުވާން ބުނެލުމެވެ. ފަހަރެއްގައި އެއަނހެންމީހާ ދަހިވެތިވީ ފިރިމީހާގެ ތަނަވަސްކަމަށް ކަމުގައިވެސް ވެދާނެއެވެ. އެކަމުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ އެޖެހުނީ ހުސްއަތާ ގެއިން ނުކުމެގެންދާން ނޫންހެއްޔެވެ؟ އެއިގެ ބަދަލުގައި ކޮއްކައާއިއެކު ރީތިކޮށް ތާހިރު ދިރިއުޅުމެއް އުޅުނު ނަމަ ބޭބެގެ ތަނަވަސްކަމުން ކޮއްކޮއަށް ތަނަވަސްކަން ލިބި އެދެމަފިރިންނަށް ވެސް މާއުފަލުގައި އުޅެވުނީސް ނޫންހެއްޔެވެ؟ 

ފަޅާއެރީމާ އިތުރަށް ކުރިއަށް ގެންދާނެ ހިތްވަރެއް ކުރީގެ ފިރިމީހާއަކަށް ނުލިބުނެވެ. އެއީ އެކަން ގިނަފަހަރަށް ވާނެވެސް ގޮތެވެ. 

ބުނެލަން ބޭނުންވަނީ ކައިވެނި ކުރެވުމުން ތެދުވެރިނުވާނަމަ އަންހެނަކަސް ފިރިހެނަކަސް އެކަމުގެ ހިތާމަ އުފުލަންޖެހޭނެ ދުވަހެއް އަންނާނެއެވެ. ދެމަފިރިއެއްގެ ދޮރޮއުޅުމުގެ ތެރެއަށް ވަދެގަނެގެން ގިނަފަހަރަށް ލިބޭނީ މިބާވަތުގެ ބޮޑު ދެރައެކެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އެއީ ދެބެއިން ނަމަވެސް ޢުމުރުން 15 އަހަރު ތަފާތެވެ. އަޅެ ތަނަވަސްކަމަށް ދަހިވެތިވި ނަމަވެސް މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯއެވެ؟

 

- ޝަޒީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް