އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު
އެއީ އޮފީހެއްގައި އެކުގައި މަސައްކަތްކުރަމުން އައި މުވައްޒިފުންތަކެކެވެ. މުވައްޒިފުން ގުޅިއްޖެނަމަ ފަޅާނާރާނެ ގޮތަށް އެތަނުން ވައްކަން ކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެއީ ވެރިމީހާގެ ދީލަތިކަން ބޮޑު ކަމުން ޤަވާއިދުތައް އެހައި ހަރުކަށިނުކުރާތީއެވެ. މުވައްޒިފުންނަށް ވަރަށް ފަސޭހައިން ކަންކަން ކުރެވޭނެ ގޮތަށް ލުއިފަސޭހަކަން ދީފައިވާތީއެވެ.
އެންމެ މުވައްޒިފަކު ފިޔަވައި ދެންތިބި ހުރިހާ މުވައްޒިފުންހެން ގުޅިގެން ދިއައީ ބޮޑު ވައްކަމެއް ކުރަން ރާވަމުންނެވެ. ނަމަވެސް އެމުވައްޒިފު އައީ އެކަމަށް ފައުޅުގައި ދެކޮޅުހަދަމުންނެވެ. އެހެންވެ އެެހެން މުވައްޒިފުން ގެންދިއައީ އޭނާއަށް ދުއްތުރައުތައް ކުރިމަތިކުރުވަމުންނެވެ. ބިރުދައްކަމުންނެވެ. ވަޒިފާ ގެއްލުވައިލާނެކަމުގެ ބިރުވެސް ދައްކަމުންނެވެ.
ނަމަވެސް އޭނާ އެމީހުންނަށް ރައްދެއް ނުދެއެވެ. ދައްކާ ވާހަކަތައް އަޑުއިވޭކަމަކަށްވެސް ނުހަދައެވެ. އެއިންކަމެއް ވެރިމީހާގެ ގާތަކުވެސް ނުބުނެއެވެ. އެއީ އެކަމުގައި އެހައި ގިނަ މުވައްޒިފުން ބައިވެރިވާތީ އޭނާގެ ކޮޅަށް ކާމިޔާބު ނުލިބިދާނެތީއެވެ.
އެހެންކަމާއިއެކުވެސް އޭނާ އަތްއުރާލައިގެން ހުރީއެއް ނޫނެވެ. އޭނާ ދިއައީ ކެތްތެރިވަމުންނެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަމުންނެވެ. ކެތެރި ތަޤްވާވެރިންނަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.
މާގިނަ ދުވަސްތަކެއް ނުވެއެވެ. އެއްދުވަހު އޮފީހަށް ފުލުހުން ވަދެ އެންމެން ހައްޔަރުކުރީއެވެ. ހައްޔަރުނުކުރަނީ ހަމައެކަނި އެކަމުގައި ބައިވެރި ނުވި މުވައްޒިފެވެ. އެންމެންވެސް ހީކުރީ އޭނާ ވެރިމީހާއަށް ރިޕޯޓްކުރީކަމަށެވެ. އެހެންވެ އޭނާގެ ބޮލުގައިވެސް ކަންކަން އަޅުވަން އުޅުމުން ފުލުހުން ބުންޏެވެ. "ވާހަކަދައްކާނީ ޕޮލިސް ސްޓޭޝަނުގައެވެ."
13 މުވައްޒިފުން ގޮވައިގެން ފުލުހުން ދިއުމުން އޮފީހުގައި ތިބީ ވެރިމީހާ އާއި އޭނާ އެކަންޏެވެ. އެހިސާބުން ވެރިމީހާ ކިޔައިދިނެވެ. "އަހުރެންނަށް ފެނުނީ ހުވަފެނެކެވެ. އެހުވަފެން ޖެހިޖެހިގެން 3 ރޭ ފެނުމުން އޮފީހުގެ ހުރިހާ ތަނެއްގައި ސީކްރެޓް ކެމެރާތައް ހަރުކުރީއެވެ. ކުންފުނީގެ ނެޓްވޯކުގެތެރެއިން ކުރާ ކަންކަން ގެއިން ބަލަހައްޓަންފެށީއެވެ. އެކަމުގައި އިސްވެ ހުރީ އަހުރެމެންގެ ހަގު ދަރިފުޅެވެ. ކަންކަން ބަލައި ފާރަވެރިވަމުން ދަނިކޮށް އިއްޔެއަކީ ހުރިހާ ކަންކަން އެނގުނު ދުވަހެވެ. އިއްޔެއަކީ އެމީހުންގެ ބޭނުން ތަންފީޒުކުރަން ވަގު އެކައުންޓަކުން ހަދާފައިވާ ވަގު ލޮގިންއަކުން ކުންފުނީގެ މައި އެކައުންޓުން ފަންސާސް މިލިއަން ޑޮލަރުގެ ޓްރާންސްފަރއެއް ކުރަން މަސައްކަތްކުރި ދުވަހެވެ. ފުލުހުންނާއި ބޭންކުން އެކަމަށް ސަމާލުވެގެން ތިބީތީ ޓްރާންސްފަރ ނުކުރެވުނީއެވެ. އެމީހުން ބޭނުންވި ގޮތަށް އެހައި ފަސޭހައިން އެކަން ނުކުރެވުނީ ކަލޭގެ ސަބަބުންނެވެ. އެމީހުންނަށް ކަލޭ އެއްބާރުލުން ނުދިނީތީއެވެ. އެމީހުން ދައްކަމުން އައި ވާހަކަތަކުން އެކަން އޮތީ އެނގިފައެވެ.
އަހުރެންނަށް ތިއަވީ ވަފާތެރިކަމުގެ އަގަކަށް ކުންފުނީގެ 10 އިންސައްތަ ޙިއްޞާ ކަލެއަށް ދޭން މިހާރު ވާނީ ހުށަހަޅާފައެވެ. މާދަމާ އެކަން ހަމަޖެހޭނެއެވެ. އަދި ޙިއްޞާދާރު، އަހުރެންގެ އަނބިމީހާ ބޭނުންވަނީ އަހުރެމެންގެ ހަގުދަރިފުޅާއި ކަލެއާއި ކައިވެނިކުރުވައި ތިއައީ އަހުރެމެންގެ ދަރިއަކަށްވެސް ހަދާށެވެ. ކަލޭގެ ބަހަކީ ކޮބައި ހެއްޔެވެ؟ މިހާރު ރަނގަޅުވާނީ ތިއަ ދަރިފުޅުގެ ބަހަކީ ކޮބައިތޯ އަށް ޢިބާރާތް ބަދަލުކޮށްލިއްޔާދޯއެވެ؟"
ވާހަކަތައް އަޑުއަހަން ގަނޑުވެފައި ހުރެވުނީތީ ދުލުން ބަހެއް ނުބުނެވުނެވެ. ހިނިތުންވެލުމަކުން ޖަވާބުދިނީއެވެ.
މިއަދު އެދެމަފިރިންނަކީ އަމިއްލަ ވިޔަފާރިކުރާ ކާމިޔާބު ދެމަފރިންނެވެ. ލޯބިން އެކުގައި އުޅުމަށް ނަމޫނާ ދެމަފިރިންނެވެ.
- ޢިބްރަތްތެރި ވާހަކަ
Advertisement
29 މެއި 2025