އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު
އަޅުގަނޑުމެން ދެމީހުން ކައިވެނިކުރަން އުޅުނުއިރު އެކަމަށް ރުހުނު އެކަކުވެސް ނެތެވެ. އޭނާގެ އެކުވެރިންވެސް އަދި އަޅުގަނޑުގެ އެކުވެރިންވެސް ބުނަމުން އައީ އޭނާއަކީ ވަރަށް މުސްބާރު (ދަހިވެތި، ހިފެހެއްޓުންތެރި) މީހަކު ކަމަށާއި އޭނާއާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.
ނަމަވެސް އޭނާދެކެ އަޅުގަނޑު ލޯބިވާތީ ކައިވެނިކުރީއެވެ. ކައިވެނިކުރި ސަބަބަކީ ހަމައެކަނި ލޯބިވާތީއެއްވެސް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރީ އެއީ އޭނާގެ ހަރުދަނާކަން ކަމަށެވެ.
އެކުވެރިން ބުނީ ވަރަށް ބޮޑު ތެދެކެވެ. އޭނާއަކީ ވަރަށް މުސްބާރު މީހެކެވެ. އަޅުގަނޑުގެ ޚަރަދުތަކަށް ކޮންމެ މަހަކުވެސް ދެނީ ވަރަށް ކުޑަ މިންވަރެކެވެ. ހުސްވިޔަސް އިތުރަކަށް ނުދެއެވެ. އެކަމަކު ނުދެނީ ފައިސާއެވެ. ބޭނުންވާ ކަންކަން ކޮށްދެއެވެ. ގެއަށް ބޭނުންވާ ތަކެތިވެސް ބަރާބަރަށް ހޯދައިދެއެވެ.
ދަރިން ލިބުމަކުންވެސް އެއްވެސް ކަމެއް ބަދަލެއްވެސް ނުކުރެއެވެ. ދަރިންނަށް ކުރަންޖެހޭ ޚަރަދުކުރާކަށްވެސް އަޅުގަނޑުގެ އަތަކަށް ފައިސާއެއް ނުދެއެވެ. އެކަމަކު ބޭނުންވާ ހުރިހާއެއްޗެއް ބަރާބަރަށް ހޯދައިދެއެވެ.
ކައިވެންޏަށް 6 ވަނަ އަހަރު ބުނީ ހުޅުމާލެއިން ފްލެޓެއް ގަނެފި ކަމަށާއި ފްލެޓަށް ބަދަލުވާންވީ ކަމަށެވެ. ފްލެޓަށް ބަދަލުވެ އެތަން ފެނުމުން ދިއައީ ސިއްސައިގެންނެވެ. ފަރުނީޗަރާއި އެހެން ކަންކަންވެސް ހުރީ ވަރަށް ރަނގަޅަށް ފުރިހަމަކޮށްފައެވެ.
ފްލެޓަށް ބަދަލުވިތާ ދެވަނަ މަހު ބުންޏެވެ. "ކުރިން ޚަރަދުކުރަން އަތަށް ދިނީ ފައިސާއެވެ. ދެން ފައިސާ އަތަކަށް ނުދޭނަމެވެ. އަމިއްލަ ކޭޝްކާޑުން ނަގަމުން ގެންދާށެވެ. މިހާރުވެސް ފުދޭވަރަކަށް އެކައުންޓުގައި ފައިސާ ހުންނާނެއެވެ. އަހުރެން ސީދާ އަހުރެންގެ ބެލުމުގެ ދަށުން ހުރިހާ ޚަރަދެއް ކުރަމުން އައީ މިދުވަސް ދެކެން ބޭނުންވާތީއެވެ. ދެން ކުލިދައްކާކަށް ނުޖެހޭނެއެވެ. ކަންކަމަށް ދަތިވިޔަސް ގެއިން ނެރެލައިފާނެތީ ބިރުގަންނާކަށް ނުޖެހޭނެއެވެ. ފުދުންތެރި ދިރިއުޅުމެއް އުޅެ ފައިސާ ބާކީކޮށް ޙައްޖާއި ޢުމްރާވުން އޮތީ ތިބާގެ އެއްބާރުލުން ލިބުނު ވަރަކުންނެވެ."
އަޅުގަނޑު އުފަލުން ސަޖިދަކުރީމެވެ. ފިރިމީހާގެ ފައިބުޑަކަށް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެއީ ގިނަ ބައަކަށް ކެތްތެރި ނުވެވޭ ކަންކަމަށް ކެތްތެރިވެ ފިރިމީހާ އާއިއެކު ދިރިއުޅުމުގެ ހިތްވަރު އަޅުގަނޑަށް ދެއްވެވީތީއެވެ. އަދި އެފަދަ ހަރުދަނާ ފިރިއަކު ދެއްވެވީތީއެވެ.
ފިރިމީހާއަކީ އެހައި ބޮޑު ތަނަވަސްކަމެއް ނެތަސް ވިޔަފާރިކުރާ މީހެކެވެ. އަޅުގަނޑުގެ އެކައުންޓަށް މިހާރުވެސް ކޮންމެ މަހަކު ޖަމާކޮށްދެނީ ވަކިވަރެކެވެ. އެކަމަކު އޮންނަނީ ހުސްވެއްޖެނަމަ އޭނާ ގާތު ނުއެދި އަމިއްލައަށް އިތުރުކުރެވޭނެ ގޮތްވެސް ހަމަޖައްސައިދީފައެވެ. އެކަމަކު އަޅުގަނޑު ޚަރަދުތައް ކުރަނީ ބަލައިގެންނެވެ. ކޮންމެ މަހަކުވެސް ފައިސާ އިތުރުވެއެވެ. އެޢަދަދަށް ނުބަލައި ކޮންމެ މަހަކުވެސް އަޅުގަނޑަށްދޭ އެލަވަންސް ހަމައެވަރަށް ޖަމާކޮށްދެއެވެ. އެހެންވެ މިހާރުވެސް ފުދޭވަރެއްގެ ބެލެންސެއް އެބަހުއްޓެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. އެބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް ވިސްނަވާށެވެ!
- ޢާޤިށާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
30 މެއި 2025