އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު
ސުވާލު: މުސްކުޅިވެ ބުއްދިފިލައިފައިވާ މަންމަގެ ރޯދައަށް ކިހިނެއްތޯ ހަދަންޖެހޭނީ. މިސްކީނުންނަށް ކާންދޭން ޖެހޭނެތޯ؟
ޖަވާބު: ބުއްދިފިލައިދިއުމޭ ބުނީމާ މީގައި ސުވާލު އުފެދޭ. އޭނާއަކީ އެއީ ބުއްދި ހަމަނުޖެހެނީތޯ ނުވަތަ މުސްކުޅިވުމުގެ ސަބަބުން އޭނާ ކިޔޭ ނުކިޔޭ ނޭންގެނީތޯ. މިއީ ތަފާތުކުރަންޖެހޭ ކަމެއް.
ބުއްދި ގޮސްފައިވާ މީހުން، އެ މީހުންނަށް މި ކިޔެނީ މޮޔައިންނޭ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ގުރައިދޫގެ ސިއްހީ މަރުކަޒުގައި ބައިތިއްބަންޖެހޭ ހާލަތުގައި ތިބޭ މީހުން. އެ މީހުންނަކީ އެއީ މޮޔައިން. އެހެން ކަމަށް ވަނީނަމަ އެފަދަ މީހުންނަކީ އެއީ އިސްލާމްދީނުގައި ތަކުލީފު ޖެހިގެންވާ ބައެއް ނޫން. އިސްލާމްދީނުގައި ތަކްލީފުޖެހިފައި މި ވަނީ ބާލިޣުވެފައިވާ މިނިވަން އަދި ބުއްދި ސަލާމަތުން ހުރި މިހަކަށް. ބުއްދި ސަލާމަތުން ނެތް ކަމުގައި ވަނީނަމަ އޭނައަކީ އެއީ މުކައްލަފު ނުވަތަ އިސްލާމްދީނުގައި މި އޮންނަ ހުކުމްތައް އެ މީހެއްގެ މައްޗަށް ހިނގާނެ މީހެއް ނޫން.
އެހެންވީމާ މުސްކުޅިވެގެން އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ބައެއް ފަހަރަށް ނޭނގޭ ހިސާބަށް ގޮސްފައި ހުރި ކަމުގައި ވިޔަސް އޭނާއަކީ ދުނިޔެއިން މޮޔަވެފައި ހުރި މީހެއް ކަމުގައި ނުއެއް ބެލެވޭނެ. އެހެންވީމާ އެ ކަން ޔަޤީންކުރަން ޖެހޭނެ. އެ މީހަކީ ދުނިޔެއިން މޮޔަވެފައިވާ މީހެއްތޯ ނުވަތަ މުސްކުޅިވުމުގެ ސަބަބުން ކިޔޭ ނުކިޔޭ ނުވަތަ މާޒީގައި ވެފައިވާ ކަންތައްތައް ހަނދާން ނުހުންނަނީތޯ އެ ކަން ޔަޤީން ކުރަންޖެހޭނެ. ކޮންމެއަކަސް މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ ކަމަށް ވަނީނަމަ އެ މީހަކަށް އޮތް ގޮތަކީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުން. އެއީ ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހާއަށް ވެސް އޮތް ޙުކުމް. ދާއިމީ ބައްޔަކަށް ފަރުވާކުރަނީ، މާނައަކީ އެ ބަލިން އޭނާ ފަސޭހަވާނެކަމުގެ އުންމީދެއް ޑޮކްޓަރުންނަކަށް ނުއެއް ނެތް. އޭނައަށް އަދި މުސްތަޤުބަލުގައި ބަލިން ފަސޭހަވެ ރޯދަ ހިފޭނެކަމުގެ އުންމީދެއް ވެސް ޑޮކްޓަރުންނަކަށް ނެތް. އެހެން ކަމަށް ވަނީނަމަ އެފަދަ މީހުންނާ،
މުސްކުޅިވެ ގައިބާރުދެރަވެފައި ތިބޭ މީހުން އެ މީހުންނަށް އޮތީ ރޯދަ ދޫކޮށްލުމަށް ފަހުގައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުން. އެންމެ ރަނގަޅުގޮތަކީ ކޮންމެ ރޯދައެއް ވެސް އެ ދުވަހުގެ ރޯދައާ އެކުގައި ކޮންމެވެސް މިސްކީނަކަށް ކާންދިނުން ލަސްނުކޮށް. ސަބަބަކީ އެއީ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ޙައްޤުގައި އަދާކުރަންޖެހޭ ދަރަންޏަކަށް ވާތީވެ. އެ ދަރަނި އަދާނުކޮށް ލަސްކުރުން އެއީ އެއްވެސް ގޮތަކަށް ރަނގަޅުކަމެއް ނޫން. އެހެންވީމާ ވީ އެންމެ އަވަހަކަށް އެ ދުވަހުން އެ ދުވަހަކަށް ރަމަޟާން މަހުގެ އެ ދުވަހުން އެ ދުވަހަކަށް މިސްކީނަކަށް ކާންދީ އެ ކަން ނިންމައިލުން އެއީ އެންމެ ރައްކާތެރި، އެންމެ ރަނގަޅު ގޮތަކީ.
މުސްކުޅިވެ ބުއްދިފިލާފައިވާ މަންމަގެ ރޯދަ. އެއާ ގުޅިގެން އެބައިން އިތުރަށް ފޮނުވައިފައި. މުސްކުޅިވެގެން މިހާރު ހަނދާން ނެތިފައޯ ހުންނަނީ
ޖ: އެހެންވީމާ ކޮންމެ ރޯދައެއް މިސްކީނަކަށް ކާންދޭންވީ. އެއީ އެއްވެސް ގޮތަކަށް މޮޔައިންގެ ކެޓަގަރީއަކަށް ނުއެއް ވަންނާނެ އަދި ހަނދާން ނެތުމަކުންނެއް.
ވަﷲ އަޢުލަމް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
10 މެއި 2025